އެތައް ބައެއްގެ ހިތްތަކުން ޖާގަހޯދާފައިވާ ސްރީ ދޭވީގެ މަރުވެއްޖެކަމަށް ލިބުނު ހަބަރަށްފަހު މީހަކު ސްރީދޭވީގެ ގެ ކައިރީ ކޭމްޕް ކުރަމުން އެބަދެއެެވެ.

މިއަދު މެންދުރު ފަހު 3:30 ގައި ސްރީ ދޭވީގެ ހަށިގަނޑު ވަޅުލާއިރު، އެތައް ބަޔަކަށް ހައިރާންކަމެއް ލިބެމުން ދަނީ ސްރީ ދޭވީގެ ގެ ކައިރީ ކޭމްޕް ކުރަމުންދާ މީހާ ފެނިފައެވެ. އޭނާއަކީ އުއްތަރް ޕްރަދޭޝްއަަށް ނިސްބަތްވާ މީހެކެވެ.

ޖަތިން ވަލްމިކީ ނަމަމަކަށް ކިޔާ އެ މީހާ މިހާރު އެގެ ކައިރީ ކޭމްޕް ކުރާތާ ތިން ވަރަކަށް ދުވަސްވެދާނެކަމަށް ވެއެވެ.

ޖަތިންއަކީ ސްރީ ދޭވިއަށް ވަރަށް ބޮޑަށް ސަޕޯޓް ކުރާ މީހެކެވެ.

"އަހަންނާއި ސްރީ ދޭވީ ބައްދަލުވީ އިވެންޓެއްގެ ތެރެއިން. އެ އިވެންޓްގައި އަހަރެން ސްރީ ދޭވީ ކައިރީ ބުނީ އަހަރެންގެ ބޭބެގެ ސިކުނޑީގައި ޓިއުމަރެއް އިން ވާހަކަ. ވަގުތުން ސްރީ ދޭވީ އަހަންނަށް ދިނީ އެއްލައްކަ ރުޕީސް. އަދި އިތުރު ފައިސާތައް. އެ އެއްލައްކަ ރުޕީސްއިން ހޮސްޕިޓަލުގެ މެޑިކަލް ބިލްތަކަށް ދެއްކީ. އަހަންނަކީ ފިލްމްތައް ބަލާ އުޅޭ މީހެއް ނޫން. އަހަރެން މިއައީ ސްރީ ދޭވީއަށް އިހުތިރާމް ކުރުމަށް. އެ ފިލްމީ ތަރިއަކީ އަހަރެންގެ ބޭބެ ރަނގަޅުވުމުގެ އަސްލު. އަހަރެންގެ ބޭބެ ދުނިޔޭގައި އޮތީ އޭނާގެ ސަބަބުން". ޖަތިން ބުންޏެވެ.

ޖަތިން ބުނީ، ސްރީ ދޭވީ އަށް އެ ފައިސާ އަނބުރާ ދިނުމުގެ އެއްވެސް ގޮތެއް އޭނާގެ ނެތްކަމުގައި ވިޔަސް، އޭނާ ދިރިއުޅޭ ހިސާބުން މުމްބާއިއަށް އޭނާ އައީ ސްރީ ދޭވީއަށް އިހުތިރާމް ކުރުމަށް ކަމަށެވެ.