ޓެކްނޮލޮޖީ ބާރު ސްޕީޑެއްގައި ކުރިއަރައިގެން ދާއިރު މިއަދު ކޮންމެ މީހެއްގެ އަތުގައިވެސް ސްމާޓް ފޯނަކާއި ލެޕްޓޮޕްއެއް އޮވެއެވެ. މިދޭތި ނޯންނަ ޒުވާން އުމުރު ފުރައިގެ ކުއްޖެއް މަދުވާނެއެވެ. ނަމަވެސް މިކަން ގޯސްވާ ހިސާބަކީ ކުއްޖާއަށް ފޯނާއި ލެޕްޓޮޕް ދޭ ހިސާބުން މައިންބަފައިންގެ ޒިންމާ ކެޑުނު ކަމަށް ޤަބޫލު ކުރާ ހިސާބެވެ. ކުއްޖާ މަގުން ކައްސައިލައިގެން ދާއިރުވެސް ފިލްޓަރ އެއްލައިގެން އަމިއްލަޔަކަށް މާ މަޖާވެގަނެގެން އުޅޭ މީހުންގެ ވީޑިއޯތައް ބަލަން ކުއްޖާގެ މަންނަ އިން ހިސާބުންނެވެ.

ކުއްޖާ އުޅޭ ނޫޅޭ ގޮތް ބެލުމަކީ މައިންބަފައިންގެ ޒިންމާއެކެވެ. ކުއްޖާ ރަށުން ބޭރަށް ދިޔަސް ނުވަަތަ ރަޙްމަތްތެރިންނާއިއެކު ބޭރަށް ދިޔަސް އެޒިންމާއެއް ނުކެޑޭނެއެވެ. ނަމަވެސް މައިންބަފައިން އަބަދުވެސް އުފައްދާ ސުވާލަކީ ކުއްޖާ އުޅޭ ނޫޅޭ ގޮތް ބަލާނީ ކިހިނެތް ހެއްޔެވެ؟ މިސުވާލުގެ ޖަވާބުގައި ބުނެލަން އޮތީ މިކަން ކުރަން އެންމެ ފަސޭހަ ގޮތަކީ ކުއްޖާ ސްނެޕްޗެޓްއިން އެޑްކޮށްލުމެވެ.

ސްނެޕްޗެޓްއަކީ މިއަދު ޒުވާނުންނާއި ސްކޫލް ކުދިންގެ މެދުގައި ވަރަށް މަޤްބޫލް އެއްޗެކެވެ. ތިމާ ކުރާ ހުރިހާކަމެއް ޑައިރީގައި ލިޔުނު ޒަމާން މާޒީވެ، މިހާރު ކުރާ ކަންތައް ދައްކަނީ ސްނެޕްއިންނެވެ. ކުރީގައި ޑައިރީ މީހަކު ކިޔައިފިނަމަ ރުޅި އެރިޔަސް، މިހާރުގެ ކުދިންގެ ސްނެޕް ސްޓޯރީސް ގިނަ ބަޔަކު ބެލިވަރެއް އެކުދިނަށް ރަނގަޅެވެ.

ސްނެޕް ޗެޓްއަކީ ބެލެނިވެރިންގެ ތެރޭގައި މަޤްބޫލް އެއްޗަކަށް ނުވުމާއިއެކު ސްނެޕްޗެޓްގެ ބޭނުން ނަހަމަ ގޮތުގައި ބައެއް ކުދިން ހިފައެވެ. ލޯބީގެ ގޮތުން ގުޅިގެން އުޅޭ މީހާއާއެކު ކިސްކޮށް އެފޮޓޯވެސް އެހެން މީހުނަށް ދައްކައެވެ. އެއީ ސަޅި ކަމެއް ކަމަށް ހީކުރިޔަސް އެއީ ހަމަ ގޮތް ނެތް ކަމެވެ. މީގެ އިތުރަށް ސްނެޕްޗެޓްގައި "ކޫލް" ކަމަށް ދެއްކެން ޝީޝާ ބޮއެ އުޅޭ ކުދިންވެސް މަދެއް ނޫނެވެ.

ތިމާގެ ދަރިފުޅު މަގުން ކައްސައިގެން ދިޔަ ނުދީ ބަހައްޓަން ބޭނުންނަމަ، އަދި އެކުއްޖާ އުޅޭ ނޫޅޭ ގޮތް ބަލަން ބޭނުންނަމަ އެކަން ކުރެވޭނެ އެންމެ ފަސޭހަ ގޮތަކީ އެކުއްޖަކު ސްނެޕްޗެޓްއިން އެޑްކޮށްލުމެވެ.