ޗޮކުލެޓުގެ ބާވަތްތަކަކީ އެތައް ބަޔަކު ލޯބިކުރާ އެއްޗެކެވެ. ބައެއް ފަރާތްތަކަށް އެއީ، އެއެއްޗަކާ ނުލައި ނޫޅެވޭ، ދުވަސް ފުރިހަމަ ނުވާ އެއްޗެއްސެވެ. ޗޮކުލެޓުގެ ބާވަތްތަކުގެ ތެރެއިން، ނަޓެލާ އަކީވެސް އެތައް ބަޔަކު ލޯބިކުރާ ބާވަތެކެވެ. ހެނދުނުގެ ނާސްތާއަށާއި ދުވަހުގެ އެހެން ވަގުތުތަކުގައިވެސް، އެތައް ބަޔަކު ބޭނުންކުރާ އެއްޗެކެވެ.

އެހެންކަމުން، ބައެއް ފަރާތްތަކަށް، ވަޒީފާއެއްގެ ގޮތުގައި ޗޮކުލެޓު ކެއުން ވާނީ ވަރަށް ޝައުގުވެރި ކަމަކަށެވެ. އެފަދަ ފުރުޞަތެއް ވަނީ ހުޅުވާލެވިފައެވެ.

މަޝްހޫރު ނަޓެލާ އުފައްދާ ކުންފުނި ކަމުގައިވާ ފެރޭރޯ އިން ވަނީ، ނެޓެލާގެ ރަހަ ބެލުމަށް، މުވައްޒަފުންތަކެއް ނެގުމަށް ނިންމާފައެވެ. ހަމައެކަނި ރަހަ ބެލުމުގެ ބޭނުމުގައި، އެކުންފުނިން ހުޅުވާލާފައިވަނީ، 60 މުވައްޒަފުން ނެގުމަށެވެ. އެހެންނަމަވެސް، އެމަސައްކަތް ކުރަން، ފެރޭރޯގެ ހެޑް ކުއާޓަރު ހުންނަ އިޓަލީގެ އަލްބާ އަށް ބަދަލުވާން ޖެހެއެވެ. މިއީ، ފަތުރުވެރިންގެ މެދުގައި މަޤުބޫލު ސިޓީއެކެވެ.

މި ވަޒީފާއަށް ނަގާ 60 މީހުން ވާން ޖެހޭނީ ޕްރޮފެޝަނަލް ބަޔަކަށް ނޫނެވެ. ހަމައެހެންމެ، ކޮންމެހެން، ވަކި ދާއިރާއަކުން ކިޔަވާފައި ނުވަތަ ވަކި ޚާއްޞަ ތަމްރީނެއް، މީގެ ކުރިން ހަދާފައި އޮންނާކަށްވެސް ނުޖެހެއެވެ. އެހެންނަމަވެސް، ވަޒީފާ އަށް ކުރިމަތިލެވޭނީ، އިޓަލީ ބަސް ދަންނަ ފަރާތްތަކަށެވެ.

ފެރޭރޯ ކުންފުނިން ކޮށްފައިވާ އިއުލާނުގައި އިތުރަށް ބަޔާންކޮށްފައިވާ ގޮތުން، ވަޒީފާގެ މާހައުލަށް ނެގުމުގެ ކުރިން، ތިން މަސް ދުވަހުގެ ތަމްރީނެއް ދިނުމަށް ވަނީ ހަމަޖެހިފައެވެ. މި ތަމްރީނު ކުރިއަށްދާ މުއްދަތުގެ ތެރޭގައިވެސް، މުވައްޒަފުންނަށް މުސާރަ ދިނުމަށް ނިންމާފައިވެއެވެ. އެހެންނަމަވެސް، ތަމްރީނު ނިމުމަށްފަހު، ވަޒީފާގެ ކޮންޓްރެކްޓް އިތުރުކުރާނީ އެންމެ 20 މުވައްޒަފުންގެއެވެ.

މީގެކުރިން، އެހެން ކުންފުންޏަކުންވަނީ، ބާބަކިއު ހަދާނެ މީހުން ހޯދަންވެސް އިޢުލާން ކޮށްފައެވެ.

ކިޔުންތެރިންގެ ހިޔާލު