މީގެ ފަސް އަހަރު ކުރިން ފްލޮރިޑާއިން ގެއްލުނު އަންހެން ކުއްޖަކު އޭނާގެ އާއިލާއަށް ސިޓީއެއް ފޮނުވައިފިއެވެ.

މިދިޔަ ބުރާސްފަތި ދުވަހު، އެމިލީ ވައިނެލް ޕައުލް ނަމަކަށްކިޔާ އެ އަންހެން ކުއްޖާ އޭނާގެ މަންމައަށް ފޮނުވި ސިޓީގައި އޭނާ ހެޔޮ ހާލުގައި ހުރިކަމަށް ބުނެފައިވާއިރު، ސިޓީގައި ލިޔެފައި ސީދާ ވަނީ ކޮން ވާހަކައެއް ކަމެއް އެމިލީގެ މަންމަ ހާމަކޮށްފައެއް ނުވެއެވެ.

ނަމަވެސް އެ ސިޓީ ލިޔެފައިވަނީ އޭނާގެ ދަރިފުޅު ކަމަށާއި، ދައްކާފައި ހުރި ވާހަކަތަކާއި ލިއުމުން އެކަން ޔަޤީންކުރެވޭ ކަމަށް އެމިލީގެ މަންމަ ބުނެފައި ވެއެވެ. މި ސިޓީ ލިބުމާއި އެކު އެމިލީގެ މަންމަ ވަނީ އެކަން ފްލޮރިޑާގެ ކަމާއި ބެހޭ އިދާރާތަކުގެ ސަމާލުކަމަށް ގެންގޮސްފައެވެ. އެއާއި އެކު އެފަރާތްތަކުން މިހާރު ދަނީ އެކަން ބަލައި ތަހުޤީޤުކުރަމުންނެވެ.

މިއީ އެމިލީ ގެއްލުނު ފަހުން އޭނާގެ ޚަބަރެއްވީ ފުރަތަމަ ފަހަރު ކަމުގައި ވީނަމަވެސް، މީގެ ކުރިން އޭނާ ފޭސްބުކްގައި އެކްޓިވްކޮށް ހުއްޓައި ފެނުނެވެ. އަދި އޭނާގެ ފޯނު އޮންކޮށްފައި އޮތްކަމަށާއި، ނަމަވެސް އެއްވެސް ޚަބަރެއް ނުވެ ފަހުން ފޯނު ނިވާލާފައި އޮތްކަމަށް ވެއެވެ. މި ސަބަބަށްޓަކައި ކުރިން ބެލެވުނީ އޭނާ ރަހީނުކުރީ ކަމަށެވެ. ނަމަވެސް އެމިލީގެ ސިޓީއަށްފަހު، އޭނާ އަމިއްލައަށް ފިލައިގެން ދިޔައީ ކަމަށް ވަނީ ބެލެވެން ފަށާފައެވެ.

އެމިލީ ގެއްލިފައި ވަނީ 2013 ވަނަ އަހަރުގެ އޭޕްރިލް މަހުގެ 13 ވަނަ ދުވަހުގެ ހެނދުނު 6:30 ހާއިރު އެވެ. އޭރު އޭނާގެ އުމުރަކީ 14 އަހަރެވެ. އޭނާ ގެއްލުމާއި ގުޅިގެން އެތައް ދުވަހެއް ވަންދެން އޭނާ ހޯދުމުގެ މަސައްކަތް އިދާރާތައް ގުޅިގެން ކޮށްފައި ވެއެވެ. ނަމަވެސް އެ މަސައްކަތުގައި މާބޮޑު ކާމިޔާބެއް ލިބިފައެއް ނުވެއެވެ. މިހާރު އެމިލީއަށް 19 އަހަރު ވެދާނެއެވެ.

ކިޔުންތެރިންގެ ހިޔާލު