އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް ދާދިފަހުން އިނގިރޭސިވިލާތައް ކުރި ދަތުރުގައި ރާނީ އެލިޒަބަތު އާއި ބައްދަލު ކުރަން ވިންޑްސާ ކާސަލް އަށް ގޮސް ރާނީ ވަޑައިނުގަނެގެން 15 މިނެޓް މަޑުކުރަން ޖެހުނު ކަމަށް ބުނެ ޓްރަމްޕް ދޮގުހަދައިފިއެވެ.

"އަހަރެމެން ހެލިކޮޕްޓަރު ޖެއްސުމަށް ފަހު މަޑުކުރަން ރާނީގެ ގާޑުން ނައިސްގެން. 15 މިނެޓް ވަންދެން މަޑުކުރަން ޖެހުނު. އަހަރެން މަޑުކުރީ އަހަރެންގެ އަނބިމީހާ އާއި ވެސް އެކުގައި. އެކަމަކު މަޑުކުރަން ޖެހުނީ ރާނީ އަށް. އެހެންވީމާ މައްސަލައެއް ނެތެއްނު؟ އަހަރެމެންނަށް މަޑުކުރެވިދާނެ. އަހަރެންނަށް މާއަވަހަށް ދެވުނީ." ޓްރަމްޕް ބުންޏެވެ.

ޓްރަމްޕް އެހެން ބުނި ނަމަވެސް ހަޤީޤަތުގައި ކަން ހިނގާފައި ވަނީ އެގޮތަކަށް ނޫނެވެ. ރާނީ ވަނީ އެދުވަހު ޓްރަމްޕްގެ އިންތިޒާރުގައި 12 މިނެޓް ވަންދެން މަޑުކޮށްފައެވެ. ރާނީ ޓްރަމްޕް އަށް މަރުޙަބާ ކިޔަން ގަނޑުވަރުން ނިކުމެވަޑައިގެންނެވިއިރު ޓްރަމްޕް ދަތުރު ކުރެއްވި ހެލިކޮޕްޓަރު އަދި އޮތީ ވައިގެ ތެރޭގައެވެ.

ރާނީ އަކީ ވަރަށް ބޮޑަށް ގަޑިއަށް ކަންތައްތައް ނިންމަން އިސްކަން ދެއްވާ ބޭކަނބަލެކެވެ.

ގައުމުތަކުގެ ވެރިން އެއް ގައުމުން އަނެއް ގައުމަށް ވަޑައިގަންނަވާއިރު ހުރިހާ ކަމެއް ވެސް ކުރާނެ ވަގުތުތައް ވަރަށް ރަނގަޅަށް ލިޔެވިފައި ހުރެއެވެ. އެގަޑިތަކަށް އެއްވެސް ވެރިޔަކު އަމަލު ނުކޮށްފިނަމަ އެއީ ވަރަށް ބޮޑަށް އެވެރިއެއްގެ ފަރުވާ ކުޑަކަމާއި ކަންކަން ރާވަން ހަމަޖައްސާފައި ތިބޭ މުވައްޒަފުންގެ ނާގާބިލްކަން ދޭހަވާ ކަމެކެވެ.