ގޭގައި ދިމާވާ ހުރިހައި ކަމެއް ކޮށްގެން މުޅި ގެއާއި އާއިލާ ބަލަހައްޓައިގެން ތިބޭ ހިއްވަރުގަދަ އަނބިންނަކީ އިންޑިއާގެ އެންމެ ބޮޑެތި ސީއީއޯއިން ކަމަށް ބޮލީވުޑްގެ މަޝްހޫރު ބަތަލާ އައިޝްވަރިޔާ ރާއީ ބައްޗަން ބުނެފިއެވެ.

އިންޑިއަން އައިޑަލްގައި މިހާރު ކުރިއަށްދާ ސީޒަން ދިހައެއްގެ މިދިޔަ ހަފްތާގެ އެޕިސޯޑުގައި ޚާއްސަ މަހެމާނެއްގެ ގޮތުން އެ ޝޯވްގައި ބައިވެރިވެ ދެއްކި ވާހަކައިގައި އައިޝްވަރިޔާ ބުނީ އިންޑިއާ އާއި އަދި ދުނިޔޭގެ އެކި ކަންކޮޅުތަކުގައި ތިބި އެފަދަ އަނބިންނާއި މެދުވެސް އޭނާ ވަރަށް ބޮޑަށް ފަޚުރުވެރިވާ ކަމަށެވެ.

"އަޅުގަނޑުމެންގެ ޤައުމުގައި ގޭގައި ތިބޭ އަނބިންނަކީ އެންމެ ބޮޑެތި ސީއީއޯއިން. އެމީހުނަށް އެންމެ މަތީ އިހްތިރާމް ލިބެން ޖެހޭނެ. އެމީހުންގެ ހިއްވަރުގަދަ ކަމަށްޓަކައި އަޅުގަނޑު ވަރަށް ފަޚުރުވެރިވެސް ވޭ،" އައިޝްވަރިޔާ ބުނެފައި ވެއެވެ.

އައިޝްވަރިޔާގެ މި ވާހަކަތަކާއި ގުޅިގެން އިންޑިއަން އައިޑަލް ޝޯވްގެ ފަނޑިޔާރެއް ކަމަށްވާ ވިޝާލް ޑަޑްލާނީ ބުނެފައިވަނީ އައިޝްވަރިޔާއަކީ ދުނިޔޭގެ އެންމެ ރީތި އަންހެން މީހާއަށްވެ ހުރެ ހުރިހައި އަނބިންނަށްވެސް ހުރި ލާމަސީލު މިސާލެއް ކަމަށެވެ. އަދި އަމީތާބް ބައްޗަންގެ ދަޢުވަތަކަށް އޭނާ ދިރިއުޅޭ ގެއަށް ދެވުނު ދުވަހެއްގައި އައިޝްވަރިޔާ އަމިއްލައަށް ކާތަކެތި ތައްޔާރުކޮށްގެން ގެންދިޔަ ހަނދާން އަދިވެސް އާވާކަމަށާއި، އެއީ އިންޑިއާގެ އަނބިންނާއި މެދު ފަޚުރުވެރިވާ ކަމެއް ކަމުގައި އޭނާ ބުންޏެވެ.

އައިޝްވަރިޔާގެ އިތުރުން މިދިޔަ ހަފްތާގެ ޝޯވްގައި ބޮލީވުޑްގެ ތަރި އަނިލް ކަޕޫރު އަދި ރާޖްކުމާރު ރާއޯވެސް ބައިވެރިވިއިރު، އެ ދެމީހުންވެސް ވަނީ އައިޝްވަރިޔާގެ ބަސްތަކަށް ވަރަށް ބޮޑަށް ތައުރީފުކޮށްފައެވެ.

އައިޝްވަރިޔާ އާއި އަނިލް ކަޕޫރުގެ އިތުރުން ރާޖްކުމާރު އެންމެ ފަހުން ފެނިގެން ގޮސްފައިވަނީ މިދިޔަ ހުކުރު ދުވަހު ރިލީޒްކުރި ފިލްމް، "ފަންނޭ ޚާން" އިންނެވެ. މި ފިލްމަކީ ފިލްމީ ދާއިރާ އާއި ދުރުގައި ދުވަސްތަކެއް ހޭދަކުރުމަށްފަހު އައިޝްވަރިޔާ ފެނިގެންދާ ފިލްމެވެ.