މިއީ ދުނިޔޭގެ ބައެއް ހިސާބުތަކަށް ވަރަށް ގަދަ ފިންޏާއި އެކު ސްނޯ ވެހެމުން ދާ ދުވަސްކޮޅެކެވެ. މި ދުވަސްކޮޅު ގިނަ މީހުން އެމީހުންގެ ވިޔަފާރީގެ ކަންތައްވެސް މަޑު ޖައްސާލަން މަޖުބޫރު ވެފައި ވާއިރު، ނެދަލޭންޑުގެ ޑްރަގް ޑީލަރުންނަށް ހުއްޓުމެއް ނެތެވެ.

ތި ފޮޓޯ އަށް ބަލައިލުމުން އެންމެންގެ ހިތުގައިވެސް އުފެދޭނެ އެންމެ ބޮޑު އެއް ސުވާލަކީ އެ ފުރާޅުގެ ވަކި ހިސާބެއްގައި ސްނޯ ނުޖެހި އެ ހުރީ ކީއްވެ ކަމާއި މެދުގައެވެ. ނެދަލޭންޑުގެ ފުލުހުންގެ ހިތުގައިވެސް އުފެދުނީ މި ސުވާލެވެ. މިއާއިއެކު ވާ ނުވާ ބެލުމަށް އެ ގޭގެ ތެރެއަށް ވަން އިރު ކަމަކު ދާކަށް ނެތެވެ. ސްނޯ ނުޖެހި ހުރި ހިސާބަކީ ކެނަބިސް ފާމެކެވެ. ނުވަތަ ގޭ ތެރޭގައި ކެނަބިސް އާލާ ކުރާ ތަނެކެވެ.

މި ހާދިޘާ ހިނގާފައި ވަނީ މީގެ އަހަރުތަކެއް ކުރިން މި ދުވަސްކޮޅުގައި ކަމަށް ވީ ނަމަވެސް، ނެދަލޭންޑުގެ ފުލުހުން މިވަނީ މި ފޮޓޯ އާއްމުކޮށް، މިފަދަ ގޮތަކަށް ގެއެއްގެ ފުރާޅުގައި ވަކި ހިސާބެއްގައި ސްނޯ ނުޖެހި ހުންނަ ނަމަ، ކެނަބިސް އާލާ ކުރާ ކަމަށް ޝައްކުވެގެން ކަމަށް ބުނެ ފުލުހުންނަށް ގުޅުމަށް އިލްތިމާސް ކޮށްފައެވެ.

ގެތަކުގައި ކެނަބިސް އާލާ ކުރާ އިރުގައި ގިނަ އަދަދަކަށް ހޫނު އުފައްދާ ލައިޓްތައް ބޭނުން ކުރަން ޖެހުމުން އެ ބޭނުންކުރާ ހިސާބަށް ފިނީގެ އަސަރު އެހައި ބޮޑަކަށް ނުކުރާނެއެވެ. ނެދަލޭންޑުގެ ފުލުހުން މިކަން ހާމަ ކުރި ފަހުން އިނގިރޭސި ވިލާތާއި އެނޫންވެސް ޤައުމު ތަކުގެ ފުލުހުން ހެލިކޮޕްޓަރު ބޭނުން ކޮށްގެން މިފަދަ ގެތައް ހޯދުމުގެ މަސައްކަތްތައް ވަނީ މީގެ ކުރިންވެސް ކޮށްފައެވެ.

ކެނަބިސް އަކީ ދުނިޔޭގެ ބައެއް މަދު ޤައުމު ތަކުގައި އަދި ބައެއް ސްޓޭޓް ތަކުގައި ބޭނުންކޮށް، އާލާ ކުރުން ހުއްދަ އެއްޗެއް ކަމުގައި ވީ ނަމަވެސް، ގިނަ ޤައުމު ތަކުގައި މިއީ ޤާނޫނާއި ޙިލާފް ކަމެކެވެ.

ކިޔުންތެރިންގެ ހިޔާލު

2 ކޮމެންޓް

  1. ޙަހަ

    މޮޔަ

  2. ޅިޔަންބެ

    އަޅުގަނޑު ތި ފޮޓޯ މީގެ އެތައް އަހަރެއްކުރިން ދުށިން