އޮފީހުގައި ނުވަތަ ކޮލެޖްގައި ހުންނަ ކީބޯޑަކީ ކިހައި ވަރަކަށް ނުތާހިރު އެއްޗެއް ކަން ބައެއް މީހުންނަށް ވިސްނައި ނުލެވިފައި އޮވެދާނެއެވެ. އެހެންކަމުން ކީބޯޑު ސާފުކުރަން މާބޮޑު އިސްކަމެއް ވެސް ނުވެއެވެ.

ނަމަވެސް ޔުނިވަސިޓީ އޮފް އެރިޒޯނާ އިން ދާދިފަހުން ކުރި ދިރާސާ އަކުން ދައްކާ ގޮތުގައި ފާހާނާއެއްގެ ތެރޭގައި ހުންނަ ނަޖިހަށްވުރެ 400 ގުނަ އިތުރަށް ކޮމްޕިއުޓަރު ނުވަތަ ލެޕްޓޮޕްގެ ކީބޯޑުގައި ނަޖިސް ހުރެއެވެ. މާނައަކީ ކީބޯޑްގެ ސަބަބުން އެތައް ބަޔަކު ބަލިވުމުގެ ފުރުސަތު އެބައޮތެވެ.

ދިރާސާ ރިޕޯޓްގައި ބުނެފައިވާ ގޮތުގައި މީހުންގެ ގަޔަށް މިހާރު އެންމެ ގިނައިން ބެކްޓީރިއާގެ އަސަރު ކުރަނީ މަސައްކަތް ކުރާ މޭޒު، ފޯން، ކޮމްޕިއުޓަރު، ކީބޯޑް، ކަބަޑު އަދި އަމިއްލަ ބޭނުންތަކަށް ބޭނުން ކުރާ އެހެނިހެން އެއްޗެހީގެ ސަބަބުންނެވެ. މިތަކެތީގެ ސަބަބުން އަންހެނުންނަށް ވުރެ ގިނައިން ބެކްޓީރިއާގެ އަސަރު ކުރަނީ ފިރިހެނުންނަށެވެ.

ވަޒީފާގެ މާހައުލުން ބެކްޓިރިއާގެ އަސަރު މީހުންނަށް ކުރާ ގޮތް ދިރާސާ ކުރުމަށް ފަހު މިދިރާސާގައި ބުނެފައި ވަނީ ހޫނު އޮފީސްތަކުގައި މަސައްކަތް ކުރާ މުވައްޒަފުންނަށް ފަސޭހައިން ބެކްޓީރިއާގެ އަސަރު ކުރާ ކަމަށެވެ.

އޮފީސް މާހައުލުގައި ކެއުމަށް ބޭނުންކުރާ ތައްޓަކީ ވެސް ވަރަށް ފަސޭހައިން ބެކްޓީރިއާގެ އަސަރު މީހުންނަށް ކުރާ އެއްޗެއް ކަމަށް ރިޕޯޓްގައި ބުނެފައި ވެއެވެ.

އޮފީސް މާހައުލުގައި އެންމެ ގިނައިން "ބެކްޓީރިއާ އުފުލާ އެއްޗަކީ" ގަލަން ކަމަށް ދިރާސާ ރިޕޯޓްގައި ބުނެފައި ވެއެވެ. އެއްވެސް ކަމަކީ ރައްކާތެރި ގަލަމެއް ނޫންކަމަށާއި އެންމެ ގިނައިން ބެކްޓީރިއާގެ އަސަރު އެކެއްގެ ގައިން އަނެކެއްގެ ގަޔަށް އަރަނީ ގަލަން މެދުވެރިވެގެން ކަމަށް ރިޕޯޓްގައި ވެއެވެ.

އެހެންކަމުން އަމިއްލަ ތަކެއްޗަކީ ކިތަންމެ ކުޑަ އެއްޗެއް ނަމަވެސް ސާފުކޮށްގެން ގެންގުޅުމަށް މިރިޕޯޓްގައި ވަނީ އިލްތިމާސްކޮށްފައެވެ.