އެމެރިކާގެ އަސްކަރީ މަރުކަޒެއްގެ ކައިރިއަށް ގިނިހިލައެއް ވެއްޓި ބާރުގަދަ ގޮވުމެއް ގޮވައިފިއެވެ.

މި ހާދިސާ ހިނގާފައިވާކަން އެމެރިކާގެ އަސްކަރިއްޔާއިންވެސް މިހާރު ކަށަވަރުކޮށްދީފައިވާއިރު، ގިނިހިލަ ވެއްޓިފައިވަނީ ގްރީންލޭންޑުގައި ހުންނަ އެމެރިކާގެ އެއާފޯސް ބޭސްއެއްގެ ކައިރިއަށެވެ. މި ހާދިސާގައި އެއްވެސް މީހަކަށް އަނިޔާވެފައި ނުވީނަމަވެސް އެސަރަޙައްދުގެ މަތިން ގިނިހިލަ ވެއްޓުނު ވަގުތު 2.1 ކިލޯޓަނުގެ ގޮވުމެއް ގޮވާފައިވާ ކަމަށް އޮފިޝަލުން ވަނީ ބުނެފައެވެ.

ނިމިދިޔަ ޖުލައި މަހުގެ 25 ވަނަ ދުވަހުގެ ދަންވަރުގެ ވަގުތެއްގައި ހިނގި މި ހާދިސާގައި ގިނިހިލަ ދަތުރުކޮށްފައި އައިގޮތް ކަލުވިކަމުން، ކުރިން އެ ގިނިހިލަ އެދިމާލަށް މިސްރާބު ޖަހާފައިވާކަމެއް ނުވެސް އެނގެއެވެ. ތަޖުރިބާކާރުން ބުނެފައިވަނީ ގިނިހިލަ ދަތުރުކުރީ ސިކުންތަކު 24.4 ކިލޯމީޓަރުގެ ބާރުމިނުގައި ކަމަށެވެ. އޮފިޝަލުން ބުނެފައިވަނީ ގިނިހިލަ ގޮވީ ދުނިޔޭގެ ވައިގެ ފަށަލަތަކުން އެތެރެއަށް ވަދެ، ބިމާއި 43 ކިލޯމީޓަރު މަތިން ކަމަށެވެ.

މި ގިނިހިލަ ވެއްޓުނު ސަރަޙައްދުގައި ހުރި އެމެރިކާގެ އަސްކަރީ މަރުކަޒަކީ، އާލީ މިސައިލް ވާނިންގ ރާޑަރެއްވެސް ޤާއިމްކޮށްފައި ހުންނަ މަރުކަޒެކެވެ. ނަމަވެސް ގިނިހިލަ ވެއްޓުނު ވަގުތު އެ ރާޑަރަށް އެއްވެސް މަޢުލޫމާތެއް އެނގިފައިނުވާކަން ފާހަގަކޮށްލެވެއެވެ. މިކަމާއި ގުޅިގެން އޮފިޝަލުން ބުނެފައިވަނީ އެ ރާޑަރަކީ ހަމައެކަނި މިސައިލް ހޯދުމުގެ ޤާބިލުކަން ލިބިފައިވާ ރާޑަރެއް ކަމުގައެވެ.

މީގެ ކުރިންވެސް ދުނިޔެއަށް ގިނިހިލަ ވެއްޓުމުގެ ހާދިސާތައް ކޮންމެވެސް ވަރަކަށް ހިނގާފައި ވެއެވެ. އެގޮތުން މީގެ މަހެއްހައި ދުވަސް ކުރިން ރަޝިޔާއަށްވެސް ގިނިހިލައެއް ވެއްޓުނެވެ. އަދި 2013 ވަނަ އަހަރުވެސް ރަޝިޔާގެ ހުޅަނގުގެ ސަރަޙައްދަކަށް ގިނިހިލައެއް ވެއްޓުނެވެ. އެ ގިނިހިލަ ވެއްޓުނީ އެ ޤައުމުގެ ހުޅަނގުން މެދުތެރޭގައި އޮންނަ ސިޓީއެއްކަމަށްވާ ޝެލިޔަބިންކްސް އަށެވެ. އަލިފާނާއި އެކު ބާރު ދުވެލީގައި ދަތުރުކުރި އެ ގިނިހިލަ ވަނީ ބިމާއި 25 ކިލޯމީޓަރު މަތިން ގޮވާފައެވެ. އެހެން ނަމަވެސް އެ ގޮވުމުގެ ބާރުގަދަ ކަމުންނާއި، އެއިން ބުރައިގެން ދިޔަ ހިލަކޮޅުތަކުން ޖެހި ބައެއް ގެތަކަށް ގެއްލުން ލިބި ބައެއް މީހުނަށް ވަނީ އަނިޔާވެސް ވެފައެވެ.

ދުނިޔޭގައި ގިނިހިލައަކުން ޖެހި ބޮޑު ގެއްލުމެއް ލިބިދާނެ ކަމުގެ ކަންބޮޑުވުން ކުރިންވެސް ބައެއް ތަޖުރިބާކާރުން ފާޅުކޮށްފައިވެއެވެ. އެގޮތުން ގިނިހިލައެއް ދުނިޔެއާއި ދިމާލަށް މިހާރުވެސް މިސްރާބު ޖަހާފައި ވެދާނެކަމަށާއި، އެހެނަސް އެ ގިނިހިލަ ފެންނާނީ ދެން އިތުރަށް އެކަމުން ސަލާމަތްވާން ފިޔަވަޅެއް އެޅޭވަރަށްވުރެ ވަގުތު ކުޑަތަން ވެފައިވަނިކޮށް ކަމަށް އެފަރާތްތަކުން ބުނެއެވެ. އާދަޔާއި ޚިލާފަށް ބާރަށް ދަތުރުކުރާ ގިނިހިލަތަކުން ދުނިޔެ ސަލާމަތްކުރުމަށް ޚާއްސަ އާލާތެއް ތައްޔާރު ކުރުމުގެ މަސައްކަތް ސައިންސްވެރިން ދަނީ ކުރަމުންނެވެ.

ކިޔުންތެރިންގެ ހިޔާލު

1 ކޮމެންޓް

  1. ނުރަބޯ

    މާތްﷲ ކަމަކަށް އިރާދަކުރައްވައިފިނަމަ އެކަމެއް ނުވާން ހުރި ސަބަބުތައް ނެތިކުރައްވާ. އެހެންކަމުން ހާދިޘާއެއް ހިނގާފާނެކަމަށް އަޅައިގެންތިބޭ ސަލާމަތީ ފިޔަވަޅުތައް އެހައިރުން އޮންނަނީ ކޮންމެވެސް ސަބަބަކާހުރި ބޭނުންނުކުރެވިފައި.