މިދިޔަ ހޮނިހިރު ދުވަހުގެ ރޭގެ ވަގުތެއްގައި މަރުވި އިންޑިއާގެ މަޝްހޫރު ފިލްމީ ތަރި ސްެރީ ދޭވީ ދުބާއިއަށް ދިޔުމުގެ ކުރިން އުޅުނީ ބަލިވެކަމަށް އޭނާގެ ގާތް ރަހުމަތްތެރިއަކު ބުނެފިއެވެ.

ކުޑައިރުން ފެށިގެން ސްރީ ދޭވީއާ ގާތް ގުޅުމެއް އޮންނަކަމަށް ބުނާ ޕިންކީ ރެޑި ބުނީ، ސްރީ ދޭވީ ދުބާއިއަށް ދިޔުމުގެ ކުރިން އުޅުނީ ބަލިކޮށް ކަމަށާއި، އެކަމަށް އޭނާ އެންޓިބަޔޮޓިކްވެސް ބޭނުން ކުރި ކަމަށެވެ.

"ސްރީ ދުބާއަށް ފުރަން އޮތް ދުވަހު އޭނާއާ ވާހަކަދެއްކިން. ސްރީ ދޭވީ ބުނީ އޭނާ އުޅެނީ ބަލިކޮށް ކަމަށް. އަދި ވަރަށް ވަރުބަލިކަމަށް. އެކަމަކުވެސް އެ ކައިވެނީގެ ހަފްލާއަށް ދާން ޖެހޭކަމަށް ބުނި". ދުބާއިގައި އޮތް ސްރީ ދޭވީގެ އާއިލާ މީހެއްގެ ކައިވެނީގެ ހަފްލާއަށް ފުރުމުގެ ކުރިން ޕިންކީ ކައިރީ ސްރީ ދޭވީ ބުންޏެވެ.

ޕިންކީ އާއި ސްރީ ދޭވީ އަކީ އުމުރުން އަށް އަހަރުން ފެށިގެން ރަހުމަތްތެރިންނެވެ. ޕިންކީ ބުނީ ގެއްލިގެން އެ ދިޔައީ އޭނާގެ ދައްތައެއް ފަދަ މީހެއް ކަމަށެވެ.

ޕިންކީ އިތުރަށް ބުނިގޮތުގައި، ސްރީގެ މަރާއި ގުޅޭގޮތުން އެކި މީހުން ޖޯކު ޖަހާތީ އެކަމާ ވަރަށް ދެރަވެއެވެ. އަދި އެކަމާއި ވަރަށް ރުޅިވެސް އާދެއެވެ.

ސްރީ ދޭވީގެ މަރަށްފަހު މުޅި ބޮލީވުޑް ދަނީ އެ ހިތާމަ ފާޅު ކުރަމުންނެވެ. އަދި ބޮލީވުޑްގައި ކުރިއަށް ނެރެން ހުރި ބައެއް ފިލްމްތައްވެސް މިހާރު ވަނީ ފަސްކޮށްފައެވެ.

ކިޔުންތެރިންގެ ހިޔާލު