އަޅުގަނޑުމެންގެ ތެރޭގައި ބުޅާ ދެކެ ބިރުގަންނަ މީހުންނާއި ބުޅާ ދެކެ ފަކުރުގަންނަ މީހުން އުޅެއެވެ. ނަމަވެސް ދަންނަންޖެހޭ އެއް ހަގީގަތަކީ ބުޅާދެކެ ކިތަންމެ ބިރުގަތަސް ނުވަތަ ފަކުރުގަތަސް ބުޅަލާ ދޭތެރޭ އިހާނެތިކޮށް ހިތުމަކީ ވަރަށްވެސް ނުބައި އަމަލެއްކަމެވެ. އެއީ ބުޅަލަކީވެސް އަހަރެމެން ފަދައިން ހުރުމަތްތެރި ކުރައްވަވައި މި ދުނިޔޭގައި މާތް ﷲ ލައްވަވާފައިވާ މަޚްލޫޤަކަށް ވާތީއެވެ. މި ދުނިޔޭގައިވާ ކޮންމެ މަޚުލޫގަކީވެސް އިންސާނުންގެ ފައިދާއާއި ހިދުމަތުގައި މާތް ﷲ ލައްވަވާފައިވާ މަޚްލޫޤެކެވެ. އެހެންކަމުން އެކަލާންގެ މި ދުނިޔޭގައި އަހަރެމެންނަށްޓަކައި ލައްވަވާފައިވާ މަޚުލޫގެއް އެއްވެސް ޙައްޤަކާނުލައި މެރުން ވެގެންދާނީ ކުށަކަށެވެ.

އަބްދު ﷲ ބިން އުމަރު ރިވާކުރެއްވި ސައްހަ ހަދީޘެއްގައި ވެސް މިކަން ވަނީ ދޭހަކޮށްދީފައެވެ. އެގޮތުން އެ ހަދީޘްގައި ކީރިތި ރަސޫލާ މުޙައްމަދު ޞައްލަﷲ ޢަލައިހި ވަސައްލަމަ ވަނީ ބުޅަލަކަށް ކާން ނުދީ އެ ބުޅާ ބަނދެފައި ބޭންދި އަންހެނަކާ ދޭތެރޭ މަރުވުމަށްފަހު ކަންތައް ވެގެންދިޔަ ގޮތް ވަރަށް ސާފުކޮށް މިއުއްމަތަށް އިބުރަތެއްގެ ގޮތުގައި ކިޔުއްވައިދެއްވަވާފައެވެ. އެ އަންހެން މީހާ ވަނީ ނަރަކައިގެ އަޒާބަށް ހުށަހެޅި އެ އަޒާބު ތާއަބަދަށް ތަހައްމަލުކުރަން ޖެހިފައެވެ.

މިނޫންވެސް އެތައް ހަދީސްތަކެއްގައި ބުޅާ ފަދަ އޭގެ މައްޗަށް އިންސާނުންނަށް ބާރު ފޯރުވޭނެ ފަދަ ޖަނަވާރުތަކަށް އަނިޔާކުރުން ވަނީ ނަހީ ކުރައްވާފައެވެ.

މިފަދަ ހަދީޘްތަކުން އަޅުގަނޑުމެން އިބުރަތް ލިބެން ޖެހޭއިރު އަޅުގަނޑުމެންގެ ދިވެހިރާއްޖެއިން ފެންނަނީ އެހެން މަންޒަރެކެވެ. އިހާނެތި ގޮތްގޮތަށް މަރާލެވިފައިވާ ބުޅާތައް މަގުމަތިން ނުފެންނަ ދުވަހެއް ނާދެއެވެ. ޒުވާނުން މަޖަލަކަށް ހަދައިގެން ކުޅިވަރެއްގެ ގޮތުގައި ބުޅަލައް އަނިޔާކުރާ ވާހަކަވެސް ވަރަށް ގިނައިން އަޑުއިވެއެވެ. ދާދި އިހަކަށްދުވަހު ރާއްޖޭގެ ރަށެއްގައި މީހަކު އެރަށުގައި ދިރިއުޅޭ ގިނަ ބުޅާތަކެއް އެއްތަންކޮށް ސައިކަލުން އަރުވައިގެން އެ ބުޅާތައް މަރައި ފެންނަހާ ބުޅަލަށް އަނިޔާކޮށް އެ ބުޅާތައް މަރާ ވާހަކަ ވެސް މީސްމީޑިޔާގައި ވަނީ އާންމުވެފައެވެ.

ބުޅާ ވިއްކައިގެން އެއިން މަންފާ ހޯދުން އިސްލާމް ދީނުގައި މަނާ ކުރެވިފައިވާއިރު ދަބަރު ޖަހާފައި ހުންނަ ކޮށިކޮށްޓަށް ލައި ފިހާރަތަކުގެ ބޭރުގައި ސޭލް އަޅުވާފައި ހުންނަތަން ފެންނަނީ މަދެއްކޮށެއް ނޫނެވެ. އަދި ހިލޭ ބުޅާ އެޑޮޕްޓު ކުރާ މީހުންވެސް އެ ބުޅާތަކުން މަންފާ ހޯދުމަށް މީސްމީޑިޔާތަކުގައި ސޭލް އަޅުވާ މަންޒަރަކީވެސް ވަރަށް އާންމުވެފައިވާ މަންޒަރެކެވެ.

ބުޅަލާއި އެހެނިހެން މަޚްލޫޤުންނާ ދޭތެރޭ މިފަދަ އިހާނެތި ގޮތްގޮތަށް ކަންތައްކުރުމަކީ އަހަރެމެންގެ އިންސާނިއްޔަތުކަން އޮތް ދަށް މިންވަރު ދައްކުވައިދޭ ހެއްކެކެވެ. އެއްވެސް ހާލެއްގައި މާތް ﷲ ހެއްދެވި މަޚުލޫގެއް އެއްވެސް ޙައްޤަކާ ނުލާ މަރައިގެނެއް ނުވާނެއެވެ. އަދި އެ މަޚްލޫޤުންނަށް ނުހައްގުން އަނިޔާ ދިނުމަކީވެސް ފާފަ ލިބޭނެ ކަމެއްކަން ދަންނަންޖެހެއެވެ. ބުޅާ ފަދަ ޖަނަވާރުތަކަށް އަނިޔާ ކުރެވެމުން ގޮސް ތިމާގެ އިންސާނިއްޔަތުކަން ގެއްލި ތިމާ ފަދަ އެހެން އިންސާނުންނަށް ނުރައްކަލަކަށް ވާނެ ފަދަ މީހުންނަށް ނުވަމާ ހިނގާށެވެ.

"ގައުމެއްގެ ބަޔަކު ޖަނަވާރުންނާ ދޭތެރޭ ކަންތައް ކުރާގޮތަކީ އެ ގައުމެއްގެ ރަނގަޅުކަން އިންސާފު ކުރެވޭނެ އެއް ގޮތް" -މަހާތުމާ ގާންދީ-

ކިޔުންތެރިންގެ ހިޔާލު

4 ކޮމެންޓް

  1. ސދ5ލލľ

    ތިބުނީ ރަނގަޅުވާހަކައެއް...އެކަމަކު ބުޅާތައް އެއްތަނަކަށް އެއްކޮށްގެން ސައިކަލުން އަރައި އެތަކެތި މެރިވާހަކަ ބުނީމަ ގަބޫލުކުރަންވެސް ދަތި..ވ.ހިތްދަތި މަންޒަރަކަށްވާނެ ކަންކަށަވަރު.

  2. އިސްމާޢީލް

    ހާދަމޮޅު ދީނީ ޢިލްމުވެރިއެކޭ ލިއުއްވީ.

  3. Anonymous

    en.m.wikipedia.org/wiki/Islam_and_cats

  4. ނުރަބޯ

    މަހާތުމާ ގާނދީ މިއަދު ދުނިޔޭގައި ހުންނެވިނަމަ އެގައުމުގެ ފިރިހެނުން، އަންހެނުންނާ ތުއްތު އަންހެންކުދިން ރޭޕްކުރާކުރުމާމެދު ކޮންމެވެސް އެއްޗެއް ލިޔުއްވީސް....!!!