އިންޑިނޭޝިއާގެ ލޮމްބޮކް އަށް މީގެ ދެެދުވަސް ކުރިން އައި ބިންހެލުމުން އިނގިރޭސިވިލާތުގެ ކުރީގެ ފުޓްބޯޅަ ކުޅުންތެރިޔާ ޑޭވިޑް ބެކަމް އާއި އޭނާގެ އާއިލާ ސަލާމަތްވީ ކިރިޔާ ކަމަށް މީޑިއާ ރިޕޯޓްތައް ބުނެފިއެވެ.

މިހާތަނަށް 142 މީހަކު މަރުވި ބިންހެލުން ލޮމްބޮކް އަށް އައިއިރު ބެކަމް އަދި އަނބިމީހާ ވިކްޓޯރިއާ އާއި ދަރިން ކަމަށްވާ ބްރޫކްލިން، ރޯމިއޯ ކްރޫޒް އަދި ހާޕާ ތިބީ ބާލީގައެވެ. ބެކަމްގެ އާއިލާ ބާލީ އަށް ދިޔައީ ހޮނިހިރު ދުވަހު ލޮމްބޮކްގައި ތިބުމަށް ފަހުއެވެ.

ބާލީ އަށް ވެސް ވަރަށް ބޮޑަށް ބިންހެލުމުގެ އިހްސާސް ކުރެވުނެވެ. ބިންހެލުން އިހްސާސް ކުރެވުނު މީހުންގެ ތެރޭގައި ބެކަމް އާއި އޭނާގެ އާއިލާ މެންބަރުން ވެސް ހިމެނެއެވެ. ނަމަވެސް ބެކަމްގެ އާއިލާގެ އެއްވެސް މެންބަރަކަށް އަނިޔާވެފައި ނުވާކަމަށް ރިޕޯޓްތައް ބުނެއެވެ.

މިހާރު ބެކަމްގެ އާއިލާ ތިބީ ކޮންތަނެއްގައި ކަަމެއް ސާފެއް ނުވެއެވެ.

ލޮމްބޮކް އަށް އައި ބިންހެލުމުގައި މަރުވި މީހުންގެ އަދަދު މިހާރު 142 އަކަށް އަރާފައި ވާއިރު މިދިޔަ ހަފްތާގައި އެރަށަށް އައި ބިންހެލުމެއްގައި ވެސް 16 މީހުން މަރުވިއެވެ.

އިންޑޮނޭޝިއާ ސަރުކާރުން ބުނާ ގޮތުގައި ބިންހެލުމުގެ ސަބަބުން އެތައް ސަތޭކަ ބަޔަކު ވަނީ ޒަހަމްވެފައެވެ. އެހެންކަމުން ބިންހެލުމުގެ ސަބަބުން މަރުވި މީހުންގެ އަދަދު އަދިވެސް އިތުރުވުން އެކަށީގެންވެއެވެ.

ބިންހެލުމުގައި އެންމެ ބޮޑު ގެއްލުމެއް ލިބުނު ލޮމްބޮކްގެ ހޮސްޕިޓަލް މިހާރު ފުރިފައި ވާތީ ސިއްހީ ފަރުވާ ފޯރުކޮށްދިނުމުގައި އެހީތެރިކަން ފޯރުކޮށްދިނުމަށް އިންޑޮނޭޝިއާ ސަރުކާރުން ވަނީ އަމިއްލަ ޖަމިއްޔާތަކުގައި އެދިފައެވެ.