މަރުވުމަށްފަހު ސިކުނޑީގެ ސެލްތައް ފަސް މިނެޓް ތެރޭގައި އަލުން ދިރުވިދާނެކަމުގެ ފުރުސަތެއް އެބަ އޮތްކަމަށް ޖަރުމަންވިލާތުގެ ސައިންސްވެރިންތަކެއް ބުނެފިއެވެ. މި ސައިންސްވެރިން ބުނާގޮތުގައި މަރު ގާތްވުމުގެ ކުރިން ސިކުނޑީގެ ސެލްތަކަށް 'ޑިޕްރެޝަން' ވެރިވެގަނެއެވެ. އަދި އެޔަށްފަހު މަރުވުމުން އާދަޔާޙިލާފް ގޮތަކަށް މި ސެލްތައް އަމަލުކުރަން ފަށާއިރު މިއީ ހަށިގަނޑުގެ މުހިންމު ގުނަވަންތައް 'ޝަޓްޑައުން' ވުމުގެ ކުރިން ހިނގައިދާ ކަމެކެވެ.

ޖަރުމަންވިލާތުގެ ޗެރިޓޭ-ޔުނިވާރސިޓެޓްޒްމެޑިސިން ޔުނިވާރިސިޓީގެ މި ސައިންސްވެރިން ކުރި މި ދިރާސާއިން ވަނީ މަރުވުމުގެ ކުރިން ސިކުނޑީގެ ސެލްތައް 'ޑިޕްރެޝަން' ވެފައިވާ ޒާތުގެ ގޮތަކަށް އަމަލުކުރަން ފަށާކަމަށް ހާމަކޮށްފައެވެ. މި ހޯދުންތަކުގެ އަލީގައި ސައިންސްވެރިން ވަނީ ހަށިގަނޑުގެ ހިއްސުތައް ކުޑަ ވަގުތުކޮޅަކަށް މަސައްކަތްކުރާއިރު ފަސް ވަރަކަށް މިނެޓް ތެރޭގައި ސިކުނޑި 'ޝަޓްޑައުން' ވާ ޕްރޮސެސް ހުއްޓުވައި އެ ޕްރޮސެސް އަނބުރާލެވިދާނޭކަން ދައްކުވައިދީފައިވާކަމަށް ހާމަކޮށްފައެވެ.

މި ސައިންސްވެރިން މިގޮތަށް ހާމަކޮށްފައިވަނީ ފުރާނައަށް ނުރައްކާވާފަދަ ސިކުނޑީގެ އަނިޔާލިބިފައިވާ ނުވަ މީހެއްގެ ސިކުނޑީގެ އިލެކްޓްރިކް ސިގްނަލްތައް މޮނިޓާރ ކުރުމަށް ފަހުއެވެ. ސައިންސްވެރިން ބުނާގޮތުގައި މި އެކްސްޕެރިމެންޓަށް ހޯދުނު ސިކުނޑީގެ އަނިޔާލިބިފައިވާ މީހުންނަކީ އެމެރިކާ އަދި ޖަރުމަންވިލާތުން ހޯދުނު މީހުންނެވެ.

މިގޮތުން މިފަދަ މީހުންގެ ސިކުނޑީގައި އިލެކްޓްރޯޑްތަކެއް ހަރުކޮށްގެން އެ މީހުން މަރުވާ ވަގުތުގައި ސިކުނޑީގައި ހިނގައިދާ ކަންކަން ހޯދުމުގެ އިތުރުން ހިތް ހުއްޓުމަށްފަހު ސިކުނޑީގެ ސެލްތަކާއި ނިއުރޮންތައް މަސައްކަތްކުރުމުގެ ފުރުސަތެއް އެބަ އޮތްކަމަށްވެސް ހޯދިފައިވާކަމަށް ހާމަކޮށްފައެވެ.

މި ސައިންސްވެރިން ވަނީ ސިކުނޑީގައިވާ އިލެކްޓްރޯކެމިކަލް ހަކަތަ ހުސްވުމުގެ ކުރިން ސިކުނޑިއަށް ބޭނުންވާ ލޭ ދައުރުވުން އަލުން ފެއްޓިއްޖެނަމަ މި ސެލްތައް މަރުވުމުން ހުއްޓުވިދާނޭކަމަށް ހާމަކޮށްފައެވެ.