ވިހެއިތާ 24 ގަޑިއިރު ހަމަނުވާ ތުއްތު ކުއްޖަކު ގެރި ގުއިތަކެއްގެ ތެރެއަށް އެއްލާލާފައި އޮއްވާ އިންޑިޔާގެ ރަށަކުން ފެނިއްޖެއެވެ. މަރުވެފައި އޮތް މި ކުއްޖާ ފެނިފައިވަނީ އިންޑިޔާގެ އުއްތަރު ޕްރަދޭޝްގެ ގޮންޑާ ޑިސްޓްރިކްޓްގެ ކުޑަ ރަށަކުންނެވެ.

މި ކުއްޖާ އެއްލާލާފައި އޮތް ތަން އެންމެ ފުރަތަމަ ފެނިފައިވަނީ އެ ރަށުގައި ދަނޑުވެރިކަން ކުރާ އަރްޖުން ޕްރަސާދް ނަމަކަށް ކިޔާ މީހަކަށެވެ. އަރްޖުން ވަނީ އޭނާ ހެނދުނު ގަޑީގައި މަސައްކަތަށް ދިޔުމަށްޓަކައި ދިޔަ މަގުމަތީގައި ގެރި ގުއި އެއްޗެއްގެ ތެރެއިން އާދަޔާޙިލާފް އެއްޗެއް ނިކުމެފައި އޮތް ތަން އޭނާއަށް ފެނުނުކަމަށް ކިޔައިދީފައެވެ.

އަދި މިއީ ކޮން އެއްޗެއްތޯ ބެލުމަށްޓަކައި އޭނާގެ ފައިން އެތަން ކޮންމެވެސް ވަރަކަށް ސާފުކުރެވޭތޯ މަސައްކަތް ކުރުމުން މަރުވެފައި އޮތް ތުއްތު ކުއްޖާ ފެނުނުކަމަށް އަރްޖުން ވަނީ ކިޔައިދީފައެވެ. މި ކުއްޖާ ފެނުމާއިއެކު އަރްޖުން ރަށުގެ ރައްޔިތުންނަށް އެންގުމުން އެ ރަށުގެ ރައްޔިތުން ވަނީ އެހިސާބުން ފުލުހުންނަށް މައްސަލަ ރިޕޯޓްކޮށްފައެވެ. އަރްޖުން ވަނީ މިފަދަ ލާއިންސާނީ އަމަލެއް ބަޔަކަށް ހިންގަން ކެރުނީތީ އެކަމާއި ހައިރާންވިކަމަށާއި އަދި އެ ކުއްޖާ އެއްލާލާފައިވަނީ ވިހެއިތާ މަދު ގަޑިއިރެއްތެރޭގައިކަން އެކުއްޖާގެ އަމްބިލިކަލް ކޯޑު އަދިވެސް ނުކަނޑާ އޮތުމުން އެނގިގެންދިޔަކަމަށް ބުނެފައެވެ.

ފުލުހުން ދަނީ މިހާރު އެ ކުއްޖާގެ މަރުގެ ފަހަތުގައި ތިބި މީހުން ހޯދުމުގެ މަސައްކަތް ކުރަމުންނެވެ. އަދި އެ ކުއްޖާގެ ހަށިގަނޑުގެ ޕޯސްޓު މޯޓެމް އެއް ހެދުމަށްވެސް ފޮނުވިފައިވާއިރު މިކަންކޮށްފައިވަނީ އެ ރަށުން ބޭރުން އައި މީހެއްކަމަށް ޝައްކުކުރެވޭކަމަށް ފުލުހުން ވަނީ ހާމަކޮށްފައެވެ.