އެކުވެރިންގެ ދުވަހަކީ ދުނިޔޭގެ އެކި ކަންކޮޅުތަކުގައިވެސް ގިނަ ބަޔަކު އެ ދުވަހެއްގެ ޚާއްސަ ކަމަށްޓަކައި، ޚާއްސަ އެކުވެރިންނާއިއެކު ވަގުތު ހޭދަކޮށްލައި އެ ގުޅުން ދެމެހެއްޓުމަށް ތަފާތުއެކި ކަންކަން ކޮށް ރޭވުމަށް އިސްކަންދޭ ދުވަހެކެވެ. ނަމަވެސް މިއީ އެ ދުވަސް ފާހަގަކުރަން އުޅުނު ކުޑަ އަންހެން ކުއްޖަކާއި ކުރިމަތިވި ހިތުން ނުފިލާވަރުގެ ހިތާމަވެރި ހާދިސާއެއްގެ ވާހަކައެވެ.

އިންޑިއާއަށް ނިސްބަތްވާ އުމުރުން 16 އަހަރުގެ ކުއްޖަކު ރޭޕްކޮށްލުމަށްފަހު އެއްލާލާފައި އޮއްވައި ފެނިގެން އެ މައްސަލަ ހޫނުވެފައި ވަނިކޮށް، ފުލުހުންގެ ތަހުޤީޤަށް އެނގިފައިވަނީ، އޭނާ ރޭޕްކޮށްލީ އޭނާގެ ދެ އެކުވެރިން ކަމެވެ. އެ ދެމީހުންވެގެން އެކުއްޖާ ރޭޕްކޮށްލީ އެކުވެރިންގެ ދުވަހާއި ދިމާކޮށް އޭނާއާއި އެކު ބޭރަށް ދިޔަ ވަގުތެއްގައި ކަމަށް ވެއެވެ.

އުމުރުން 18 އަހަރާއި 22 އަހަރުގެ ދެ ފިރިހެން އެކުވެރިން އެކުއްޖާ ގޮވައިގެން ދިޔައީ ސައިކަލެއްގައެވެ. އެއަށްފަހު މީހުން މަދު ސަރަޙައްދެއްގައި ހުރި ކޮޓަރިއެއްގެ ތެރެއަށް ވެއްދުމަށްފަހު އެކުއްޖާ ރޭޕްކޮށްލީ ދެމީހުން ވެގެންނެވެ. ތާއަބަދަށް މައުސޫމު ހިތެއްގައި ޖެއްސި އެ ލައްގަނޑާއި އެކު ހިތްފުރޭވަރުވުމުން އެކުއްޖާ ގެއަށްލާން ދިޔައީވެސް އެ ދެމީހުންނެވެ.

މި ހާދިސާ ހިނގުމާއި ގުޅިގެން އެކުއްޖާ ފަހުން ވަނީ އަމިއްލައަށް ފުލުހުންގެ އިދާރާއަށްގޮސް އެ މައްސަލަ ހުށަހަޅާފައެވެ. އެއާއި އެކު ފުލުހުން ވަނީ އެ ހުތުރު ޢަމަލު ހިންގި މީހުން ހޯދައި ހައްޔަރުކޮށްފައެވެ. މި މައްސަލައިގައި ހައްޔަރުކުރި އުމުރުން 22 އަހަރުގެ މީހާއަކީ މަސް މާރުކޭޓޭއްގައި މަސައްކަތްކުރާ މީހެކެވެ. އަދި ކުޑަކުއްޖާ ރޭޕްކޮށްލުމުގައި ބައިވެރިވި އުމުރުން 18 އަހަރުގެ މީހާއަކީ އިންޑިއާގެ ކޮލެޖެއްގައި ތަޢުލީމު ހާސިލްކުރަމުންދިޔަ ދަރިވަރެކެވެ. މި ދެމީހުންނަކީވެސް، އެމީހުން ރޭޕްކޮށްލި ކުއްޖާ އާއި އެކުއްޖާގެ އާއިލާ އާއި ގާތް ގުޅުމެއް ބާއްވަމުން އައި ދެމީހުންނެވެ.

އެމީހުން އެކުޑަ އަންހެން ކުއްޖާ ރޭޕްކޮށްލުމަށް ހިފީ އެ ގުޅުމުގެ ބޭނުންކަމުގައި ވާއިރު، ގޭގައި ހުއްޓައި އޭނާ ބޭރަށް ގެންދިޔައީ އެކުވެރިންގެ ދުވަސް ފާހަނގަކުރުމަށް ދުއްވާލަންދާން ކަމަށް ބުނެއެވެ. މި ހާދިސާއަށްފަހު އެކުއްޖާއަށް ހޮސްޕިޓަލުގައި ވެސް ފަރުވާދީފައިވާއިރު، އޭނާގެ ހާލު މިހާރު އަންނަނީ ރަނގަޅު ވަމުންނެވެ.

ދުނިޔޭގެ ނިސްބަތުންވެސް އެންމެ ރޭޕްގެ މައްސަލަތައް ގިނަ ޤައުމުތަކުގެ ތެރޭގައި އިންޑިއާ ހިމެނޭއިރު، އިންޑިއާގައި ކޮންމެ ދުވަހަކުވެސް އެތައް ބަޔަކަށް ޖިންސީ ހާނިކަ ލިބެމުންދާކަން ރިޕޯޓުތަކުން ހާމަވެފައި ވެއެވެ. މީގެ ތެރެއިންވެސް ގިނައީ ކުޑަކުދިން ކަމުގައިވާއިރު، އެފަދަ ރަހުމުކުޑަ ހަމަލާތަކުގެ ފަހަތުގައި އެޤައުމުގެ އިސް އަދި ބާރުވެރި ފަރާތްތައްވެސް ވާކަން ފާހަނގަކޮށްލެވެއެވެ.

ކިޔުންތެރިންގެ ހިޔާލު

1 ކޮމެންޓް

  1. އ

    ތިޔަ އަންހެންކުދިން ބޮޑެތިވާއިރު ކިޔަވައިދޭންޖެހޭނެ މީހުނައް އިތުބާރު ނުކުރުމަށް ތިހާ ނުރައްކާ ގައުމަކަށް ވާއިރު އިސްކޮށް ތިބޭމީހުން ރަނގަޅު ނޫން ވީމަ ގައުމު އެނުރައްކާ ހާލަތުގާއެވަނީ އެހެންތަ އެވަނީ؟