ޖިންނި އަކީ އިންސާނުންގެ ސޫރައަށް ބަދަލު ވެވޭ އެއްޗެވެ. ޖިންނި އިންސީންގެ ސޫރައަށް ބަދަލުވެގެންވާ ހާލަތުގައި ކައިވެނި ކޮށްފިނަމަ، ނުވަތަ ދެޖިންސުގެ ދެމެދުގައި ޖިންސީ ގުޅުން ހިންގުމަކީ ކުރެވިދާނެ ކަމެއްގެ ގޮތުގައި ޤަބޫލުކުރެވިފައި އޮވެއެވެ. އަދި އޭގެ ސަބަބުން ދަރިން ލިބުމަކީވެސް ވެދާނެ ކަމެކެވެ. މިއީ ޖިންނިއަކާއި އެކު އެފަދަ ގުޅުމަކުން ގުޅި އާއިލާއެއް ބިނާކުރުމަށް ނިންމައިގެން ހުރި އަންހެނެއްގެ ވާހަކައެވެ.

އިނގިރޭސިވިލާތަށް ނިސްބަތްވާ، އުމުރުން 30 އަހަރުގެ އެމެތީސްޓް ރެއާމް ބުނާގޮތުގައި އޭނާއަކީ މީގެ އެތައް އަހަރެއް ކުރީއްސުރެވެން ޖިންނީންނާއި ގުޅުން ބަދަހި މީހެކެވެ. ހަމަ އެއާއިއެކު، އެކިއެކި އޭނާ ޖިންނީންނާއި އޭނާ ލޯބީގެ ގޮތުން ގުޅެމުން އަންނަތާ 11 އަހަރު ވެދާނެ ކަމަށް ރެއާމް ބުނެއެވެ. ނަމަވެސް އޭނާ މިހާރު އުޅެމުންދަނީ "ވަރަށް ސީރިއަސް" ގޮތެއްގައި ޖިންނިއަކާއި ގުޅިގެން ކަމަށާއި، ކުރިއަށް އޮތްތަކުގައި އެ ޖިންނިއާއި އެކު ހަޔާތެއް ފަށައި އާއިލާއެއް ބިނާކުރުމުގެ ވިސްނުން ހުރި ކަމަށް އޭނާ ވަނީ ބުނެއެވެ.

ރެއާމް ބުނިގޮތުގައި އޭނާ ފައިތުވެދިޔަ 11 އަހަރުގެ ތެރޭގައި 20 ޖިންނީންނާއި ލޯބީގެ ގޮތުން ގުޅުނެވެ. ނަމަވެސް އެންމެ ފަހުން އޭނާގެ ހިތް ދަމައިގަތް ޖިންނިއަކީ އޮސްޓްރޭލިއާއިން ދިމާވި ޖިންނިއެއް ކަމުގައި އާއި، އެ ޖިންނި ދެކެ އިންތިހާއަށް ލޯބިވާކަމަށް ރެއާމް ބުންޏެވެ. އަދި އެއީ ހަޔާތުގެ ބައިވެރިޔާކަމުގެ އިހުސާސު، އެ ޖިންނި ފެނުނު ދުވަހުން ފެށިގެން ކުރެވެމުން ދިޔަ ކަމަށް ރެއާމް ބުނެފައި ވެއެވެ.

"އަހަރެން އެރޭ ދިޔައީ ގަސްތަކުގެ ތެރެއިން ހިނގާލަން. ކުއްލިއަކަށް އަހަރެންގެ ހަށިގަނޑަށް ބުނެދޭން ނޭނގޭ ބާރެއް ވެރިވެގަތް. ހަމަ އެވަގުތުވެސް އަހަންނަށް އެނގުނު އަހަރެންނަށް، އަހަރެން ހިތްއެދޭ ފަދަ ލޯބިވެރިޔަކާއި ބައްދަލުވެއްޖެކަން،" ރެއާމް ބުނެފައި ވެއެވެ.

ރެއާމް އޭނާގެ ޖިންނި ލޯބިވެރިޔާ އާއި ބެހޭ މާގިނަ ތަފްސީލެއް ހާމަކޮށްފައި ނުވީނަމަވެސް، އޭނާ ބުނެފައިވަނީ އެ ޖިންނިއަކީ އޭނާދެކެ ލޯބިވާ އަދި އަޅާލާ ރަނގަޅު ޖިންނިއެއް ކަމުގައެވެ.

އޭނާ ބުނީ، އެ ދުވަހުން ފެށިގެން އެކުގައި ހަމަސް ދުވަސް އޮސްޓްރޭލިއާގައި އުޅުމަށްފަހު ޖިންނި އާއި އެކު އިނގިރޭސިވިލާތަށް މިހާރު އޭނާ ވަނީ ދިރިއުޅުން ބަދަލުކޮށްފައެވެ. އަދި މިހާރު އެދެނީ އެ ގުޅުން އިތުރު ހަރުފަތަކަށް ގެންގޮސް ދިރިއުޅުން "ސީރިއަސް" ގޮތެއްގައި ފެށުމަށް ކަމަށް ރެއާމް ބުނެފައި ވެއެވެ. މީގެ ކުރިން ނޫހެއްގައި ވާހަކަދައްކަމުން ރެއާމް ބުނެފައިވަނީ އޭނާ އިންނާނުން ދެކެ ވަރަށް ފޫހިވާކަމަށާއި، އިންސާނަކާއި އެކު ލޯބީގެ ގޮތުން ގުޅުމެއް ބާއްވަން ދުވަހަކުވެސް ނޭދޭ ކަމަށެވެ. އަދި އެއީ އޭނާގެ ޖިންނި ލޯބިވެރިންވެސް ހިތްއެދޭ ގޮތެއް ނޫން ކަމަށް ރެއާމް ބުންޏެވެ.

އިންސީންނާއި ޖިންނީން ލޯބީގެ ގޮތުން ގުޅުން ނުވަތަ ކައިވެނިކުރުމަކީ ހުއްދަ ކަމެއް ނޫނެވެ. މާތް ﷲ އިންސާނުންނަށްޓަކައި ލައްވާފައިވަނީ އިންސާނުންގެ ޖޯޑެވެ. އަދި ކައިވެނި ކުރުމުގެ ހުއްދަ ދެއްވާފައިވަނީވެސް އިންސާނުން އިންސާނުންނާއެވެ. މިކަމާއި ޚިލާފުވާ ފަރާތްތަކަށް ދުނިޔޭގެ ލައްޒަތުން ވަގުތީ އުފާވެރިކަމެއް ލިބުނު ކަމުގައި ވީނަމަވެސް ދާއިމީ ހިތާމައާއި ކުރިމަތިލާން ޖެހޭނެކަމާއި މެދު ޝައްކެއް ނެތެވެ.