އެމެރިކަން އެކްޓަރު ބްރެޑް ޕިޓް، ވަރިވުމަށްފަހު މިހާތަނަށް އެއްވެސް ވަރަކަށް ދަރިންނަށް އެދެވިގެންވާ ގޮތަށް ޚަރަދު ނުކުރާކަމަށް އޭނާގެ ކުރީގެ އަނބިމީހާ އެކްޓްރެސް އެންޖެލީނާ ޖޯލީ ބުނެފިއެވެ.

2016 ވަނަ އަހަރު އެންޖެލީނާ އާއި ބްރެޑް ކައިވެންޏަށް ނިމުމެއް އައިސްފައިވާއިރު، މި ގުޅުމަށް ލިބުނު ހަކުދިން ބަލަހައްޓާނެ މީހަކު ކަނޑައަޅަން މައްސަލަ އަދިވެސް އޮތީ ކޯޓުގައެވެ. ދަރިންގެ ބެލެނިވެރިކަން ހޯދުމަށް ދެމީހުން "ކޯޅެމުން" ދާއިރު، މިހާރު އެންޖެލީނާ މިވަނީ ބްރެޑް ދަރިންނަށް ޚަރަދު ނުކުރާ ކަމަށް ބުނެ އިތުރު މައްސަލައެއް ކޯޓަށް ހުށަހަޅާފައެވެ.

"މިހާރު ގާތްގަނޑަކަށް ދޮޅު އަހަރު މިވަނީ ބްރެޑް ދަރިންގެ ޚަރަދުތަކަށް ފައިސާ ނުދައްކާތާ. އެންމެ ކުއްޖެއްވެސް ނޫން ހުރީ. ހަ ކުދިން އެބަ ތިބި. ކިހާ ޚަރަދެއް ހިނގާނެ" އެންޖެލީނާ ދިފާއުކޮށް ވާހަކަ ދެއްކި އޭނާގެ ގާތް ފަރާތަކުން ބުނެފައިވެއެވެ.

ދާދިފަހުންވެސް ކޯޓްގެ ގާޒީ ވަނީ ދަރިން ގިނަ ވަގުތު ބްރެޑް އާއިއެކު ހޭދަކުރެވޭނެ ގޮތް މަގުފަހި ކޮށްދިނުމަށް އެންޖެލީނާއަށް އަންގައިފައި ކަމަށާއި އެހެންނަމަވެސް އެކަމުގައި އެންޖެލީނާގެ ފަރާތުން އެދެވިގެންވާ އެއްބާރުލުމެއް ނުފެންނަ ކަމަށްވެސް ރިޕޯޓްތައް ބުނެއެވެ.

"މި މައްސަލައަށް ހައްލެއް ގެނައުމަށް ކޯޓުން ދަނީ މަސައްކަތް ކުރަމުން. އެކަމަކު ހައްލުވާނީ ދެ ފަރާތުގެވެސް އެއްބާރުލުމާއިއެކު. ދަރިންނަށް ދޭން ޖެހޭ ޚަރަދު ދިނުމާއި ބައްޕައާއި ދަރިންނާއި ބައްދަލު ކުރެވޭނެ ގޮތްވެސް މަގުފަހި ކޮށްދީގެން" ކޯޓުން މައުލޫމާތު ދިން ފަރާތަކާއި ހަވާލާދީ ރިޕޯޓްތަކުގައިވެއެވެ.

މިމައްސަލައިގައި މިހާތަނަށް އެންޖެލީނާގެ ޤާނޫނީ ވަކީލެއްގެ ގޮތުގައި މަސައްކަތް ކުރި ވަކީލު، އަމިއްލައަށް ވަޒީފާއިން ވަކިވުމަށް ނިންމާފައިވާ ކަމަށްވެސް މީގެ ކުރިން ވަނީ އަޑު ފެތުރިފައެވެ.