މޫދަށް ކުނި އެޅުމަކީ، މިއަދު ތިމާވެށީގެ ގޮތުން ކުރިމަތިވެފައިވާ އެންމެ ބޮޑު އެއް މައްސަލައެވެ. ކުނީގެ ގޮތުގައިވެސް، ވަކީން ޚާއްޞަކޮށް ޕްލާސްޓިކުގެ ބާވަތްތައް، މޫދަށް އެޅުމަކީ ދިވެހިރާއްޖެ އާއި ދުނިޔޭގެ އެހެން ހުރިހާ ޤައުމަކުންވެސް، ކުރިމަތިލާން ޖެހިފައިވާ މައްސަލައެކެވެ. މިއީ، މިއަދު ދުނިޔޭގެ ބޮޑެތި ކަނޑުތަކުގެ އެންމެ ބޮޑު އެއް ކަންބޮޑުވުންވެސްމެއެވެ.

މިކަންކަމުން އަރައިގަތުމަށް، އެތައް ފަރާތަކުން ދަނީ މަސައްކަތް ކުރަމުންނެވެ. ބޮޑެތި ވިޔަފާރި ކުންފުނިތަކާއި ޖަމިއްޔާ ޖަމާއަތްތަކުންވެސް ދަނީ މިކަން ކުޑަކޮށް، މިކަމުން އަރައިގަންނަން، އެތައް ކަމެއް ކުރަމުންނެވެ.

އެގޮތުން، ސްޕެއިން އަށް ނިސްބަތްވާ، ދުނިޔޭގެ މަޝްހޫރު ފުޓުބޯޅަ ކުލަބެއްކަމުގައިވާ ރިއާލް މެޑްރިޑް އިންވަނީ، މޫދަށް އަޅާ ކުނި މަދުކުރުމަށް ޚާއްޞަ މަސައްކަތެއް ކޮށްފައެވެ. އެއީ، މޫދުން ހޮވާ ކުނި ބޭނުންކޮށްގެން، ޖާޒީ ކިޓެއް ތައްޔާރުކުރުމެވެ.

މި ސީޒަނަށް ރިއާލް މެޑްރިޑުން ނެރެފައިވާ ތިންވަނަ ޖާޒީ ބައި ތައްޔާރުކުރުމުގައި، މުޅިންވެސް ބޭނުންކޮށްފައިވަނީ ދުނިޔޭގެ އެކި ހިސާބުތަކުގެ ކަނޑަށް އުކާލާފައި ހުއްޓާ، އެތަންތަނުން ހޮވައިގެން ގެނެސްފައިވާ ޕްލާސްޓިކުގެ ބާވަތްތަކެވެ. އެ ޓީމުން މި މަސައްކަތް ކޮށްފައިވަނީ، އުކާލެވޭ ކުނި ރިސައިކަލް ކުރުމުގައި އެތައް މަސައްކަތެއް ކުރަމުން އަންނަ "ޕާލޭ- ފޯ ދި އޯޝަންސް" އާ ގުޅިގެންނެވެ.

ބެންޒީމާ، ރިސައިކަލް ކުރި ކުނިން އުފެއްދި ޖާޒީ ލައިގެން

މި ޖާޒީ ބައި ތަޢާރަފް ކުރުމަށް ބޭއްވި ހަފްލާގައި ވާހަކަ ދައްކަމުން، ޕާލޭގެ ފައުންޑަރ، ސައިރިލް ގަޝް ބުނެފައިވަނީ، ރިއާލް މެޑްރިޑަކީ، ދުނިޔޭގެ އެކި ކަންކޮޅުތަކުގައި ތިބި އެތައް ފަރާތަކުން ސަޕޯޓުކުރާ ޓީމަކަށްވެފައި، ޕާލޭ އިން ތިމާވެއްޓާ ބެހޭގޮތުން ދޭން ބޭނުންވާ މެސެޖު ފޯރުކޮށްދިނުމުގައި ރިއާލް މެދުވެރިއަކަށްވުމުން، އެމެސެޖު ފޯރުވޭލެއް ފުރިހަމަވާނެކަމުގައެވެ.

ފިޔާތޮށީގެ އާއިލާގެ ކުލައަކަށްދާ މި ޖާޒީގެ، އޮރިޖިނަލް ރެޕްލިކާވެސް ވިއްކުމަށް ހަމަޖެހިފައިވެއެވެ. އޮރިޖިނަލް ރެޕްލިކާވެސް އުފައްދާފައިވަނީ، ރިސައިކަލް ކޮށްފައިވާ ޕްލާސްޓިކް ކުނި ބޭނުންކޮށްގެންނެވެ.

ރިއާލް މެޑްރިޑްގެ އިތުރުން، ޔުވެންޓަސް އާއި ބަޔާން މިއުނިކް އިންވެސް، ރިސައިކަލް ކޮށްފައިވާ ތަކެތި ބޭނުންކޮށްގެން، ޖާޒީ އުފައްދާފައިވެއެވެ.