ބޮލީވުޑްގެ އެކްޓްރެސް އަދި އިންޓަނޭޝަނަލް ތަރި ޕްރިޔަންކާ ޗޯޕްރާގެ ކުރިއަށް އޮތް ޔުނިވާރސަލް ފިލްމު "ކައުބޯއީ ނިންޖާ ވިކިންގް" ގެ މަސައްކަތްތަށް ޑިލޭވެއްޖެއެވެ.

ކުރިން ޕްރިޔަންކާ ކުޅުމަށް ހަމަޖެހިފައިވާ ފިލްމް "ބާރަތު" ގެ ޝޫޓިން ފަށާފައިވަނިކޮށް، އޭނާ ވަނީ އެންގޭޖްވުމުން އިތުރަށް އެފިލްމު ކުޅެވެން ނެތް ކަމަށް ބުނެފައެވެ. ނަމަވެސް، "ބާރަތު" ކުޅުން ހުއްޓާލިތާ މާ ގިނަ ދުވަހެއް ނުވެ، ޕްރިޔަންކާ ހޮލީވުޑް ފިލްމެއް ކުޅެން އުޅޭ ކަމުގެ ޚަބަރު އާންމުވެފައިވާއިރު، އޭނާ ދިޔައީ އަންނަ މަހު މި ފިލްމުގެ ޝޫޓިން ފެށުމަށްވެސް ތައްޔާރުވަމުންނެވެ.

މި ފިލްމުގެ ލީޑް އެކްޓްރެސްއެއްގެ ރޯލު ޕްރިޔަންކާ އަށް ލިބުނީ އެތަކެއް ހުނަރުވެރި ހޮލީވުޑް އެކްޓްރެސުންނާއި ވާދަ ކޮށްގެންނެވެ. އޭނާއާއިއެކު މި ފިލްމުގެ ލީޑް ރޯލުން ފެނިގެންދާނީ ކްރިސް ޕްރެޓްއެވެ.

ކުރިން މި ފިލްމު ރިލީޒް ކުރަން ހަމަޖެހިފައިވަނީ އަންނަ އަހަރުގެ ޖޫން މަހުގެ 28 ވަނަ ދުވަހުގައެވެ. ނަމަވެސް މިހާރު މި ތާޜީޚަށްވުރެވެސް ރިލީޒް ޑޭޓް ލަސްވާނެ ކަމަށާއި އަންނަ މަހު ފެށުމަށް ހަމަޖެހިފައިވާ ޝޫޓިންވެސް އަދި ފެށޭނެ ދުވަހެއް ބުނަން ނޭނގޭކަމަށް ފިލްމުގެ ޓީމުން ބުނެއެވެ.

ފިލްމުގެ މަސައްކަތްތަކަށް މިހާބޮޑު ޑިލޭއެއް އައީ ކީއްވެގެން ކަމެއް އެނގިފައެއް ނުވެއެވެ.

މަޝްހޫރް ކޮމިކްސް ލިޔުންތެރިޔާ އޭޖޭ ލިއެބާމަންގެ ވާހަކައެއްގެ މައްޗަށް އުފައްދާ މި ފިލްމުގައި، ކްރިސް ފެންނާނީ ތަފާތު ތިން ރޯލަކުންނެވެ. އަދި ފިލްމުގައި ކްރިސްގެ ލޯބިވެރިޔަކީ ޕްރިޔަންކާއެވެ.

ޕްރިޔަންކާ އެންމެ އަވަހަށް ފެށުމަށް ހަމަޖެހިފައިވަނީ "ދަ ސްކައި އިޒް ޕިންކް" ގެ ޝޫޓިންއެވެ.