ބޮލީވުޑްގެ މަޝްހޫރު ތަރި ސަލްމާން ޚާންގެ ފުރިހަމަ ސަޕޯޓާއެކު ޓީބީ ބައްޔާއި ހަނގުރާމަ ކުރަމުދުންދިޔަ އެކްޓަރ ޕޫޖާ ޑަޑްވާލްގެ ސިއްހީ ހާލު މިހާރު ރަނގަޅުވަމު އަންނަކަމަށް ރިޕޯޓްތައް ބުނެފިއެވެ.

މިދިޔަ ފަސް މަސް ތެރޭގައި ޕޫޖާ ދިޔައީ ޓިބީ ބައްޔާއި ހަނގުރާމަ ކުރަމުންނެވެ. އޭނާއަށް ފަރުވާދޭން ފަށާފައި ވަނީ ސެވްރީ ޓީބީ ހޮސްޕިޓަލްގައެވެ. ސަލްމާންގެ އެހީގައި އޭނާއަށް ފަރުވާ ފެށީ އާއިލާއިން އޭނާއަށް އަޅާނުލުމުން މަރާއި ހަނގުރާމަކުރަމުން ދަނިކޮށެވެ.

1995 ވަނަ އަހަރު ސަލްމާން އާއެކު ފިލްމް ވީރްގަތީ އިން ފެނުނު ޕޫޖާ ހޮސްޕިޓަލްގައި އެޑްމިޓް ކުރިއިރު، އޭނާގެ ހާލު ވަރަށް ދެރައެެވެ. އެހެން ނަމަވެސް ވީޑިޔޯއެއްގެ ޒަރިއްޔާއިން ޕޫޖާ އޭނާގެ ހާލަތު ބަޔާންކުރި ހިސާބުން އޭނާއަށް އެހީތެރިވުމުގައި ސަލްމާން ވަނީ މިސާލު ދައްކާފައެވެ. އެކަން އެހައި ހިސާބުން މީޑީޔާ އާއި އެތައް ބައެއްގެ ސަމާލުކަމަށްވެސް އައެވެ.

ރިޕޯޓްތައް ބުނާގޮތުގައި، ސަލްމާން ޕޫޖާއަށް އެހީތެރިވުމަށް ނިންމީ، އޭނާގެ އާއިލާއިން އޭނާ ދޫކޮށްލުމުންނެވެ. އަދި ޑޮކްޓަރުން ވަނީ ޕޫޖާގެ ފުއްޕާމެއަށް ގެއްލުންތަކެއް ވަމުން ދިޔަކަމަށާއި، އޭނާއަށް ނޭވާލުމުގައި ދަތިތައް ހުރި ކަމަށް ބުނެފައެވެ. ޕޫޖާ އެ ހޮސްޕިޓަލްގައި އޮތްއިރު، ފައިސާގެ ދަތިތަކަން ވަރަށް ބޮޑުވިއެވެ. އެހެން ނަމަވެސް ޕޫޖާއަށް އެހީތެރިވުމަށް ސަލްމާން ފައުންޑޭޝަން ތައްޔާރަށް އޮތްއިރު، އެކަމަށް އެ ފައުންޑޭޝަނުން ވަރަށް ބޮޑު ހޭދައެއް ކުރިއެވެ.

ޑޮކްޓަރުން ބުނީ، ޕޫޖާ ހާލު އެހާ އަވަހަށް ރަނގަޅުވަމުންދިޔައީ، ސަލްމާން ފައުންޑޭޝަންގެ ފަރާތުން އޭނާއަށް ވިޓަމިންސް އާއި ޕްރޮޓީން ސަޕްލިމެންޓް ފޯރުކޮށްދިނުމުން ކަމަށެވެ. ޕޫޖާ މިހާރު ހޮސްޕިޓަލުން ދޫކުރުމުން ގޯއާއަށް ގޮސްފައިވާއިރު، ކުރިއަށް އޮތް މަސް ދުވަސް ތެރޭގައި އޭނާއަށް އަދި ފަރުވާދޭން ޖެހޭނެކަމަށް ޑޮކްޓަރުން ވަނީ ބުނެފައެވެ.

އަދި އޭނާގެ ބަރުދަންވެސް ރަނގަޅު ވެފައިވާއިރު، މިހާރު އޭނާގެ ހަަށިގަނޑުގައި ނުރައްކާތެރި ބެކްޓްރިއާއެއްގެ އަސަރު ނެތްކަމަށްވެސް ޑޮކްޓަރުން ވަނީ ބުނެފައެވެ.