ބޮލީވުޑްގެ ގިނަ ފަންނާނުންނަކީ އާއިލީ ނުފޫޒުން ނުވަތަ ފިލްމީ އާއިލާއަކަށް ނިސްބަތްވުމުގެ ސަބަބުން ބޮލީވުޑަށް ވަދެވިފައި ތިބި ތަރިންނެވެ. މިފަދަ ތަރިން އެމީހުންގެ ދަރިންވެސް ފިލްމީ ދާއިރާއިން ކުރިއަށް ދިޔުމަށް ހިތްވަރުދީ، ބާރުއަޅައެވެ.

ނަމަވެސް، މިހާރު ބޮލީވުޑްގެ ކުރިއަށް އޮތް ފިލްމު "ގޯލްޑް"ގެ ޕްރޮމޯޝަނަލްގެ ކަންތައްތަކުގައި އަވަދިނެތި އުޅެމުންދާ ކުޅަދާނަ އެކްޓަރު އަކްޝޭ ކުމާރު ހުރީ ކޮންމެހެން އޭނާގެ ދޮށީ ފިރިހެން ދަރިފުޅު ފިލްމީ ދާއިރާއިން ކުރިއަށް ދިޔުމަށް ބާރުއަޅާ ވިސްނުމެއްގައެއް ނޫނެވެ. އޭގެބަދަލުގައި، އަކްޝޭ ދެކެނީ އެފަދަ ކަންކަން ނިންމާނީ އޭނާގެ ދަރިފުޅު އާރަވް ބޭނުންވާ ގޮތަށް ކަމަށެވެ.

"އަހަރެންގެ ދަރިފުޅު އާރަވްއަކީ ވަރަށް ޒުވާން ކުއްޖެއް. އޭނާގެ ފިކުރެއް ނެތް ފިލްމީ ދާއިރާއިން ކުރިއަށް ދާކަށް. އާރަވްގެ ޝައުގުވެރިކަން ހުރީ ކިޔެވުމަށް. މުމްބާއީން ކިޔަވާ ނިމުމުން އާރަވް ގަސްތުކޮށްފައިވަނީ އިތުރަށް ކިޔެވުމަށް ލަންޑަނަށް ދާން. މިކަމަކަށް އަހަރެން ހުރަހެއް ނާޅާނަން. އާރަވް ބޭނުން ދާއިރާއަކުން ކުރިއަށް ދިޔުމަށް ހިތްވަރުވެސް ދޭނަން އަދި ފިލްމު ނުކުޅުނު ކަމުގައިވިޔަސް ރުޅިއެއްވެސް ނާންނާނަން" އަކްޝޭ ބުނެފައިވެއެވެ.

"މިއީ އަހަރެންގެ ބައްޕަ އަހަރެންވެސް ބަލާ ބޮޑު ކުރި ގޮތް. އަހަރެން އޭރު (ކުޑައިރު) ކިޔެވުމަށް ޝައުގުވެރިކަން ނެތީމަ ކުޅިވަރުގެ ދާއިރާއިން ކުރިއަށް ދިޔުމަށް ހިތްވަރުދީ އަދި މާޝަލް އާރޓްސްގެ ކޯހެއްވެސް ފުރިހަމަ ކުރުމަށް އެއްބާރުލުން ދިން. އޭރު ހިޔެއް ނުކުރަން ފިލްމީ ދާއިރާއަށް ނިކުމެވޭނެ ކަމަކަށް" އޭނާ އިތުރަށް ބުނެފައިވެއެވެ.

އާރަވް އަކީ އަބަދުވެސް އަމިއްލައަށް ކިޔެވުމަށް އިސްނަގާ، ފިލާވަޅުތައްވެސް އަމިއްލައަށް ހަދާ ކުއްޖެއް ކަމަށާއި އަކްޝޭގެ ރޯލަކީ އޭނާއަށް ރަނގަޅު ކޮލެޖެއް ހޯދައިދީ، އަދި ބެލެނިވެރިއެއްގެ ގޮތުގައި ރަޖިސްޓްރީވެ ކޯހަށް ފީ ދެއްކައިދިނުން ކަމަށްވެސް އަކްޝޭ ވަނީ ބުނެފައެވެ.

އަކްޝޭގެ ކުރިއަށް އޮތް ފިލްމު "ގޯލްޑް" އަކީ މަޝްހޫރް ޑައިރެކްޓަރު ރީމާ ކަޓްގީ ޑައިރެކްޓްކުރާ ފިލްމެކެވެ. މި ފިލްމު ބިނާ ކޮށްފައިވަނީ އިންޑިއާއަށް މިނިވަންކަން ލިބުނު ފަހުން، އެންމެ ފުރަތަމަ އޮލިންޕިކްސްގައި ލިބުނު ރަން މެޑަލް ހާސިލްކުރުމަށް އުޅުނު ދުވަސްވަރު ހިނގާ ދިޔަ ކަންތައްތަކެއްގެ މައްޗަށެވެ.

ކޯޗްއެއްގެ ރޯލުން އަކްޝޭ ފެނިގެންދާ "ގޯލްޑް" ގައި ހަރަކާތްތެރިވާ އިތުރު ފަންނާނުންގެ ތެރޭގައި އެކްޓްރެސް މޯނީ ރޯއީ އާއި އަމިތު ސަދާއި ސަނީ ކައުޝަލް އަދި ކުނަލް ކުމާރު ހިމެނެއެވެ.