(ނަވާވީސްވަނަ ބައި)

"މާ ބޮޑުކަމެއް ނުވޭ! ގެއަށް ގެނައި ބިއްލޫރިގަނޑެއް ސާފުކުރަނިކޮށް އަތް ކަފައިގެން ދިޔައީ!" ލުކްޝާން ޤަސްތުގައި ދޮގުހެދިއެވެ.

"އަތް ކަފައިގެން ދިޔައީއޭ!" ލުކްޝާން ބުނި ޖުމުލަ އޮފީހަށް ވަދެގެން އައި އަލީފްގެ ކަންފަތުގައި ޖެހުނެވެ. "ހާދަ ބޮޑަކަށޭ ދޯ! ވަރަށް ދެރަ! ލުކްޝާން ލީވް ނަގަންވީނުން!"

"ލުކްޝާންގެ ހުރިހާ ލީވްއެއް ހުރީ ހުސްވެފަ!" ނަތާޝާ އަވަސް އަވަހަށް އަލީފަށް ޖަވާބު ދިނެވެ. "އެކަމަކު އެވަރަށް އަތް ހަލާކުވުމުން އަޅުގަނޑަށް ހިޔެއް ނުވޭ ލުކްޝާނަށް މަސައްކަތް ކުރެވޭނެހެން."

"ވަރަށް ރަނގަޅު ވާހަކައެއް!" އަލީފްގެ ކަޅި ހުއްޓިފައި ހުރީ ލުކްޝާންގެ އަތްތިލައަށެވެ. "ލުކްޝާން އޮފީހުގައި ހަތަރު ގަޑިއިރު ވަންދެއް މަޑުކޮށްލާފައި އެންމެ ރަނގަޅު ގެއަށް ދުރުވިޔަސް!

"ޝުކުރިއްޔާ!" ލުކްޝާން އަލީފްގެ މޫނަށް ބަލައިލިއެވެ.

"ގެޓް ވެލް ސޫން!" އަލީފް ލުކްޝާންގެ މޫނަށް ބަލައިލީ ވަހުމުގެ ނަޒަރަކުންނެވެ.

އަލީފް އާދައިގެ ހިނގުމެއްގައި ގޮސް ގޮނޑީގައި އިށީނެވެ. އޭނާގެ ނިތްކުރީގައި މަޑުމަޑުން އަތް ކާތައިލިއެވެ. އޭނާގެ އެ އަމަލުން އަލީފް ކޮންމެވެސް ކަމަކާ ފިކުރު ކުރަނީކަން ދޭހަވެއެވެ. ކުޑައިރުކޮޅެއް ވަންދެއް އެހެން އިނުމަށްފަހު އަލީފް ވޮށިފިލާގައި ކޮންމެވެސް އެއްޗެހިތަކެއް ވަރަށް ފަރިތަކަމާއެކު ލިޔެލިއެވެ. ވަގުތުން އޭނާގެ ކޮމްޕިޔުޓަރުގެ އިސްކުރީންގައި އޮފީހުގައި ހަރުކުރެވިފައިވާ ސިއްރު ކެމެރާތައް ހުޅުވުނެވެ.

ފަރުވާތެރިކަމާއެކު އެކި ކެމެރާތައް އަލީފް ބަލަމުން ދިޔައެވެ. އެޔާއެކު އަލީފްގެ ސެކްޝަން ފެންނަ ކެމެރާގެ ވީޑިއޯ އަޅުވާލިއެވެ. އަހްލާމް އޮފީހަށް ނުކުތް ހިސާބުން ފަށައިގެން އަލީފް އެ ވީޑިއޯ ބަލަން ފެށިއެވެ. ވީޑިއޯގެ ބައެއް ތަންތަން ކުރިއަށް އޮޅަމުންނެވެ.

ފަހަރަކު ދުވަހެއް ބަލަމުން ބަލަމުން ގޮސް އަލީފް ލޮލުގައި އަޅައިގަތީ ލުކްޝާން އަހްލާމްގެ އަތުގައި ހިފަހައްޓައިގެން ހުރި ދުވަހުގެ މަންޒަރެވެ. އަލީފްގެ ދެ ބުމަ ގޮށް ޖެހުނެވެ. ދަތްކުނޑި ވިކައިލެވުނެވެ. ފުންކޮށް ހޫނު ނޭވައެއް ބޭރުކޮށްލެވުނެވެ. އަލީފް ފަރުވާތެރިކަމާއެކު އެ މަންޒަރު ދެތިން ފަހަރަކު ބަލައިލިއެވެ.

އަހްލާމްގެ އަމަލުތައް ހުރިގޮތުންނާއި އޭނާގެ މޫނު މައްޗަށް އެރި ކުލަވަރުން އަލީފަށް އެނގުނީ އަހްލާމް އޮފީހުން ނުކުމެގެން ދިޔައީ ހިތްހަމަނުޖެހިގެންނެވެ. އަލީފް އަވަސް އަވަހަށް އެ މަންޒަރު ފެންނަ ބައި އޭނާގެ ފޯނަށް ފޮނުވާލިއެވެ. އެ ވީޑިއޯއިން ފެންނަ މަންޒަރަކީ އަހްލާމް ގެއްލުމުގެ ސަބަބަކަށް ވެދާނެތީއެވެ. އަދި ހަމައެހެންމެ އެއީ އޮފީސްތެރޭގައި ހިނގި އޮފީސް ގަނާއަކަށް ވާތީވެސް މެއެވެ.

"ހަލޯ!" ފުރަތަމަ ރިންގުން ޒާހީ ފޯން ނެގިއެވެ.

"ހަލޯ! ޒާހީ އަހަރެންގެ އަތުގެ އެބައިން ވަރަށް މުހިއްމު ވީޑިއޯއެއް!" އަލީފްގެ ހިތް ހުރީ އަވަސްވެފައެވެ. "އެކަމަކު އެ ވީޑިއޯ އެއީ އޮފީސްގެ ކެމެރާގެ ވީޑިއޯއެއް!"

"އެންމެ ރަނގަޅު އަހަރެން އެބަ ފޮނުވަން ސިޓީއެއް!" ކަންކުރަންވީ މަގު ޒާހީއަށް އެނގެއެވެ.

"އޯކޭ! އަހަރެން އިންނާނެ ވީޑިއޯ ރެޑީކޮށްލާފަ!" އަލީފް ބޭނުންވީ ތަހުޤީޤު އަވަސް ކުރާށެވެ. "މިވަގުތު އިހަށް ބޭއްވީއޭ! ފަހުން ގުޅާނަން!"

އަލީފް އަތުކުރި ގަޑިއަށް ބަލައިލިއެވެ. އޭރު ގަޑިން މެންދުރުން އަނބުރައި ބާރަ ޖަހަނީއެވެ. އޭނާއަށް ފުންމައިގެން ތެދުވެވުނެވެ. ކެމެރާތަކުގެ ވީޑިއޯތައް ތަހުޤީޤުކުރަން އިނދެވުނީ ކިހާއިރެއް ވަންދެއްކަން އޭނާއަށް ނޭނގުމުންނެވެ. އަވަސް އަވަހަށް ސައިކަލު ތަޅުދަނޑި ޖީބަށް ލަމުން ލަމުން އޭނާގެ ކެބިނުން ނުކުތެވެ.

"ނަތާޝާ! ސޮއެ ކުރަން އެއްޗެއް އޮތީއްޔާ ގުޅުއްވާ! އެބަ އަންނަން ބޭރަށް ގޮސްލާފަ!" އަލީފްގެ މިސްރާބު ހުރީ އޮފީހުން ބޭރަށެވެ.

ލުކްޝާން މަގުމަތިން ދިޔަ ކާރަކަށް އަތް ނެގިއެވެ. އެޔާއެކު ކާރުގެ ދުވެލި މަޑުވިއެވެ. ލުކްޝާން ގޮސް ކާރުގެ ދޮރު ހުޅުވާލައި އެތެރެއަށް ވަނެވެ. އެޔާއެކު ކާރު ދުއްވައިލިއެވެ. ލުކްޝާން ބުނި ގެއަށެވެ. އޭނާގެ އަމިއްލަ ގެއަށެވެ. ލުކްޝާންގެ ދެ އަތުގައި އޮޅާފައިވާ ބެންޑޭޖް މަޑުމަޑުން ނައްޓަމުން ދިޔައެވެ. އޭނާގެ އަތުގެ އެތަން މިތަން ވަނީ ކަނޑައިގެން ގޮހެވެ. އެހެނަސް އޭނާގެ ދެ އަތުގައި ވޭން އަޅައިތީއެއް ނޫޅެއެވެ. ލޭ ވަނީ މަނާވެފައެވެ.

"މިހިސާބަށް އެންމެ ރަނގަޅު!" ލުކްޝާންގެ އެދުމަށް ކާރު މަޑުކޮށްލިއެވެ.

ޖީބުން ނެގި ވޮލެޓުން ފައިސާތަކެއް ޑްރައިވަރާ ހަވާލުކޮށްލުމަށްފަހު ލުކްޝާން ކާރުން ފޭބިއެވެ. އޭނާގެ ގެއަށް ވަނުމަށް ޖަހަންޖެހޭ ކޯޑް ޖެހުމާއެކު ދޮރު ހުޅުވިގެން ދިޔައެވެ. ލުކްޝާން ކަރުގައި އޮތް ޓައީ ދޫކުރަމުން ގެއަށް ވަނެވެ. އޭނާގެ ގޭގެ ތިރީގައި ބާއްވާފައި އޮތް ހުދުކުލައިގެ ކާރަށް ބަލައިލިއެވެ. ނިކަން ރީއްޗަށް ސާފުކޮށްފައި އޮތުމުން ކާރު ހީވަނީ ވަރަށް އައު ކާރެއް ހެންނެވެ.

ލުކްޝާން ލިފްޓަށް އަރައި އެންމެ މަތީ ފަންގިފިލާގެ ނަންބަރަށް އޮށްބައިލިއެވެ. އެޔާއެކު ލިފްޓު މައްޗަށް އެރަން ފެށިއެވެ. ލުކްޝާން ފުން ނޭވައެއް ބޭރަށް ދޫކޮށްލައި ގަމީހުގެ އަތްކުރި އޮޅައިލިއެވެ. އުޅަބޮއްޓާއި ހަމައަށެވެ. ލިފްޓު ހުއްޓުމާއެކު ލުކްޝާން ލިފްޓުން ނުކުތީ ކަރުގައި އޮތް ޓައީ ނަގަމުންނެވެ.

އެންމެ މަތީ ފަންގިފިލާގައި ފެންނަން ހުރީ އެންމެ ދޮރެކެވެ. ބަލައިބެލުމަށް އެއީ ވަރަށް ވަރުގަދަ ދޮރެކެވެ. ލުކްޝާން އަތުގައި އޮތް ޓައީ ފައްޖަހާލުމަށްފަހު ޖީބަށް ކޮއްޕައިލިއެވެ. އޭނާގެ އެނެއް ޖީބުން ނެގި ތަޅުދަނޑިފަތީގައި އިން ތަޅުދަނޑިއަކުން އެ ދޮރު ހުޅުވާލިއެވެ. ލުކްޝާން އެއްވެސް ފަރުވާލެއްނެތި އެ ދޮރުން އެތެރެއަށް ވަދެ ދޮރު ލެއްޕިއެވެ.

ސިޑިން ދުވެފައި އެރުމުގެ ސަބަބުން އަލީފް ހުރީ ދާހިއްލައި ފޯވެފައެވެ. އަލީފް އެކި ދިމަދިމާއަށް ބަލައިލިއެވެ. ކުރިމަތީގައި ހުރި ދޮރުގެ ތަޅުގައި ހިފައިލިއެވެ. ތަޅު ހުރީ ހުޅުވާފައެވެ. އަވަސްއަވަހަށް އަލީފް އެ ދޮރު ހުޅުވާލައި އެތެރެއަށް ވަނެވެ. ވަރަށް ފަރުވާތެރިކަމާއެކުގައެވެ. އެއްވެސް މީހެއްގެ ހިލަމެއް ވޭތޯ ބަލަމުންނެވެ. ނިކަން ސިއްރު ސިއްރުންނެވެ.

އަލީފަށް ވަދެވުނީ ސިޓިން ރޫމަކަށެވެ. ވަރަށް ފުރިހަމައަށް ތައްޔާރުކުރެވިފައިވާ ރީތި ސިޓިން ރޫމެކެވެ. ބަލައިބެލުމަށް އެއީ ވަރަށް މުއްސަނދި އާއިލާއެއް އުޅުމަށް ތައްޔާރުކުރެވިފައިވާ ތަނެކެވެ. އެއީ އަލީފްމެންގެ ގޭގައިވެސް އެފަދަ ތަނެއް ނުވާތީއެވެ. އަދި ފުރަ މާލެއިންވެސް އަލީފަށް އެފަދަ ސިޓިން ރޫމެއް ފެނިފައި ނުވާތީވެއެވެ.

ސިޓިން ރޫމެއްގައި ހުންނަންޖެހޭ ހުރިހާ އެއްޗިއްސެއް އެތަނުގައި ހުއްޓެވެ. ނަމަވެސް އެއިން އެއްވެސް އެއްޗެއް ބޭނުންކޮށްފައި ނުވާކަން އެނގެނީ އެތަކެއްޗަށް ލައްވާފައި ހުރި އުރައިގެ ސަބަބުންނެވެ. އަލީފް އެކި ދިމަދިމާއަށް ނަޒަރު ހިންގައިލިއެވެ. އެޔާއެކު އޭނާގެ ލޮލުގައި އަޅައިގަތީ ޗޮކްލެޓް ކުލައިގެ ދޮރެކެވެ.

(ނުނިމޭ)