ދުނިޔެ މިއީ ހާދަވާ ހެއްވާ ތަނެކެވެ. ދުވަހަކުވެސް އަހަންނާއި އެއްކޮޅަކަށް ދުނިޔެ ނާރައެވެ. އަބަދުވެސް ބަލަނީ އަހަރެންނަށް ދަތި އުނދަގޫ ޖައްސާފައި ދުރުގައި ހެވިފައި ބަލަން ހުރެވޭތޯއެވެ. ނޫނެކެވެ. މިބުނެވުނީ މުޅިން އަދި ރަނގަޅަކަށް ނޫނެވެ. ހެއްވައީ ދުނިޔެއެއް ނޫނެވެ. އަސްލު އެއީ ދުނިޔޭގައި ދިރިއުޅޭ މީހުންގެ ކަންތައްތައް ހުންނަ ގޮތެވެ. އެމީހުންގެ ރަހުމެއްނެތް އަމަލު ތަކުގެ ސަބަބުންނެވެ.

ލޯތްބަކީ ކުޅޭ ކުޅޭ އެއްޗެކޭ ބައެއް މީހުންނަށް ހީވެފައި އޮންނަނީ ކީއްވެ ކަމެއް އަހަންނަކަށް ނުވިސްނެއެވެ. އެނގޭހައި ވެސް އެއްޗަކީ މަދު މީހަކު ފިޔަވައި މިހާރު ލޯބީގެ ނަމުގައި ކުޅެލަނީ މޮޅެތި ޑްރާމާތައް ކަމެވެ. "ސައިޑް ޗިކުން" ކޮންމެ ދަޅައަކަށް ބަދަލުކޮށްލެވޭ ވަރަށް އެ ގެންގުޅިލަނީ ލޯބިވެރިޔާއަށް ކޯއްޗެއް ނުދެވޭތީ ކަމެއްވެސް ނޭނގެއެވެ. މަދުވަނީ ކޮން ކަމެއް ކަމެއްވެސް ނޭނގެއެވެ. ގައިމު މަކަރު ހަދައިގެން އުޅުމުގެ ބޭނުމަކީ ކޮބައިހެއްޔެވެ؟

އެއީ ދިވެހި ވަރަށް ގިނަ ފިރިހެނުން ހިތުން "ކޫލް" ގޮތެވެ. އެއްގޮތަކަށްވެސް އެހެން މި ބުނީ ހުރިހާ ފިރިހެނުން ޝާމިލް ކޮށްފައެއް ނޫނެވެ. އެކަމަކު މިއަދުގެ މި މުޖުތަމައުގައި ކަން ވަމުންދާ ގޮތުގެ ވާހަކައެވެ. ކުޑަ މިނުން އަހަރެންގެ ހަޔާތަށް ބަލާލިއަސް އެކަން ރަނގަޅަށް އެނގޭނެއެވެ. އޮޅުން ބޮޅުން ވުމެއްނެތި އަހަރެން މި ދައްކާ ވާހަކަ މިއީ ފުލޯކް ވާހަކައެއް ނޫންކަން އެނގޭނެއެވެ.

އަހަރެންގެ އޮންނަނީ އެންމެ ހިތެކެވެ. އެ ހިތް ދެވުނީވެސް ހަމަ އެންމެ މީހަކަށްށެވެ. އެހެން މީހުން ގޮތަށް އަހަރެންގެ ހިތް އެތައް ބަހައިގެން ނޫޅެމެވެ. އަދި ނުވެސް ބަހާނަމެވެ. ސަބަބަކީ އެންމެ ފުރަތަމަ ދުވަހުން ފެށިގެންވެސް މި ހިތް މިލްކް ކުރި ފަރާތް ނޫން އެހެން ފަރާތަކަށް މި ހިތް ރައްދުވުމަކީ ބޭއިޚްތިޔާރުގައި ނަމަވެސް ވެވޭ ބޭވަފާއެއް ކަމަށް އަހަރެން ޤަބޫލު ކުރާތީއެވެ.

ސާނަވީ ތައުލީމާއި ހަމައަށް އަހަރެން ހުރީ ހުސްކޮށެވެ. އެއްގޮތަކަށްވެސް ފިރިހެނުން ނުވަނީކީ ނޫނެވެ. ސަފުސަފު ފުރޭހައި ގިނައިން ފިރިހެނުންވެއެވެ. އެހާވަރަށް އެމީހުންގެ ފަރާތުން ހުށަހެޅުންތައް ވެސް ދިޔައީ ލިބެމުންނެވެ. އެކަމަކު އަހަރެންގެ ހިތުން ހާއްސަ މަޤާމެއް ދެވޭ ފަދަ ކުއްޖެއް ނުފެންނާތީ ކެތްތެރި ކަމާއިއެކު އަހަރެން އިންތިޒާރު ކުރަމުން ދިޔައީމެވެ.

ގްރޭޑް 10 ނިންމާލުމަށްފަހު އަހަރެން މާލެ ބަދަލުވީ ނާރސިން ކޯހެއް ފުރިހަމަ ކުރުމަށެވެ. އޭރު އަދި ދުނިޔެއަށް މާކަ ބޮޑަށް ލޯ ހުޅުވިފައި ނުވާތީ މާލެ އައިތާ ފުރަތަމަ ދުވަސްކޮޅު އެ ފެންނަން ފެށި ކަންތައްތަކަށް ހިތް ލެނބެން ފެށީ އެޔެއް މިޔެއް ބަލާފައެއް ނޫނެވެ. ވަކިން ބޮޑަށް ރީތި ފިރިހެނުންގެ ހުށަހެޅުންތައް ލިބެން ފެށުމުން ހިތް އެކަމަށް އިޖާބަ ދިނުމަށް ގޮވަން ފެށިއެވެ. އޭގެ ތެރެއިންވެސް ދެ ކުއްޖަކު އޭރުވެސް އުޅެނީ ކުއްޖަކާ ރައްޓެހި ވެގެންނެވެ. އެކަމަކު ކުއްޖަކާ ރައްޓެހިވެގެން ހުރެވެސް، އަހަރެންގެ ލޯތްބަށް ދިޔައީ އާދޭސް ކުރަމުންނެވެ.

ކުރިން އެ ކަންކަމަށް ކިތަންމެ އިޖާބަ ދޭ ހިތްވި ކަމުގައިވިޔަސް، ފަހުން އެކަމަށް ފޫހިވާން ފެށީ އެމީހުންގެ ދެ ފުށް ދެގޮތް މިންވަރު ފެނި، އެމީހުންނަށް މި ހިތް ނުލެނބުނީމައެވެ. އެހެންވެ އަނެއްކާވެސް ކުއްޖަކާ ރައްޓެހިވުމުގެ ހިޔާލު ދޫކޮށް ކިޔެވުން އިސްކުރީއެވެ. ފުރަތަމަ ސެމިސްޓާ ބެރޭކްގައި އުފަންރަށަށް ދިޔުމުގެ ބަދަލުގައި އަހަރެން ދިޔައީ މަންމަމެންގެ ރަށަށްށެވެ. އެ ފަހަރު އާއިލާ އެންމެން ޖަމާވަނީ އެ ރަށަށް ކަމުގައި ވާތީއެވެ. އެހާ ދާ ހިތް ނުވެ ހުރެ ދިޔަނަމަވެސް ފަހުން އަހަރެންނަށް އެ ދަތުރު ހާއްސަ ވިއެވެ. އަހަރެން މިހުރިހާ ދުވަހު އަތްފުނަ އަޅާ ހޯދަމުން ދިޔަ މި ހިތުގެ ޒުވާން "ރާޖާ" ފެނުމުންނެވެ. ނުވިތާކަށް އޭނާގެ ލޯބިވެސް ކާމިޔާބު ކުރެވުނީމައެވެ.

ފާޒިލް އާއެކު އަހަރެންގެ ލޯބީގެ ޑައިރީ ލިޔެވެން ފެށީ އެ ދަތުރަށް ފަހުގައެވެ. ރައްޓެހިވިތާ މާ ގިނަ ދުވަހެއްނުވެ ފާޒިލްވެސް ކިޔަވަން މާލެ ބަދަލުވުން ވެގެން ދިޔައީ އަހަރެންނަށް ވެސް ލިބިގެން ދިޔަ ވަރަށް ބޮޑު އުފަލަކަށެވެ. އަބަދު ކައިރީގައި ފެންނަން ހުރުމާއި ބޭނުން ވަގުތަކު ދިމާވެލައި އެ ހިއްގައިމު މޫނު ދެކިލުމުގެ ފުރުސަތު ލިބިގެން ދާނެތީ އަހަރެން އެކަމާއި އިންތިހާއަށް އުފާ ކުރީމެވެ.

އުންމީދު ކުރިގޮތާއި އެއްގޮތަށް އަހަރެމެން ދެމީހުންނަށް ވަރަށް ގިނައިން ބައްދަލު ވެވެއެވެ. ރައްޓެހި ވީ އެއްވެސް ވަރަކަށް ދެމީހުންނަށް އެކަކު އަނެއްކަކު ދަސްވެސް ނުވަނީސް، ހަމަ އެކަނި ރީތި ކަމުގެ ސިފައަށް ބަލާލައިފައި ކަމަށް ވުމާއިއެކު ދެމީހުން ދެނެގަންނަން ވެސް ދުވަސް ގަނޑެއް ނެގިއެވެ. ތަފާތު ވާހަކަތައް ދެކެވި، އެކަކު އަނެއްކަކާއި ބެހޭ އެތަކެއް ވާހަކަތަކެއް ދެކޮޅުން ބަދަލުކުރުމަށްފަހު މި ގުޅުން އިތުރަށް ކުރިއަށް ގެންދަން އަހަރެން ނިންމީމެވެ. ދެމީހުންގެ މިޒާޖުގައި ކުޑަވަރެއްގެ ތަފާތުތަކެއް ހުރި ކަމުގައި ވިޔަސް، ދެވަނަ އެހެން ފަރާތަކަށް އަހަރެންގެ ހިތް މިލްކު ކޮށް ނުދެވޭނެކަން ޔަޤީން ކުރެވޭތީއެވެ.

ވަރަށް އަމާން އޮމާންކޮށް މަހެއްހައި ދުވަސް ފާއިތުވުމަށްފަހު، ހަޔާތުގެ މިސްރާބު ބަދަލުވެ ކޮޅިގަނޑެއްގައި ޖެހެން ފެށީ އަހަރެން އެކަމަށް އެއްވެސް ވަރަކަށް ތައްޔާރުވެސް ނުވެ ހުއްޓައެވެ. ކުއްލިއަކަށް ފާޒިލްގެ އުޅުމަށް ބޮޑެތި ބަދަލުތަކެއް އައިސް އަހަރެންނާއި ދުރުވާން ފެށީވެސް އެ ދުވަސްކޮޅުގައެވެ. މުޅި ހަޔާތަށް ވިއްސާރަ ބޯ ވިލާގަނޑެއްގެ ހިޔަނި އެޅުނުކަހަލައެވެ.

އަހަރެންނަށް ކުރެވުނީ ކޮން ކުށެއް ކަމެއްވެސް ނުވިސްނެއެވެ. އެއްވެސް އެއްޗެކޭ ބުނެ ނުލާ އޭނާ ހަމަ އަހަރެންނާއި ދުރުވީއެވެ. ކުރިން އަބަދު ބައްދަލުވުމަށް އެދޭ ފާޒިލް، ފަހުން ފަހުން އަހަރެން ކިތަންމެ އާދޭހެއް ކުރި ކަމުގައިވިޔަސް ފެންނަ ހިސާބަށް އައުމަށްވެސް ދެކޮޅު ހަދައި ބަހަނާ ދައްކައެވެ. ކުރިން ކްލާސް ނިންމާފައި އަބަދުވެސް އަހަރެން ގެއަށް ގެންގޮސް ދޭން ފާޒިލް އާންނާނެއެވެ. އެކަމަކު ފަހުން ފަހުން އައިސް އެކްސްޓްރާ ކްލާސްތަކާއިހެދި، ކްލާސް ނިމޭގަޑިއަށް ބަލާ އައުމަށް އޭނާ އުޒުރުވެރިވެއެވެ. ނުވިތާކު ފަހުން ފަހުން އައިސް އޭނާއަށް ކުޑަ ވަގުތު ކޮޅަކަށް ވެސް އަހަރެންނާއި ވާހަކަ ދެއްކޭ ކަމަކަށް ނުވެއެވެ. އަބަދު ހުންނަނީ ބިޒީވެފައެވެ. ކުރާ މެސެޖްތަކަށް ރިޕްލައި ވެސް ކުރަނީކީ ނޫނެވެ. ވާހަކަ ދައްކާލާ ހިތުން ގުޅާލި ކަމުގައި ވިޔަސް އޭނާގެ ފޯނުވެސް އަބަދު އޮންނަނީ "ވެއިޓިންގ" ގައެވެ. ކަންތައްތައް މިގޮތުގެ މަތިން ދާތީ، އަހަރެންގެ ޝަކުވާތައް އިތުރުވެސް ވިއެވެ.

ފުރަތަމަ އަހަރެން ހީކުރީ، ފާޒިލްއަށް އެހާ ބޮޑު ބަދަލެއް އަންނަން ޖެހުނީ އަހަރެންގެ ސަބަބުން ކަމަށެވެ. އަހަރެންނަށް ފާޒިލް ހިތް އެދޭ ފަދަ ރީތި އަންހެން ކުއްޖަކަށް ނުވެވުނީމަ ކަމަށެވެ. ބޭރުތެރޭގައި އުޅޭއިރުވެސް އަހަރެންގެ ހުންނަ ސަކަ މިޒާޖުގެ ސަބަބުން އޭނާ އަހަރެންނާއިއެކީ އުޅެން ލަދު ގަންނަނީ ކަމުގައެވެ. އެކަމަކު އޭރު އަހަރެންނަށް ވިސްނުނީ މުޅިން ގޯސް ކޮށެވެ.

ކަންތައްތައް އެގޮތުގައި ކުރިއަށްދާން ފެށުމުން އަހަރެންނަށް ކެތްކުރުން ދަތިވީ ހިތުގައި ފުނި ޖެހުމުންދިޔަ ޝަކުވާ ތަކާއި ޖަވާބު ބޭނުންވެފައިވާ ސުވާލުތައް ގިނަ ކަމުންނެވެ. އުފަލެއް ނެތް މި ދިރިއުޅުން ބަރުދާސްތުކުރަން ޖެހުނީ ކީއްވެތޯ އަމިއްލަ ނަފްސާ ސުވާލުކޮށްކޮށް ވަރުބަލިވި އިރުވެސް އެކަށޭނަ ޖަވާބެއް ނުލިބުނެވެ. އެހާހިސާބުން ދެން ވިސްނުމަށް އައީ އެވާހަކަ ފާޒިލް ކައިރީގައި ދައްކައިގެން، އެކަން ކޮޅެއްގައި ޖައްސާށެވެ.

ހީކުރި ގޮތާއި ޚިލާފަށް ފާޒިލް ގާތުގައި އެވާހަކަތައް ދެއްކުމުން އޭނާ ދިނީ ވަރަށް އާދައިގެ ޖަވާބެކެވެ. އަބަދު އެއްގޮތަކަށް އުޅޭކަށް ނުވާނޭ ބުނެ އޭނާ އަހަރެންގެ މި ހިތް ރޮއްވާލީ އިތުރު އެހެން ވާހަކައެއްވެސް ބުނެފައެވެ.

"މިޒޫ ދާން ބޭނުމިއްޔާ ހަމަ ދާންވީ.. މިޒޫ ދެރަވެދާނެތީ އަހަރެން ނުބުނަން މި ހުންނަނީ. އަހަރެން ވަރަށް ޓްރައި ކުރިން މިޒޫ ދެކެ ލޯބިވެވޭތޯ. އެކަމަކު އަހަރެންނަކަށް މިޒޫ ދެކެ ލޯތްބެއް ނުވެވުނު" މިއީ ފާޒިލް އެންމެ ފަހުން ބުނި ވާހަކައެވެ.

ފާޒިލް އެބުނީކީ ވަކި ދޮގެއްވެސް ނޫންތާއެވެ. ލޯބި ވާން މަސައްކަތް ކޮށް ލޯބި ނުވެވުމަކީ ފާޒިލްގެ ކުށެއް ނޫންތާއެވެ. ލޯބިނުވާ މީހަކަށް އެހާ ވަރަށް ވަގުތެއްވެސް ނުދެވޭނެތާއެވެ. ވީއިރު، އަހަރެން ހަމަ ބަދު ނަސީބީ ދޯއެވެ! މިފަދަ ގޮތްގޮތަށް ފާޒިލް ދިފާއުކޮށް އަހަރެން ވިސްނަން ފެށީ އަހަރެމެންގެ ލޯބީގެ ގުޅުމަށް ހުއްޓުމެއް އައުމުންނެވެ. އޭގެފަހުންވެސް ފާޒިލްގެ ޚަބަރެއް ނުވި ނަމަވެސް އަހަރެން ބަރާބަރަށް އޭނާގެ މައުލޫމާތު އެ ރަށު ބައެއް މީހުން މެދުވެރިކޮށް ހޯދަމެވެ.

ރުޅިވިތާ ހަފްތާއެއް ފަހެވެ. އަހަރެންނަށް ދެން އިވުނު ހަބަރަކީ ފާޒިލް އުޅެނީ އެ ރަށު އެހެން އަންހެން ކުއްޖަކާއި ރައްޓެހިވެގެން ކަމެވެ. ވަކީން ބޮޑަށް އަހަރެންނަށް ސިހުން ގެނުވީ އަހަރެންނާއި ފާޒިލް ރައްޓެހިވިއިރުވެސް، އެބުނާ އަންހެން ކުއްޖަކާއި އޭނާއާއި ރައްޓެހިވެގެން އުޅޭކަން އެނގުމުންނެވެ. މިހާރު އެދެމީހުންގެ ގުޅުމަށް ދެ އަހަރާއި ގާތްވެފައިވާތީވެސް މެއެވެ.

އަހަރެން މިއީ ބޭކާރު މީހެއްކަން ފުރަތަމަ ފަހަރަށް އިޙްސާސް ކުރެވުނެވެ. ފާޒިލް އޭނާގެ ލޯބިވެރިޔެއެއް ހުރެމެ، ވަގުތީ އުފަލަށް އަހަރެން ގެންގުޅިލި ގޮތް ހިތަށް އަރާފައި ދެރަވީ، އުމުރުދުވަހު ދެރަ ނުވާ ވަރަށެވެ. އަމުދުން އަހަރެންގެ ފުރަތަމަ ލޯބިވެރިޔާގެ ފަރާތުން އެފަދަ ކެއްސެއް ލިބުމުން ހިތް ފަޅައިގެން ނުދިޔައްޔާވެސް ދެރަ ނޫންހެއްޔެވެ؟

ފާޒިލް އަހަރެންނަށް އެގޮތަށް ބޭވަފާތެރިވި ނަމަވެސް ފާޒިލްއަކީ ގޯސް މީހެއް ކަމަކަށް އަހަރެން ޤަބޫލެއް ނުކުރަމެވެ. އޮޅުވާލުމާއި ދޮގުހެދުން ފިޔަވައި އަހަރެންނަށް ގެއްލުމެއް ދީފައި ނުވާތީއެވެ. އެފަދަ ފިރިހެނުންގެ މަޅީގައި މިއަދު އަހަރެން ފަދަ އެތަކެއް އަންހެން ކުދިންނެއް ވާނީ ޖެހިފައި ކަމާއިމެދު އަހަރެން ޝައްކެއް ނުކުރަމެވެ.

ކުރިންވެސް އަހަރެންނަށް ލޯބި ހުށަހަޅަމުންދިޔަ މީހުންގެ ލިސްޓުގައި ހިމެނުނީ، ކުއްޖަކާއި ރައްޓެހިވެ ހުރެ، އަހަރެންގެ ލޯތްބަށް އާދޭސް ކުރަމުންދިޔަ ފިރިހެނުންނެވެ. މިއަދު އަހަރެންގެ ހިތުގެ ރާޖާ އަކީ ވެސް އެފަދަ މީހެކެވެ. ވީއިރު، މިކަމުގައި އަހަރެންނަށް ވަކި ކުރެވޭނީ ކޮން ކަމެއް ހެއްޔެވެ؟ އަހަރެން ދުނިޔެމަތިން ފޫހިވެއްޖެއެވެ. މިތަނުގައި އަހަންނާއި ދިމާވަނީ ހުސް އެއް ކަހަލަ މީހުންނާއި ވިއްޔާއެވެ. ހަމައެކަނި އެންމެ އަންހެން ކުއްޖަކަށްޓަކައި ފިދާވާން ކެރޭ ފިރިހެނެން މިއަދު މަދު ވާނެ ވިއްޔާއެވެ. އަހަންނަށް ދުނިޔެ ކުއްވެރި ކުރެވެނީ އެހެންވެގެންނެވެ.

ކިޔުންތެރިންގެ ހިޔާލު

7 ކޮމެންޓް

  1. މަ ވަރަށް އަގުބޮޑު ވާނެ. ފެންނަ ފެންނަ ރީތި މީހެއްގެ އަވައިގަ ނުޖެހެން. މަގޭ ގޯލް އަކީ ކިޔަވައިގެން މޮޅުވެގެން މައިންބަފައިންނަށް ހިތްފަސޭހަ ދިރިއުޅުމެއް ހޯދައިދިނުން.

  2. މަވެސް މި ތިކަހަލަ މަޅިއެއްގަ ޖެހުން މީހެއް. 2 އަހަރު ވަންދެން ރަށްޓިހި ވެގެން އުޅުނިން. ހުރިހާ ހަރަދެއްވެސް ކުރީ އަހަރެން. އޭނަގެ ފަރާތުން ބޭނުންވީ ހަމައެކަނި ލޯބި. ބޭވަފާތެރިއެއްވެސް ނުވަން. ބުނިހާ ކަމެއް ކޮށްގެން އުޅުނިން. ބޭނުންހިފާލާފަ އެއްލާލީ އެންމެ ފަހުން. މަގޭ ރަށްޓިއްސަކަށްވެސް ލިބުން ހަމަ މިކަހަލަ ލަނޑެއް. މި ހަމަ ގިނަ ދިވެހި ފިރިހެނުންގެ ފާޑު ތާ. ލާރިއަށް މޮޔަވެފަ. ދެން ކީއްކުރާނީ. އޭނަ ދެކެ ލޯބި ވެވުނީ ވެސް. މުޅި އުމުރު ދުވަހު އެކަނި ހޭދަ ކުރިއަސް މާ ރަނގަޅު ވާނެ ތޯޗެ.

    • ޜައްޓެހިވުމަކީ، އިސްލާމްދީނުގައި، ހަރާމް، ކަމެއް،.ހެއްދެވިފަރާތް، ނުރުއްސަވާގުޅުމެއްގަައި، ބަރާކާތެއް، ނޯންނާނެ

  3. ޜިސޯޓް ބޯައި

    ޙުރިހާ ފިރިހެނުން ނެއް ނޫން ވާ ގޮތަކީ ދިވެހި އަންހެނުން ހިތް މޮޅީ.. ބަލާލަން ހުތުރު ހެޔޮ ލަފާ ކުއްޖެއް ބޭނުމެއް ނުވެ .. ބޭނުން ވަނީ ރީތި ފިރިހެނުން.. ރީތި ފިރިހެނެއް ޢެއްލޯ މަރާލާ އިރަށް ފިދާވާތީ ވާ ގޮތް..

  4. ވަފާތެރިން ވެސް ތިބޭނެ..އަހަރެން މީކީ މާ ރަނގަޅު މީހެއް ނޫން އެކަމަކު މީހަކާ ރައްޓެހިވެގެން ހުރެ އެހެން މޯހަކާ ނުވަން

  5. އަދިވެސް ތާކުން ހިލޭފިރިހެނެއް ފެންނައިރަށް މޮޅެތި ޑްރާމާ ޖައްސައިން ސެޓުވޭތޯބަލާތި ހަހަހަ. ޚޮބާ ހެދި މޮޅެތި ފަންޑިތަ ތަށް އަތަށް ގޮވީތަ؟

  6. ދިވެހި ކުއްޖާ

    ޓިޕިކަލް ދިވެހި އަންހެނުންނަށް ކަމުދާނީ ބޯމައްޗަށް ބޮޑު ހުޅި ޖަހާފަ އަތްފައިގަ ގަހަނާ އެޅު ފިރި ހެނުން. ޢެކަމް ފަހުން އޮންނަނީ ލަޑުލިބިފަ ކެހިދީފަ ނޫނީ ދުނިޔޭގަ އުޅުމައް އުދަގޫ ކޮއްފަ. ނޫނީ ބޮޑު ބަޑެއް ދީފަ. ސްމާރޓް ކޮށް ބޯކޮށާފަ ޑޮރެސްއަޕް ކުރާ ފިރިހެނުން އެއީ މިހާރު ގިނަ ދިވެހި އަންހެން ކުދިންނަށް ކަމުދާ ބައެއް ނޫން. މީ މިހާރުގެ ހަގީގަތް