މިހާރު އެންމެ ވައިގައި ހިފައިގެން އުޅޭ ގޭމަކީ ޕަބްޖީ އެވެ. އެންމެންވެސް މިހާރު، މަސްއޫލުވެ، ވަގުތު ހޭދަކުރުމަށް ކުޅެ އުޅޭ ގޭމަކީ އެއީއެވެ. ހަމަ އެބީދައިން، މީގެ އަހަރުތަކެއް ކުރިން ޕޯކެމޯން ގޯ ގެ ނަމުގައި ގޭމެއް މަޝްހޫރުވިއެވެ. އޭރު، އެންމެންވެސް، ކުޅެ އުޅޭ ގޭމަކީ އެއީއެވެ. އެންމެން، އެތަން މިތަނުގައި އޭރު ދުވެ އުޅެނީ، ޕޯކެމޯން ހޯދުމަށެވެ.

އުމުރުން 70 ގެ އަހަރުތައް ގުނަމުން އަންނަ، ޓައިވާނުގެ ރައްޔިތެއްކަމުގައިވާ ޗެން ސެން ޔުއަން އަކީ، އަދިވެސް ފޫހިކަމެއް ނެތި ޕޯކެމޯން ގޯ ކުޅޭ މީހެކެވެ. އޭނާއަކީ، ހަމައެކަނި ހުސް ވަގުތު އެކަން ކުރާ މީހެއް ނޫނެވެ. އޭނާއަކީ، އެކަމަށް ވަގުތު ހުސްކޮށްގެން އެކަން ކުރާ މީހެކެވެ.

މި ގޭމު ކުޅުމަށްޓަކައި އޭނާވަނީ އެތައް ޚަރަދެއްވެސް ކޮށްފައެވެ. އެތައް ޚަރަދެއް ކޮށްގެން، އެކި ތަފާތު އާލާތްތައް، އެކަމަށްޓަކައި އޭނާ ހޯދާފައިވެއެވެ. އެގޮތުން، އޭނާވަނީ ގޭމު ކުޅުމަށްޓަކައި 11 ފޯނު ހޯދާފައެވެ. އަދި، އެފޯނުތަކުގެ ޗާޖު ހުސްވިޔަ ނުދީ ބެހެއްޓުމަށްޓަކައި، އަބަދުވެސް ނުވަ ޕަވަރ ބޭންކު އޭނާ ގެންގުޅެއެވެ.

މީގެއިތުރުން، ކޮންމެ މަހަކުވެސް، ގޭމުގެ ތެރެއިން ގަންނަން ޖެހޭ އެއްޗެހި ގަތުމަށްވެސް، އޭނާ އެތައް ޚަރަދެއް ކުރެއެވެ. އެގޮތުން، އޭނާ ބުނެފައިވާ ގޮތުން، ޕޯކެމޯން ގޯ އަށް، މަހަކު 1165 ޕައުންޑު އޭނާ ޚަރަދުކުރެއެވެ.

އެކި ތަންތަނުން ޕޮކެމޯން ހޯދުމަށް، ބައިސްކަލެއްގައި ޗެންގެ ހުރިހާ ފޯނެއް ހަރުކޮށްފައި ހުންނައިރު، ޕޮކެމޯން ހޯދުމަށް، ބައެއް ދުވަސްދުވަހު، 20 ގަޑިއިރުވެސް އޭނާ މަގުމަތީގައި ހޭދަކުރެއެވެ. ހަމައެހެންމެ، ބައެއް ދުވަސްދުވަހު، އޭނާ ގެއަށް ވަންނަނީ މެންދަމުން އަލިވެ، ހަތަރެއް ޖެހުމުންކަމަށްވެސް ބުނެފައިވެއެވެ.

ޗެން އަކީ އަލްޒައިމާ ޖެހިފައިވާ މީހެއްކަމަށްވާއިރު، ގޭމު ކުޅުމުގައި ގިނަ ވަގުތު ހޭދަކުރަމުންދާތީ، އެކަމުންވާ ދަތިތަކުންވެސް ސަލާމަތްވާކަމަށް ބުނެފައިވެއެވެ.

ކިޔުންތެރިންގެ ހިޔާލު