ބޭނުންކުރާ ވަކި ވައްތަރެއްގެ ބޮކްސާއެއްގެ ސަބަބުން ގެއްލުމެއް ލިބިދާނެކަމާއި މެދު ވިސްނާނީ މަދު ބައެކެވެ. ނަމަވެސް ބާރު ބޮކްސާ ލާން ބޭނުންވާ މީހުންނާއި، ދޫކޮށް ހުންނަ ބޮކްސާ ލާން ބޭނުންވާ މީހުންނާއި އަޅައި ކިޔާލާއިރު، ސިއްޙީ ގޮތުން ތަފާތުތަކެއް ހާމަވާން ހުންނަކަމީ އެކަމާއި މެދު ވިސްނާލުން މުހިންމުވާ ސަބަބެކެވެ.

މިކަމާއި ގުޅޭގޮތުން ދާދިފަހުން ކުރިއަށްގެންދިޔަ ދިރާސާއަކުން ހާމެވަފައިވާގޮތުގައި، ބާރުކޮށް ބޮކްސާ ލުމަކީ އެކަމުގެ ސަބަބުން ދާއިމީ ގެއްލުންތަކެއް ލިބޭ ކަމެއް ކަމެވެ. އެގޮތުން މިކަމުން ފިރިހެނުންގެ ދަރިފަންޏަށް ނުރަނގަޅު އަސަރުކޮށް، ދަރިފަނި އުފައްދައިދޭ މިންވަރު ދަށްކޮށްލާ ކަން ދިރާސާއިން ވަނީ ހާމަވެގެން ގޮސްފައެވެ.

މި ދިރާސާގެ އިސް ތަޖުރިބާކާރު އަދި ހާވާޑް ޓީއެޗް ޗަން ސްކޫލް އޮފް ޕަބްލިކް ހެލްތުގެ ޕްރޮފެސަރ، ޑރ. ޖޯޖް ޗެވާރޯ ވިދާޅުވެފައިވާގޮތުގައި، ބާރުކޯށް ބޮކްސާލުމުން ދަރިފަންޏަށް އެކަމުގެ ނޭދެވޭ އަސަރު ކުރަން މެދުވެރިވާ އެކިއެކި ސަބަބުތައްވާ ކަމަށެވެ. އެގޮތުން ދަރިފަނި އުފައްދާ ނިޒާމުގެ ހޫނުމިން އެންމެ އެކަށީގެންވާވަރަށްވުރެ މަތީގައި ހުރުމަށް އެކަމުން މަގުފަހިވާއިރު، އެއީ ދަރިފަނި އުފެއްދުމަށް ހުރަސްއެޅޭ މައިގަނޑު އެއް ސަބަބު ކަމަށް އޭނާ ވިދާޅުވިއެވެ.

މި ދިގު ދިރާސާގައި ޖުމްލަ 656 މީހަކު ބައިވެރިކޮށްފައިވާއިރު، އޭގެތެރޭގައި 2000 ވަނަ އަހަރާއި 2017 ވަނަ އަހަރާއި ދެމެދު، ދަރިފަނި އުފައްކާ ނިޒާމަށް މައްސަލަ ކުރިމަތިވެގެން މަސާޗުސެޓްސް ޖެނެރަލް ހޮސްޕިޓަލަށް ދައްކާފައިވާ ފަރާތްތައްވެސް ހިމެނެއެވެ. މިއިން ކޮންމެ މީހެއްގެ ޓެސްޓުތައް ވަކިވަކިން ކުރިއަށް ގެންގޮސްފައިވާއިރު، ދަރިފަންޏަށް އެންމެ ބޮޑަށް ގެއްލުން ލިބި އެ ނިޒާމަށް ދާއިމީ މައްސަލަތައް ކުރިމަތިވެފައި ވަނީ ބާރުކޮށް ބޮކްސާ ލައި އުޅޭ މީހުންނަށްކަށް ވަނީ ހާމަވެގެން ގޮސްފައެވެ.

އަދި ދޫކޮށް ބޮކްސާލާ މީހުންގެ ދަރިފަނި އުފައްދާ ނިޒާމު ދުޅަހެޔޮވެފައި، ދަރިފަނި އުފައްދާ މިންވަރުވެސް އިތުރުކަން ދިރާސާއިން ހާމަވެގެން ގޮސްފައި ވެއެވެ.

މި ދިރާސާގެ ތަޖުރިބާކާރު، ޑރ. ޖޯޖް ޗެވާރޯ ވިދާޅުވެފައިވަނީ ބާރުކޮށް ބޮކްސާލާ ފަރާތްތަކަށް މި މައްސަލަތައް ކުރިމަތިވާން ދުވަސްނަގާ ކަމަށާއި، ނަމަވެސް އެފަދަ ކަމެއް މެދުވެރިވެއްޖެ ނަމަ އެކަމެއް ޙައްލު ކުރުމަކީ އުނދަގޫ ކަމަކަށްވާނެ ކަމަށެވެ. އެހެންކަމުން ގެއްލުމެއް ލިބުމުގެ ކުރިން އެކަމާއި މެދު ސަމާލުވުމަކީ އެންމެ ބުއްދިވެރި ގޮތް ކަމަށް އޭނާ ދެކެއެވެ.