އިންޑިއާގެ މުމްބާއީގެ ހުޅަނގުގައި އޮންނަ އަނދޭރީއަށް ނިސްބަތްވާ އުމުރުން 20 އަހަރުގެ ޒީނަތު ހައްޤު އަކީ އާދައިގެ އަންހެނެއް ނޫނެވެ. އޭނާގެ އަތުން ވަގަކު ވައްކަން ކުރުމުން، އެމީހާ އަތުލައިގަތީ އަމިއްލަ މަސައްކަތުންނެވެ. ވައްކަން ކުރި މީހާ އިންސާފުގެ ކުރިމައްޗަށް ގެނެވި، އެފަދަ އެހެން މީހުނަށް ފިލާވަޅެއްކަމުގައި އެ ހާދިސާ ވެގެންދިޔައީ ޒީނަތުގެ ހުށިޔާރުކަމުންނެވެ.

އެ ހާދިސާ ހިނގައިދިޔަގޮތް ކިޔައިދެމުން ޒީނަތު ނޫސްތަކުގައި ބުނެފައިވަނީ، އޭނާގެ އަގުބޮޑު މޯބައިލް ފޯން ވަގަށް ނަގާފައި ވަނީ މިދިޔަ އާދީއްތަ ދުވަހުގެ ރޭގެ ވަގުތެއްގައި ރެއިލެއްގެ ތެރޭގައި ހުއްޓައި ކަމަށެވެ. އަދި ފޯނު ނެތްކަން އެނގުމާއި އެކު ރެއިލުގެ ތެރެ ބަލައި ހޯދި ކަމަށާއި، ނަމަވެސް ފޯނު ފެންނަ ގޮތެއް ނުވުމުން ގެއަށް ދިޔައީ ކަމަށެވެ.

އަދި ފޯނު، އޭނާގެ އީމެއިލް އާއި "ލިންކު"ކޮށްފައިވުމުން، ފޯނުން ކުރާ އެއްވެސް ކަމެއް ދެނެގަނެވޭތޯ ގެއަށްގޮސް އީމެއިލްއަށް ވަދެ ބެލި ކަމަށާއި، ނަމަވެސް އެރޭ އެއްވެސް އީމެއިލެއް އައިސްފައި ނުވާކަމަށް ޒީނަތު ބުންޏެވެ. ޖެހިގެން އައި ދުވަހުވެސް ފޯނު ރީސެޓު ނުކޮށް އޮވެދާނެ ކަމަށް ބަލައި އީމެއިލް ބަލައިލި އިރު ފޯނު ބޭނުންކުރަމުން ދިޔަ މީހާ ނަގާފައިވާ އޭނާގެ އަމިއްލަ ފޮޓޯތަކެއް އީމެއިލުގެ ގޮތުގައި ލިބިފައި ހުރިކަމަށާއި، އެހެންކަމުން ފޯނު ބޭނުން ކުރަމުންދާ ގޮތް ރަނގަޅަށް ބަލަމުންދިޔަ ކަމަށް ޒީނަތު ބުންޏެވެ.

"އޭނާ ވަނީ އަހަރެންގެ ފޯނުން ވަޓްސްއެޕްވެސް ބޭނުންކޮށްފައި. އަދި ކޮންމެވެސް އެހެން މީހަކާއި އެކު އެ ފޯނުން ނެގި ފޮޓޯއެއްވެސް ދެކުނިން. ފޯނުން ކުރަމުންދިޔަ ހުރިހައި ކަމެއް އަހަންނަށް މެއިލްގެ ގޮތުގައި ދިޔައީ ލިބެމުން،" ޒީނަތު ބުންޏެވެ.

ޒީނަތު ބުނެފައިވާގޮތިގައި އީމެއިލް ބަލަމުން ދަނިކޮށް، ފޯނު ބޭނުންކުރަމުންދިޔަ ފަރާތުން އެރޭގެ ވަގުތެއްގައި ފުރުމަށް ތައްޔާރުވެ ޓިކެޓެއް ބުކް ކުރިކަމުގެ މެއިލެއްވެސް ފަހުން ވަނީ ލިބިފައެވެ. އެއާއި އެކު އެކަން، ކަމާއި ބެހޭ އިދާރާތަކަށް އަންގައި، އެފަރާތްތަކާއި އެކު ރެއިލް ނައްޓާލަން ވަގުތު ކުޑަތަންވެފައި ވަނިކޮށް ޒީނަތު ރެއިލްވޭ ސްޓޭޝަނަށް ދިޔައެވެ. އީމެއިލްގެ ޒަރިއްޔާއިން ލިބުނު ފޮޓޯގެ ބޭނުން ހިފައިގެން ފުލުހުން ފޯނު ބޭނުންކުރަމުންދިޔަ މީހާ އަތުލައިގެންފައި ވަނީ ރެއިލުގެ ތެރޭގައި ހުއްޓައި ކަމަށް ވެއެވެ.

ފަހުން ފުލުސް ސްޓޭޝަނަށް އެމީހާ ގެންގޮސް ޒީނަތުގެ ފޯނު އޭނާއާއި އަނބުރާ ހަވާލުކޮށްފައިވާއިރު، ވައްކަން ކުރި މައްސަލައިގައި އެ ފިރިހެން މީހާ އާއި ދެކޮޅަށް ދަޢުވާކުރުމަށް ވަނީ ނިންމާފައެވެ. ފުލުހުން ވަނީ މި ހާދިސާގައި ޒީނަތު ދައްކައިދިން ހިއްވަރުން ހިއްވަރު ލިބި، ކުއްވެރިން އިންސާފުގެ ކުރިމައްޗަށް ގެނައުމުގައި އެހީތެރިކަން ފޯރުކޮށްދިނުމަށް އާންމުންގެ ކިބައިން އެދިފައެވެ. ފުލުހުން ވަނީ ޒީނަތުގެ ހުށިޔާރުކަމާއި މެދު ފަހުރުވެރިވާކަމަށް ބުނެ އޭނާއަށް ވަރަށް ބޮޑަށް ތައުރީފުކޮށްފައެވެ.