ލޯބީގެ ގޮތުން ދެ މީހަކު ގުޅިގެން އުޅޭ އިރުގައި ވަރަށް ގިނަ ކަންކަމާއި ކުރިމަތިލާން ޖެހޭނެއެވެ. އެއީ ފައިސާ، ސިއްޙީ ނުވަތަ އާއިލީ ކަމަކަށްވެސް ވުން އެކަށީގެން ވެއެވެ. ކޮންމެއަކަސް، ގިނަ ފަހަރަށް ފެންނަ މަންޒަރަކީ ލޯބިވެރިޔާ އަށް ބޮޑު ކަމެއް ކުރިމަތިވުމުން އެހީތެރިވުމުގެ ބަދަލުގެ އޭނާ ދޫކޮށް އަނެކާ ދާ މަންޒަރެވެ.

ތައިލޭންޑުގެ މި ދެ ލޯބިވެރިންގެ ވާހަކަ މުޅިން ތަފާތެވެ. ފޮޓޯ އިން ތިޔަ ފެންނަނީ 21 އަހަރުގެ ޕޫ ޗޮކްޗައި އާއި އޭނާގެ ލޯބިވެރިޔާ އަޓިއްޔާ ޗުމްކިއު އެވެ. ޕޫ އަށް ވަނީ ފުރާނަ އަށް ނުރައްކާވާ ފަދަ ލޮލުގެ ކެންސަރެއް ޖެހިފައެވެ. މިކަމުގެ ސަބަބުން ޕޫގެ މުޅި ބުރުސޫރަ ހުތުރު ވެފައި ވީ ނަމަވެސް ޕޫ ދޫކޮށް ދިއުމުގެ އެއްވެސް ވިސްނުމެއް އަޓިއްޔާ ނުގެންގުޅެއެވެ.

ޕޫގެ ހާލަތު ދުވަހަކަށް ވުރެ ދުވަހެއް ސީރިއަސް ވަމުން އަންނަ އިރުގައި ޑޮކްޓަރުން އަންނަނީ މެދު ނުކެނޑި އޭނާ އަށް ފަރުވާ ކުރުމުގެ މަސައްކަތް ކުރަމުންނެވެ.

ދާދި ފަހުން މި ދެ ލޯބިވެރިން އެމީހުންގެ ލޯބީގެ ގުޅުމަށް 3 އަހަރު ފުރުން ހޮސްޕިޓަލުގައި ފާހަގަކޮށް މީސް މީޑިއާގައި ހިއްސާ ކޮށްފައިވާ ޕޯސްޓެއްގައި ވަނީ މި ދަތި ހާލުގައިވެސް ދެމީހުން ދެމި ހުންނާނީ އެކުގައި ކަމަށާއި މިފަދަ ކަމަކުން ދެމީހުންގެ ގުޅުމަށް ބަދަލެއް ނާންނާނެ ކަމަށެވެ.

ޕޫ އަށް ފަރުވާ ކުރެވޭނޭ ކަމާއި މެދު ޑޮކްޓަރުންވެސް ސުވާލު އުފައްދާ އިރުގައި، އޭނާގެ ގާތުގައި އަޓިއްޔާ ހުރުމަކީ ޕޫ އަށް ލިބޭ ހިތްވަރެއްކަން ގައިމެވެ.

މިފަދަ ކަންކަން އަހަރެމެންގެ ކުޑަކުޑަ މުޖްތަމަޢުގައި ވެސް ހިނގަމުން އަންނަ އިރު ގިނަ ފަހަރަށް ފެންނަނީ ސިފަ ހުތުރުވުމުން ނުވަތަ ފައިސާގެ ދަތި ކަމެއް ދިމާވުމުން ލޯބިވެރިޔާ ދޫކޮށް ދާ މަންޒަރެވެ.

ކިޔުންތެރިންގެ ހިޔާލު