ސަމްސަންގެ ނޯޓް ފޯންތައް ގޮވި ހަނދާންތައް އަދި ގިނަ ބަޔަކު ހުންނާނެއެވެ. އެއީ ސަމްސަންގްގެ ލޯބިވެރިންނަށް ލިބުނު ވަރަށް ބޮޑު ލަދުވެތިކަމެކެވެ. ސަމްސަންގް އައި އެޕަލްގެ ވާދަވެރިކަމުގައި އެޕަލް ކުރީގައި އޮތީ ވެސް އެފަދަ ކަމެއް އެޕަލްގެ ފޯނުތަކަށް ދިމާނުވާތީއެވެ.

ނަމަވެސް މިފަހަރު މިއޮތީ އައިފޯނެއް ވެސް ގޮވާފައެވެ. ނަމަވެސް އެއީ ފޯނު އުފެދުމުގައި ދިމާވެފައިވާ މައްސަލައެއްގެ ސަބަބުން ކަމަކަށް ނުވެއެވެ.

ރިޕޯޓްތައް ބުނާ ގޮތުގައި އައިފޯން-6 އެއް ގޮވާފައި ވަނީ ޗައިނާ ގައެވެ. ފޯނު ގޮވީ ފޯނުގެ ބެޓެރީ ބަދަލު ކުރިތާ އިރުކޮޅެއް ފަހުންނެވެ. ފޯނުގެ ބެޓެރީ ބަދަލުކޮށްފައި ވަނީ އެޕަލް އިން އެކަމުގެ ހުއްދަ ދީފައިވާ ފިހާރައަކުން ނޫންކަން ފޯނުގެ ވެރިފަރާތުން ޔަގީން ކޮށްދެއެވެ.

އެޕަލްގެ ހުއްދަ ނެތް ފިހާރަތަކުން ގަންނަ ބެޓެރި އާއި އެފަދަ ފިހާރަތަކުގައި ހުންނަ ކޭބަލް އިން ފޯނު ޗާޖް ކުރުމުން ލިބޭ ގެއްލުމަށް އެޕަލް ޒިންމާއެއް ނުވެއެވެ.

ރިޕޯޓްތައް ބުނާ ގޮތުގައި ޗައިނާ އަންހެނަކު ފިހާރައަކުން ފޯންގެ ބެޓެރި ބަދަލުކޮށްގެން ގެއަށް ދިޔަ މަގުމަތީގައި ފޯނުގައި ކުއްލިއަކަށް އަލިފާން ރޯވެ ވަނީ ގޮވާފައެވެ. އަންހެން މީހާ ކާރު ދުއްވަން އިނުމުން ފޯނު ބާއްވާފައި އޮތީ ކާރުގެ ޑޭޝްބޯޑް މަތީގައެވެ.

ފޯނުގައި އަލިފާން ރޯވި މަންޒަރު އޭނާގެ ފިރިމީހާ ވަނީ ވީޑިއޯ ކޮށްފައެވެ. ފޯނުގެ ބެޓެރީ ބަދަލު ކުރި ފިހާރައިން ވަނީ މިކަމާއި ގުޅިގެން ކޮމެންޓެއް ކުރަން ދެކޮޅު ހަދާފައެވެ.

މެއިލް އޮންލައިން އިން މިކަން މިހާރު ވަނީ އެޕަލްގެ ސަމާލުކަމަށް ވެސް ގެނެސްފައެވެ. ނަމަވެސް އެޕަލް އިން އަދި މިކަމާއި ގުޅިގެން އެއްވެސް އެއްޗެކޭ ބުނެފައެއް ނުވެއެވެ.

ފޯނު މަރާމާތު ކުރުމަށް އެޕަލް އިން ހުއްދަ ދީފައިވާ ފިހާރަތަކުގެ މައުލޫމާތު އެޕަލްގެ ވެބްސައިޓުން އެނގެން ހުންނާނެއެވެ.

ކިޔުންތެރިންގެ ހިޔާލު