އެމެރިކާގެ ބިލިއަނަރެއް ކަމަށްވާ އުމުރުން 59 އަހަރުގެ ހެންރީ ނިކޮލަސް އެމެރިކާގެ ލަސްވޭގަސްގައި ހުންނަ ހޮޓަލެއްގެ ކޮޓަރިއެއް ތެރެއިން ގިނަ އަދަދެއްގެ މަސްތުވާތަކެއްޗާއި އެކު ހައްޔަރު ކޮށްފިއެވެ.

ހެންރީގެ އިތުރުން އޭނާގެ ލޯބިވެރިޔާ ވެސް ވަނީ އެކޮޓަރިން ހައްޔަރު ކޮށްފައެވެ. ފުލުހުން ބުނީ ކޮޓަރި ފުރެންދެން ހުރީ މަސްތުވާތަކެތީގެ އެކި ބާވަތްތައް ކަމަށެވެ. އޭގެތެރޭގައި ހެރޮއިން އާއި ކޮކޭން ވެސް ހިމެނެއެވެ. ފުލުހުން އެމީހުން ތިބި ކޮޓަރިއަށް ވަންއިރު ދެމީހުން ވެސް ތިބީ މަސްތުވާތަކެތި މާގިނައިން ބޭނުން ކުރުމުގެ ސަބަބުން ވަރަށް ބޮޑަށް ހާލު ދެެރަވެފައެވެ. މިހާރު ދެމީހުންގެ ހާލު ވެސް ރަނގަޅެވެ.

ނިކޮލަސް އާއި އޭނާގެ ލޯބިވެރިޔާގެ މައްޗަށް ވެސް މިހާރު ވަނީ ދައުވާ އުފުލާފައެވެ.

ފޯބްސް މަޖައްލާ އާއި ހަވާލާދީ މީޑިއާ ރިޕޯޓްތައް ބުނާ ގޮތުގައި ނިކޮލަސްގެ މިލިކިއްޔާތުގައި މިހާރު 3.1 ބިލިއަން ޑޮލަރު އެބަހުއްޓެވެ. އޭނާ އަކީ އެމެރިކާގެ މަޝްހޫރު ކުންފުންޏެއް ކަމަށްވާ ބްރޯޑްކޮމްގެ އެއް ބާނީއެވެ.

ނިކޮލަސްގެ މައްސަލަތަކެއް 2008 ވަނަ އަހަރު ވެސް ފެންމަތިވިއެވެ. ބްރޯޑްކޮމްގެ ސީއީއޯގެ މަގާމުގައި ނިކޮލަސް ހުއްޓާ އެފަހަރު ވަނީ މަކަރާއި ހީލަތުގެ ދައުވާ އަކާއި މަސްތުވާތަކެތި ޓްރެފިކް ކުރުމުގެ ދައުވާއެއް އުފުލާފައެވެ. ނަމަވެސް ފަހުން ވަނީ އެހުރިހާ ދައުވާއެއް އަނބުރާ ގެންގޮސްފައެވެ.

ނިކޮލަސް އާއި އޭނާގެ ޕާޓްނަރ ހެންރީ މަސުއެލީ ގުޅިގެން ބްރޯޑްކޮމް އުފެއްދީ 1991 ވަނަ އަހަރު އެވެ. ނިކޮލަސް ބިލިއަނަރަކަށްވީ އޭގެ ހަތް އަހަރު ފަހުން ބްރޯޑްކޮމް ޕަބްލިކް ކުންފުންޏަކަށް ބަދަލުކޮށް އާންމުނަށް ވެސް ހިއްސާ ގަނެވޭ ގޮތް ހެދިފަހުންނެވެ.

ނިކޮލަސް 20 އަހަރު ވަންދެން ކައިވެނި ކޮށްގެން އުޅުނު އަނބިމީހާ ވަނީ 2008 ވަނަ އަހަރު އޭނާގެ ކައިރިން ވަރިވެފައެވެ. އެއީ އޭނާ ހަށިވިއްކާ އަންހެނުންތަކާއި އެކު އުޅެނިކޮށް ފެނުމުންނެވެ.

ކިޔުންތެރިންގެ ހިޔާލު