އެމެރިކާގެ މަޝްހޫރު ލަވަކިޔުންތެރިޔާ ނިކް ޖޮނަސް އާއި ބޮލީވުޑްގެ ބަތަލާ ޕްރިޔަންކާ ޗޯޕްރާއާ ދެ މީހުން އެންގޭޖްވިކަމަށް ނިކް އެއްބަސްވެއްޖެއެވެ.

މިދިޔަ އަހަރުގެ މެޓް ގާލާއިން ބައްދަލުވި ނިކް އާއި ޕްރިޔަންކާ ދެ މީހުން ލޯބީގެ ގޮތުން ގުޅިގެން އުޅޭކަން ވަރަށް ބޮޑަށް ޔަގީންވެގެން ދިޔައީ، ދެ މީހުން އެކުގައި އެކި ތަންތަނުން ބައްދަލު ކުރަން ފެށުމުންނެވެ. އަދި އެކަމުގައި އެކި ތަންތަނަށް ދާން ފެށި ހިސާބުންނެވެ.

މީގެ ކުރިން މީގެ ތެރެއިން އެކަކުވެސް އެ މީހުން ލޯބީގެ ގޮތުން ގުޅިގެން އުޅޭކަން ކަށަވަރުކޮށްދީފައެއް ނުވެއެވެ. ނަމަވެސް ދާދި ފަހުން ނިކްގެ އާ ޕާފިއުމް ލޯންޗިންގ ހަފްލާގައި އޭނާގެ ފޭންއެއް އޭނާގެ އެންގޭޖްމެންޓަށް މަރުހަބާ ކިޔުމުން، ނިކް ވަނީ ޝުކުރު އަދާކޮށްފައެވެ.

އެހެންކަމުން ނިކްގެ އެ ޝުކުރުވެރިވުން އެއީ އެ ދެމީހުންގެ ގުޅުން ކަށަވަރުވެއްޖެކަމުގެ ހެއްކެއް ކަމަށް ވެދާނެއެވެ.

"އަމިއްލަ އާއިލާއެއް ބިނާ ކުރުމަކީ ގޯލްއެއް. އެއީ އަހަރެން އުއްމީދު ކުރާގޮތުގައި، ވުން ވަރަށް ގާތްކަމެއް. އެކަންވާނީ ސީދާ ކޮން ދުވަހެއްގައިކަން އަހަންނަށް ނޭގޭ". ނިކް ބުންޏެވެ.

ޕްރިޔަންކާވެސް މީގެ ކުރިން ވަނީ އޭނާ ދަރިން ބޭނުންވާކަމަށް ބުނެފައެވެ. އަދި އެކަން ކުރާނެ ދުވަހެއް ޔަގީންކޮށްނުދޭއިރު، ކުރިއަށް އޮތް 10 އަހަރު ތެރޭގައި ނުވަތަ އެއަށްވުރެ ކުރިންވެސް އެކަން ވެދާނެކަމަށް ޕްރިޔަންކާ ވަނީ ބުނެފައެވެ.

ރިޕޯޓްތައް ބުނާގޮތުގައި، ނިކް އާއި ޕްރިޔަންކާ އެންގޭޖްވެފައި ވަނީ ޕްރިޔަންކާގެ 36 ވަނަ އުފަން ދުވަހު ނިއު ޔޯކްގައެވެ.