ދަނޑުތަކުގެ މޭވާއާއި ތަރުކާރީ ހައްދާއިރު، އެތަކެތި ރަނގަޅަށް ހެއްދުމަށްޓަކައި ޕެސްޓިސައިޑް ބޭނުންކުރާ ކަމަކީ ނޭނގޭ ކަމެއް ނޫނެވެ. އެއަކީ ހަށިގަނޑަށް އެހާ ފައިދާހުރި އެއްޗެއް ނޫންކަމާއި، ޕެސްޓިސައިޑުގައި އެކި ވިހަ މާއްދާތައް އެކުލެވޭކަންވެސް އެނގެއެވެ. އެހެންނަމަވެސް، އެފަދަ ދަނޑުތަކުގައި ހައްދާ ތަކެތި ބޭނުންކުރަން ޖެހެނީ އެފަދަ ދެވަނަ ގޮތެއްވެސް ނެތީމައެވެ.

އެހެންކަމުން، މޭވާއާއި ތަރުކާރީގެ ތޮށިގަނޑުގައި ހުންނަ ޕެސްޓިސައިޑުގެ އަސަރު ކުޑަކުރާނީ ކިހިނެއް ހެއްޔެވެ؟

ދާދިފަހުން ކުރި ދިރާސާއަކުން ދައްކާ ގޮތުގައި މިކަމަށް އޮތް އެންމެ ރަނގަޅު ގޮތަކީ ފެނުގެ ތެރެއަށް ބޭކިންގ ޕައުޑަރު އެޅުމަށްފަހު ގިރާލައިގެން، އެފެނުން މޭވާތަކާއި ތަރުކާރީ ދޮވުމެވެ.

މި ދިރާސާގައި އިތުރަށް ބަޔާންކޮށްފައިވާ ގޮތުން، މި ގޮތަށް ދޮންނައިރު އެންމެ އެކަށީގެންވަނީ 12 މިނެޓާއި 15 މިނެޓާ ދެމެދު ދޮވުމަށްފަހު، ތުވާލިކޮޅެއްފަދަ އެއްޗަކުން ހިއްކާލުމެވެ.

އެހެންނަމަވެސް، މިގޮތަށް ދޮންނައިރުވެސް، މާ ގިނަ އަދަދަކަށް ބޭކިންގ ޕައުޑަރު އެޅުމެއް ނެތެވެ. ކިރިޔާ އޭގެ އަސަރު ހުންނަވަރަށް އެޅުމުން ރަނގަޅުވާނެއެވެ.

މޭވާތަކުގެ ތޮށިގަނޑަކީ އެންމެ ގިނައިން ޕެސްޓިސައިޑް ހަރުލާ އެތިކަމަށްވާއިރު، ގިނަ އަދަދެއްގެ ފައިދާހުރި މާއްދާތައްވެސް އޭގައި ހުރެއެވެ.