ދިވެހިންގެ ތެރެއިން ގިނަ ބަޔަކީ އޮފީސް މާހައުލުގައި ދުވަހުގެ ގިނަ ވަގުތު ހޭދަ ކުރާ ބައެކެވެ. އޮފީސް މާހައުލުގައި އުޅޭ އިރު ގިނަ ވަގުތު އިދެވެނީ ކޮމްޕިއުޓަރުގެ ކުރިމަތީ އެއަށް ބަލަހައްޓައިގެންނެވެ. އެހެން ނަމަވެސް މިއީ ވަރަށް ނުރައްކާތެރިކަމެކެވެ.

ގިނައިރު ވަންދެން ފޯނު ނުވަތަ ކޮމްޕިއުޓަރުގެ ސްކްރީނަށް ބަލަހައްޓައިގެން ހުންްނަ ނަމަ ލޯ އަނދިރިވުން ވަރަށް ގާތް ކަމަށް އޮހާޔޯގެ ޓޮލޭޑޯ ޔުނިވަސިޓީން ކުރި ދިރާސާއަކުން މިހާރު ވަނީ ދައްކާފައެވެ.

އެ ޔުނިވާސިޓީން ހެދި މި ދިރާސާގައި ޑިޖިޓަލް ޑިވައިސްތަކުން ބޭރުކުރާ ނޫ އަލީގެ ސަބަބުން އިންސާނުންގެ ލޮލުގެ ތެރޭގައި ހުންނަ އައްޔަށް ނާޒުކު ފޮޓޯރިސެޕްޓަ ސެލްތައް މަރާލާ ވިހަ ގަދަ ކެމިކަލެއް ލޮލުތެރޭގައި އުފެދުން ވަރަށް ގާތް ކަމަށް ވަނީ ދައްކާފައެވެ. މީގެ ސަބަބުން ލޮލުގެ ފެނުން ގެއްލުން އަވަސް ވެއެވެ.

މި މައްސަލަ މިހެން ދިމާވަނީ އުމުރުން 50 އަހަރުން މައްޗަށް ގޮސްފައިވާ މީހުންގެ ތެރެއިން ކޮންމެ ހަތް މީހަކުން އެކަކަށެވެ. ނޫ އައްޔަކީ އެހެން އައްޔަށް ވުރެ ކުރު ވޭވްލެންތެއް ހުންނަ، އެހެންނަމަވެސް އެހެން ކުލަތަކަށް ވުރެ ހަކަތަ އިތުރު އައްޔެކެވެ. އެހެން ކަމުން މި އައްޔަކީ ލޮލަށް ނުރައްކާތެރި އައްޔެކެވެ.

ޓޮލޭޑޯ ޔުނިވަސިޓީގެ ޑިޕާޓްމަންޓް އޮފް ކެމިސްޓްރީ އެންޑް ބަޔޯކެމިސްޓްރީގެ އެސިސްޓަންޓް ޕްރޮފެސަރު ޑރ.އަޖިތު ކަރުނާރަތްނެ ވިދާޅުވީ ނޫ އައްޔަކީ ލޮލުގެ ރެޓީނާ ހަލާކުކޮށްލައިގެން ލޮލަށް ގެއްލުންދޭ އެއްޗެއްކަން ތަހުލީލުތަކުން މި ހޯދުނީ ނޫ އަލިން ލޮލަށް ގެއްލުން ލިބޭ ގޮތް ބެލުމަށް ހެދި ތަފާތު ޓެސްޓު ތަކުގެ ސަބަބުން ކަމަށެވެ.

މީގެ އިތުރުން ދިރާސާގައި ބައިވެރިވި ފަރާތްތަކަށް ހޯދުނު ގޮތުގައި ލޮލާއި ހަށިގަނޑުގައި ގުދުރަތީގޮތުން އުފެދޭ އެންޓިއޮކްސިޑަންޓެއް ކަމަށްވާ އަލްފާ-ޓޮކޮފެރޮލް އަށް ރެޓިނަލްގެ ސަބަބުން ގެއްލުންވާ ސެލްތައް މަރުވުމުން ސަލާމަތްކުރެވެ އެވެ.

މި ދިރާސާ ކުރި ފަރާތް ތަކުން ބުނާ ގޮތުގައި ނޫ އަލިން ލޯ ސަލާމަތްކުރަން ބޭނުންވާ ނަމަ ބޭރަށް ނުކުންނަ އިރު ޔޫވީ އަދި ނޫ އަލި ފިލްޓަ ކުރެވޭ ފަދަ އަވިއައިނު އެޅުމަށާއި އަނދިރީގައި ފޯނާއި ޓެބްލެޓު ފަދަ ތަކެތި ބޭނުންނުކުރުމެވެ.