ޔޫރަޕުގެ ގައުމުތަކަކީ ދުނިޔޭގެ ސަގާފީ ވެރިރަށްތަކޭވެސް ބުނެވިދާނެއެވެ. އެހެނީ އެ ގައުމުތަކަކީ ބަލާލަން ހިތްފަސޭހަ އެތައް ސައްތަ ތާރީހީ ބިނާތަކާއި ކުރެހުމާއި މިފަދަ އެހެނިހެން ތަކެތި ފެންނަމުންދާ ގައުމުތަކަށް ވާތީއެވެ. މި ފަދަ ތާރީހީ ބިނާތަކާއި ތަންތަނުގެ ސަބަބުން ދުނިޔޭގެ އެތައް މިލިޔަން ފަތުރުވެރިންނެއް އެ ބަލާލުމަށްޓަކައި ހާހުން ޑޮލަރު ހަރަދުކޮށް ޔޫރަޕުގެ ގައުމުތަކަށް ދަތުރުކުރެއެވެ.

ޔޫރަޕާ އެއް ފެންވަރެއްގައި ފަތުރުވެރިންގެ ސަމާލުކަން ހޯދުމަށް އަޅުގަނޑުމެންގެ މި އޭޝިޔާ ބައްރުގައިވެސް އަންނަނީ މިފަދަ ބިނާތަކާއި ތަންތަން އަޅަމުންނެވެ. މީގެ އެއް މިސާލަކީ ވިއެޓްނާމުުގެ ޑަ ނަންގް ޕްރޮވިންސުގައި ދާދި އިހަކަށް ދުވަހު ހުޅުވި ގޯލްޑަން ބުރިޖެވެ. މި ބުރިޖު އުފުލާކަމަށް ދައްކުވާފައިވަނީ ފަރުބަދައިގެ ބިމުއަޑިން ނިކުމެގެން މައްޗަށް އަރާ އަތްތިލަ ތަކެކެވެ. މި ބުރިޖަކީ ކަނޑުގެ ސަތަހައަށްވުރެ 1400 މީީޓަރު މައްޗަށް އުފުލެވިފައިވާ ބުރިޖެކެވެ. މި ބުރިޖުގެ ކުލަގަދަ ހުޅުވުމާއި ފަތުރުވެރިން ބުރިޖު ދެކިލަން ވިއެޓްނާމަށް ދަތުރުކުރާ މިންްވަރު ފެނި އިންޑިޔާއިން ވެސް ވަނީ މިފަދަ ބުރިޖެއް އަޅަން ނިންމާފައެވެ.

އިންޑިޔާގެ ސެންޓްރަލް ސަރުކާރުން ވަނީ މިފަދަ ފަތުރުވެރިންގެ ސަމާލުކަން ހޯދާނެ މޮޅު މޮނިއުމަންޓެއް އެޅުމަށް ޝައުގުވެރިކަން ހުރިފަރާތްތަކުން އެކަންކުރުމުގެ ޕްރޮޕޯސަލްތައް ހުށަހެޅުމުގެ ފުރުސަތު ހުޅުވާލާފައެވެ. އެގޮތުން އިންޑިޔާގެ އެން އެޗް އޭ އައި ގެ އޮފިޝަލަކު ވަނީ އިންޑިޔާގެ ރާމޭޝްވަރަމް އާއި ގުޅުވައިދޭ 1.5 ކިލޯ މީޓަރުގެ ބުރިޖެއް އަޅަން ޕުލޭނެއް ހަދާފައިވާ ކަމަށް ބުނެފައެވެ. އަދި މި ބުރިޖު އިންޑިޔާގެ ސަގާފީ ބައްޓަންތަކަށް ޑިޒައިންކުރެވޭނެ ކަމަށްވެސް އޮފިޝަލުން ވަނީ ބުނެފައެވެ.

މީގެއިތުރުން އޮފިޝަލުން ބުނީ ބުރިޖާއި ބިނާތައް އެޅުމުގެ ޑިޒައިންތަކަށް ބަދަލުއައިސްފައިވާ ކަމަށެވެ. އަދި ކުރިމަގުގައި މިކަމަށް އިތުރަށް ބާރުއަޅައި މިފަދަ ބިނާތައް ވަކިން ހާއްސަކޮށް ރޭގަނޑުގައި ރީތިވާނެފަދަ ގޮތަކަށް ޑިޒައިން ކުރުމަކީ އެމީހުންގެ ވަރަށްބޮޑު ފޯކަސްއެއްކަމަށް އޮފިޝަލުން ވަނީ ބުނެފައެވެ.

ވިއެޓްނާމުން އެޅި ގޯލްޑަން ބުރިޖު ވަނީ ދުނިޔޭގެ އެތައް ބައެއްގެ ސަމާލުކަން ހޯދާފައެވެ. މިފަދަ ބިނާތައް އެޅުން މިހާރު ވެފާއިވަނީ ދުނިޔޭގެ ޓްރެންޑަކަށެވެ. އެހެންކަމުން މިފަދަ އެތައް ބިނާތަކެއް އަވަށްޓެރި އިންޑިޔާއާއި އެހެނިހެން ތަންތަނުން ފެންނާނެކަމާމެދުގައި ޝައްކެއްވެސް ނެތެވެ.

ކިޔުންތެރިންގެ ހިޔާލު

4 ކޮމެންޓް

  1. ހުސޭނުބޭ

    އިންޑިޔާ މީހުން ތި ބްރިޖް ކޮޕީކޮށް ނިމޭއިރު އޮންނާނީ ގެރިއެއްގެ ނަގޫ ހެން!

  2. ޖޮއްބެ

    އިންޑިއާ އިން އަޅަން ތިޔައުޅޭ ބްރިޖް އުފުލާގޮތް ދައްކަންވާނީ ގެރިތަކެއްގެ ބުރަކަށި މަތީގައި ހެހެހެހެ......!!! ކޮޕީކެޓް މޮދީ.

  3. ބޯބުރާންތި

    ރާއްޖޭގެ ތާރީހީ ތަންތަން ޔާމީނު ފުންޑާލައިފި

    • Anonymous

      ކޮންތަނެއްބާ އެއީ؟