ކައިލީ ޖެނާ އަށް އަދިވީ އުމުރުން 21 އަހަރު ކަމަށް ބުނުމުން ފަހަރުގައި ގިނަ ބަޔަކަށް ހައިރާން ކަން ލިބިދާނެއެވެ. ނަމަވެސް ބިލިއަނަރަކަށް ވުމާއި ދާދި ގާތުގައި ހުރި ކައިލީ އަށް 21 އަހަރު ފުރުނީ އަދި މިދިޔަ ހުކުރު ދުވަހު އެވެ.

ރިޕޯޓްތައް ބުނާ ގޮތުގައި ކައިލީގެ އުފަންދުވަސް ފާހަގަ ކުރުމަށް ވަނީ ވަރަށް ކުލަގަދަ ޕާޓީއެއް ބާއްވާފައެވެ. ޕާޓީ ކުރިއަށް ދިޔައީ ނައިޓްކްލަބެއްގައެވެ. ބުރާސްފަތި ދުވަހުގެ ރޭ އިރައިކޮޅު ފެށުނު ޕާޓީގެ ފޯރިގަދަވެ އެންމެ ފަހުން ޕާޓީ ހުއްޓާލަން ދެކޮޅު ހެދުމުން ފުލުހުން ވަނީ ނައިޓް ކްލަބަށް ވަދެ ޕާޓީ ހުއްޓުވާފައެވެ.

މެންދަމު 02:00 ހާއިރު ފުލުހުން ނައިޓްކްލަބަށް ވަދެ ޕާޓީގައި ތިބި ހުރިހާ އެންމެން ގެއަށް ފޮނުވާލި ކަމަށް މީޑިއާ ރިޕޯޓްތައް ބުނެއެވެ. ކެލެފޯނިއާގެ ޤާނޫނުތައް ބުނާ ގޮތުން މެންދަމު ބަނގުރާ ވިއްކުން ހުއްޓާލާ ނައިޓް ކްލަބްތައް ބަންދުކުރަން ޖެހެއެވެ.

މީޑިއާ ރިޕޯޓްތައް ބުނާ ގޮތުގައި ކައިލީގެ އުފަންދުވަހުގެ ޕާޓީގައި އޭނާގެ އާއިލާގެ މެންބަރުންގެ އިތުރުން މަޝްހޫރު ގިނަ ފަންނާނުން ބައިވެރިވިއެވެ.

ކާޑޭޝިއަން އާއިލާގެ އެންމެ ހަގު މެންބަރުގެ ގޮތުގައި ހުރި ކައިލީ އުފެއްދި މޭކަޕް ކަލެކްޝަންގެ ސަބަބުން އޭނާ މިހާރު ވެފައި ވަނީ އެއާއިލާގެ އެންމެ ވަރުގަދަ އެއް މެންބަރަށެވެ. މިހާރު މުޅި ދުނިޔެއަށް ބެލި ނަމަވެސް އެންމެ ބާރަށް ކުރިއަރަމުން އަންނަ އެއް މޭކަޕް ބްރޭންޑަކީ ކައިލީގެ މޭކަޕް ބްރޭންޑެވެ. ފާއިތުވި ތިން އަހަރު ލިބުނު ބޮޑު އާމްދަނީ އާއި އެކު ކައިލީގެ މިލްކިއްޔާތު ވަނީ 900 މިލިއަން އެމެރިކާ ޑޮލަރަށް އަރާފައެވެ.