އެތައް ފިލްމު ތަކަކުން އަހަރުމެނަށްވާނީ އެކިއެކި އާދަހަ ހިލާފް ބާރުލިބިފައިވާ، އެންމެންގެ ބަހުންނަމަ "ސުޕް ހީރޯ" އިން ފެނިފައެވެ. އަދި ސުޕަ ހީރޯ އިންގެ ގޮތުގައި އާންމު ގޮތެއްގައި ފެނިފައިވާނީ ކޮންމެވެސް ނުބައި ބައެއްގެ ކިބައިން ގައުމު ނުވަތަ މީހުން ސަލާމަތްކޮއްދޭ އާދަޔާ ހިލާފު އެހެން މީހުނަށް ލިބިފައިނުވާ ބާރުތަކެއް ލިބިފައިވާ ފަރާތްތަކަކެވެ. ސްޕައިޑަރ މޭން، ބެޓް މޭން އަދި އަޔަން މޭންއަށް ބަލާލިޔަސް މި ހަގީގަތް ފާހަގަ ކުރެވޭނެއެވެ.

ނަމަވެސް "ޕެޑް މޭން" އަކީ އެހެން ސްޕަރ ހީރޯ އިންނާއި ހިލާފަށް އާދަޔާ ހިލާފު ބާރުތަކެއް ލިބިފައިވާ ފަރާތެއްނޫނެވެ. އަދި ޕެޑް މޭން އެގައުމު ހިފަން އަންނަ ބަޔަކާ ދެކޮޅަށް ނިކުންނަނީކީވެސް ނޫނެވެ. ނުވަތަ ނުބައި ނުލަފާ އާދަޔާ ހިލާފު އެއްޗަކާ ދެކޮޅަށް ތަޅައި އޭނާގެ ކިބައިން މީހުންތަކެއް ސަލާމަތެއް ކުރަނީކީވެސް ނުމެނޫނެވެ. ޕެޑް މޭން ކުރާހާވެސް ކަމަކީ އަންހެނުންނަށް ދިމާވާ މަސްވަރު ކަންތަކުގެ މުޙިއްމުކަމާއި އަދި ރަނގަޅު ޕެޑް ބޭނުން ކުރުމާއި އޭގެ މުހިއްމުކަމާއި އަތްފޯރާ އަގެއްގައި ޕެޑް ލިބޭނެގޮތް ހެދުމަށްޓަކއި މެޝިނެއް އުފައްދައިގެން ޕެޑް އުފައްދާ އެ ވިއްކަން މަސައްކަތްކޮށް ސޯޝަލް މައްސަލައަކަށް ހައްލެއް ގެނައުމަށް މަސައްކަތް ކުރުމެވެ.

މި އާދަޔާ ހިލާފު ބާރެއް ލިބިފައި ނުވާ "ސުޕާ ހީރޯ" ދެކެ އެތައް ބަޔަކު މިވަނީ ލޯބި އުފެދިފައެވެ. އަދި މި ފިލްމު ބެލުމަށްޓަކައި ފުރަތަމަ ދުވަހު ގިނަބަޔަކު ވަނީ ޖަމާވެފައެވެ. ޖުމްލަ 3350 ސިނަމާއެއްގައި އިއްޔެ "ޕެޑް މޭން" އަޅުވާފައިވާއިރު މި ފިލްމަށްވަނީ ބޮޑު ތަރުހީބެއް ލިބިފައެވެ.

މި ފިލްމް އެޅުވި ފުރަތަމަ ދުވަހުގައި ވެސް މި ފިލްމް މި ވަނީ 10.26 ކުރޯޑް ރުޕީސް ހޯދާފައެވެ. ސަންޖޭ ލީލާ ބަންސާލީގެ ފިލްމް "ޕަދްމާވްތް" ސިނަމާގައި އޮތް ނަމަވެސް އެ ފިލްމްގެ ސަބަބުން މި ފިލްމަށް އެއްވެސް ކަހަލަ ގެއްލުމެއް ދެއްކި ތަނެއް ނުފެނެއެވެ. އިންޑިއާގެ ބޮލީވުޑްގެ ފިލްމުތައް ދިރާސާ ކުރާ ފަރާތްތަކުން ހާމަކުރާ ގޮތުން ކުރިޔަށް އޮތް ދެ ހަފްތާ ތެރޭގައި އަދި މިއަށްވުރެ ބޮޑު ކާމިޔާބީއެއް ލިބިގެންދާނެއެވެ.

ފުރަތަމަ ދުވަހާއެކު އުފަލުގައި ހުރި އަކްޝޭ ބުނީ އޭނާ އެންމެ ބޭނުންވަނީ މި ފިލްމްގެ ސަބަބުން އިންޑިއާގައި އޮތް މައްސަރު ދުވަސްވަރުގެ އާދަ ނެތިގޮސް ރައްކާތެރި ގޮތުގައި ހުރިހާ އަންހެނުންވެސް ޕެޑް ބޭނުންކުރާ ތަން ފެނުން ކަމަށެވެ. އަދި އިޝްތިހާރާއި ފިލްމް ޕްރަމޯޝަން ހަރަކާތްތަކުން ވެސް އެކަމަށް ބޮޑުބަދެލެއް އައިސްފައިވާ ކަމަށާއި އެކަމާ އުފާކުރާކަމަށް އަކްޝޭ ބުންޏެވެ.