"ކީފަހު މަށަށް ރަން" މިއީ ބައެއް ދިވެހިންގެ ދިރިއުޅުމާއި ވަރަށް ގުޅުން ހުރި ޅެމެކެވެ. އަދި ގިނަ ބައެއްގެ މެދުގައި ވަރަށް މަގުބޫލު ޅެމެއްވެސް މެއެވެ. އެ ޅެމުގައި ބަޔާންކޮށްފައިވަނީ ކައިވެނީގެ ރަން ކީފަހުން ދެން ކުރިމަތިވާ ކަންކަމެކެވެ. ޝައްކެއްނެތެވެ. ކައިވެންޏަކާއި ހަމައަށް ދެވޭނީ ވަރަށް ބޮޑަށް އެކަމަކަށް ތައްޔާރުވެގެންނެވެ. އަދި ކައިވެންޏެއް ކުރެވޭނީ ކައިވެނީގެ ފަހުގައިވެސް އެކީގައި އުޅުމަށެވެ. އެހެންކަމުން ކައިވެނި ކުރަން އުޅޭ ދުވަސްވަރު ބައިވެރިޔާގެ ފަރާތުން އާދަޔާ ހިލާފު ކަންކަން ފާހަގަވުން އެކަށީގެންވެއެވެ. ހާއްސަކޮށް ފިރިހެން މީހާގެ ކިބައިން ބައެއް ކަހަލަ ތަފާތު ކަންކަން ފެންނާނެއެެވެ.

ކައިވެނިކުރަން އުޅޭ ދުވަސްވަރު ބައިވެރިން އެކަކު އަނެކަކަށް އެތަކެއް އަހުދަކާއ ހުވައެއް ކުރެއެވެ. އެކުގައި އުޅޭނެ ކަމަށް ބުނެ އެމީހުންގެ މާޒީގެ ކުރެހުން އެކީގައި ތިބެ ކުރަހައެވެ. ކައިވެންޏަށް ފަހު ހޯދާނެ ދަރިންނާއި އުޅޭނެ ގޮތާއި އެތަކެއް ފަހަރަކު ބައިވެރިން އެކަކު އަނެކަކަށް ހިއްސާކުރެއެވެ. އަދި ކައިވެންޏެއް ކުރަން އުޅޭއިރު ބައިވެރިންގެ ބައްދަލުވުންތަށް އިތުރުވެ އާދަޔާ ހިލާފަށް އެކަކު އަނެކަކަށް އަޅާލާނެއެެވެ. އަދި އެކުގައި ތިބެ ފޮނި ހުވަފެންތަށް ބަލާނެއެވެ.

ނަމަވެސް ކައިވެނީގެ ފަހުން އެކުގައި ތިބެ ކުރެހި މާޒީގެ ކުރެހުމަށް އަމިއްލަ ފައިން ކޮޅުފައިން އަރައެވެ. އަދި އެކުގައި ތިބެ ކުރި އަހުދު ތަކާއި ހުވާތަށް ވެއްޔާއި މޮޑެލައެވެ. އިންނަން އުޅުން އިރު އުޑުން ބާލައިދިން ތަރިތަށް ކައިވެނީގެ ފަހުން ވީ ގެދަބުޅިއަށެވެ. އާދެ، ދަންނަވާލަން މިއުޅޭ ވާހަކައަކީ ރަށްޓެހިވެގެން އުޅޭއިރު އަދި ކައިވެންޏެއް ކުރުމަށް ތައްޔާރުވަމުންދާއިރު ބައިވެރިޔާ ނިކަން ހެޔޮވާ ވާހަކައެވެ. ހާއްސަކޮށް ފިރިހެން ބައިވެރިޔާއެވެ. މިއީ އަޅުގަނޑުމެންގެ ދިވެހި މުޖުތަމަޢުގައިވެސް އާންމު ކަމެކެވެ. އަޭގެ އެންމެ ބޮޑު ހެއްކަކީ ހަރުދަނާ ކައިވެންޏެއްގެ ބިންގާ ނޭޅުމެވެ. ނަތީޖާއެއްގެ ގޮތުން ފޮނި ހުވަފެންތަކާއި އެކު ކުރި ކައިވެނި މާގިނަ ދުވަހެއް ނުވެ ރޫޅިދެއެވެ.

އަދި ރައްޓެހިވެގެން އުޅުން އިރު ވީ ރަންގު ލޯބި ކައިވެންޏަށް ފަހު ބަދަލުވަނީ އަގެއް ނެތް ލޯތްބަކަށެވެ. މިހެންވާން މިޖެހެނީ ކީއްވެތޯއެވެ. އާދެ، ކައިވެންޏަކަށް ފަހު އެކައިވެންޏެއް ދެމެހެއްޓުމަކީ ދެމީހުންގެ ޒިންމާއެކެވެ. އެއީ ހަމަ އެކަނި އަނބިމީހާ ނުވަތަ ފިރިމީހާގެ ޒިންމާއެއް ނޫނެވެ. ދެމީހުން ވެސް ކައިވެނި ދެމެހެއްޓުމަށް މަސައްކަތް ކުރަން ޖެހެއެެވެ. އެހެނަސް ހިތާމައަކީ ކައިވެންޏެއް ކުރަން އުޅޭއިރު އަތަށް ބާރުލާ ޖެހި ފަލި ކައިވެންޏަށް ފަހުގައި ނުޖެހުމެވެ. މަޑު މަޑުން އެކަކު އަނެކަކު މަތިން ފޫހިވުމެވެ. އެންމެ ފަހުން ދެމީހުންގެ މެދުގައި އަރާރުން އުފެދި އެއްކަލަ ކައިވެނީގެ ގޮށް ރޫޅި އޮޔާދެއެވެ.

ކަންމިހެން ހުރުމުން ހަރުދަނާ ކައިވެންޏެއް ކޮށްގެން އުޅެވޭނީ ހެޔޮލަފާ ބައިވެރިޔަކު ހޯދައިގެންނެވެ. ޅެންވެރިޔާ ވިދާޅުވިހެން ހަމަ ރަން ކިޔޭއިރަށް އެއީ ދެން ހުރިހާ ކަމެއް ފުރިހަމަވީއޭ ހިތައިގެން އެކަމެއް ނުވާއެވެ. ކައިވެނި ދެމި އޮންނާނީ އިތުބާރާއި ޔަޤީން ކަމަާއި ލޯބީގެ މަށްޗަށެވެ. އެހެންކަމުން ކައިވެނި ނުކޮށް ތިމާއަށް ފޮނި ހުވަފެން ދައްކާ ޝަހުވަތުގެ ދޮރު ހުޅުވައިިން ބައިވެރިޔާ ކައިވެންޏަށް ފަހު ވަކި ތިމާއަށް ރަގަނޅަށް ކަންތަށް ކޮށްދޭނެ ހެއްޔެވެ؟ ނޫނެވެ. ނުކޮށްދޭނެއެެވެ. މިއީ ގަބޫލު ކުރަން ދަތި ވިޔަސް ހަމަ ހަޤީގަތެވެ.