މަޝްހޫރު ޓީވީ ރިއަލިޓީ ޝޯ "ކީޕިން އަޕް ވިތު ކާޑޭޝިއަންސް" އިން މަޝްހޫރުކަން ހޯދާފައިވާ ކިމް ކާޑޭޝިއަން އަދި މަޝްހޫރު ލަވަކިޔުންތެރިޔާ ކާންޔޭ ވެސްޓަށް ލިބުނު ތިންވަނަ ދަރިފުޅުގެ ފޮޓޯ އާންމު ކޮށްފިއެވެ.

ސަރޮގޭޓެއް މެދުވެރިކޮށް ކިމް ކާޑޭޝިއަން އަށް ތިންވަނަ ދަރިއަކު ލިބިފައިވަނީ މިދިޔަ ޖެނުއަރީ މަހުގެ 15 ވަނަ ދުވަހުއެވެ. ތިންވަނަ ދަރިފުޅަށް ކިމްއާއި ކާންޔޭ ކިޔާފައި ވަނީ ޗިކާގޯއެވެ. ދަރިފުޅުގެ ފޮޓޯއެއް ފުރަތަމަ ފަހަރަށް ކިމް ވަނީ އޭނާގެ އިންސްޓަގްރާމް މެދުވެރިކޮށް އާންމު ކޮށްފައެވެ.

ކިމް އޭނާގެ ސްނެޕްގައި ބުނެފައިވައި ގޮތުން އާއިލާއަށް އިތުރުވި އާ މެންބަރާ އެކު އެންމެންވެސް ތިބީ ވަރަށް އުފަލުންނެވެ. އަދި އޭނާ ވަނީ ދަރިފުޅުގެ ސަރޮގޭޓަށް ވަރަށް ބޮޑަށް ޝުކުރުއަދާކޮށްފައެވެ.

ދާދި ފަހުން ކިމްގެ ދައްތަ ކްލޯއީ ވަނީ އޭނާގެ ފުރަތަމަ ދަރިފުޅަށް ބަލިވެއިންކަން އިއުލާން ކޮށްފައެވެ. މީގެ އިތުރުން، އެ މީހުންގެ އެންމެ ހަގު ކޮއްކޮ ކައިލީ, 20, އަށް ވެސް ވަނީ ދާދިފަހުން އަންހެން ކުއްޖަކު ލިބިފައެވެ.

މަޝްހޫރު ރެޕާ ކަންޔޭ ވެސްޓާ ކައިވެނިކޮށް ތިން ދަރިން ލިބިފައިވާ އިރު ކިމްގެ އުމުރުން މިހާރު 37 އަހަރެވެ.

ކިމްގެ ފުރަތަމަ ދަރިފުޅަށް ނޯތު ވެސްޓް ކިޔާއިރު، ދެވަނަ ދަރިފުޅަށް ކިޔަނީ ސެއިންޓް ވެސްޓެވެ.

ކިމް އޭނާއަށް ތިންވަނަ ދަރިއަކު ލިބެން އުޅޭ ވާހަކަ ޔަގީންކޮށްދީފައި ވަނީ މިދިޔަ ސެޕްޓެމްބަރު މަހު އެވެ. ސަރޮގޭޓެއް މެދުވެރިކޮށް ދަރިޔަކު ހޯދަން ކިމް ނިންމީ އޭނާގެ ދެވަނަ ދަރިފުޅު ސެއިންޓަށް ބަލިވެ އިން އިރު ދިމާވި މައްސަލަތަކާ އެކު ދެން އިތުރަށް ބަނޑުބޮޑުވެއްޖެ ނަމަ ފުރާނަ އަށް ނުރައްކާ ވެދާނެ ކަމުގެ އިންޒާރު ޑޮކްޓަރުން ދިނުމުންނެވެ.