ބޮލީވުޑް އެކްޓަރު ބޮބީ ޑިއޮލް ގިނަ ދުވަސްތަކެއްގެ މެދުކެނޑުމަކަށްފަހު އެނބުރި ބޮލީވުޑަށް އައީތީ އުފާވާ ކަމަށް އޭނާގެ ބައްޕަ އަދި ބޮލީވުޑްގެ ކުޅަދާނަ ޕްރޮޑިއުސަރު ދަރްމެންޑްރާ ބުނެފިއެވެ.

ބޮބީ އެންމެ ފުރަތަމަ ބޮލީވުޑަށް ތައާރަފު ވެފައިވަނީ "ބަރްސާތު" ނަމަކަށް ކިޔާ ފިލްމަކުންނެވެ. އޭގެފަހުން 40ކަށް ފިލްމުން އޭނާ ފެނިެގެން ދިޔަ ނަމަވެސް ގިނަ ދުވަސްތަކެއް ވަންދެން އޭނާ ބޮލީވުޑް ފިލްމުތަކުން ފެނިގެން ގޮސްފައެއް ނުވެއެވެ.

ބައެއް ފަރާތްތަކުން އޭރުވެސް ބުނަމުން ދިޔައީ ބޮބީ ފިލްމީ ދާއިރާ ދޫކޮށްލީ ކަމަށެވެ. ނަމަވެސް ދާދިފަހުން ނިކުތް "ރޭސް 3" އިން އެކްޓަރު ސަލްމާން ޚާން އާއިއެކު ބޮބީ ފެނުމުން ގިނަ ބަޔަކަށް ވަނީ ސިހުން ގެނުވާފައެވެ.

ބޮބީގެ ބައްޕަ ދަމެންޑްރާ ބުނެފައިވަނީ ހިތްވަރު ކޮށްގެންވެސް އެނބުރި ފިލްމީ ދާއިރާއަށް ނިކުތީ އުފާވާ ކަމަށާއި މިއަދު މި ދާއިރާއަށް ނިކުތުމުން ބޮބީ އެވަނީ ހީވާގި މީހަކަށް ވެފައި ކަމުގައެވެ.

"ކޮންމެ މީހެއްގެ ހަޔާތުގައިވެސް އަންނާނެ އަރައިގަންނަން އުނދަގޫ ދުވަސްވަރެއް. އެކަމަކު ގަދަ ހިތްވަރާއެކު މަސައްކަތް ކުރީމަ ކުރިއަށް ދެވޭނެ. ފޭނުންގެ ސަޕޯޓްއާއި ހެދި ބޮބީ އަށް އަލުން ބޮލީވުޑަށް ނިކުންނަށް ހިތްވަރު ލިބުނީ. މިހާރު އޭނާގެ ލައިފްސްޓައިލް ބަދަލުވެ، އޭނާ އެ ވަނީ ހީވާގި މީހަކަށް ބަދަލުވެފަ. މިހާރު ބޮބީ ގިނަވަގުތު ހޭދަކުރަނީ ކަސްރަތު ކުރުމަށް ޖިމްގައި" ދަރްމެންޑްރާ ބުނެފައިވެއެވެ.

މިކަމާއި ގުޅިގެން ބޮބީ ބުނެފައިވަނީ އޭނާގެ ބޭބެއާއި ބައްޕަގެ ސަޕޯޓްވެސް ވަރަށް ބޮޑަށް ލިބުނު ކަމަށާއި އަބަދުވެސް ސަލްމާން ހިތްވަރު ދޭ ކަމަށެވެ. އަދި އެހާ ދުވަހަށްފަހު ފިލްމަކުން ފެނިގެންދިޔައީ ސަލްމާން ދިން ފުރުސަތަކުން ކަމަށާއި މުޅި އާއިލާއަށާއި މިކަމުގައި އެހީތެރި ވެދިން އެންމެންނަށް ޝުކުރުވެރިވާ ކަމަށެވެ.

ބޮބީ ދެން އެންމެ އަވަހަށް ފެނިގެންދާނީ "ޔަމްލާ ޕަގްލާ ދީވާނާ ޕިރް ސީ" ނަމަކަށް ކިޔާ ފިލްމަކުންނެވެ. މި ފިލްމުގައި އޭނާއާއިއެކު ދަރްމެންޑްރާގެ އިތުރުން ބޭބެ ސަނީ ޑިއޮލް ވެސް ފެނިގެންދާނެއެވެ.

ކިޔުންތެރިންގެ ހިޔާލު