މި މަހުގެ ފަސްވަނަ ދުވަހު މިވަނީ އަނެއްކާވެސް ބޮލޫވުޑް އިތުރު ފިލްމެއްގެ ޓްރެއިލާ އާންމުކޮށްފައެވެ. "ހެލިކޮޕްޓާރ އޭލާ" ނަކަށް ކިޔާ މި ފިލްމަކީ އެކަނިވެރި މަންމައަކު ދަރިއަކު ބަލާ ބޮޑުކުރުމަށް ކުރާ ބުރަ މަސައްކަތާއި އޭނާ ކުރާ ދިގު ދަތުރު ވަރަށް ރަނގަޅަށް ދައްކައިދޭ ފިލްމެކެވެ.

ފިލްމުގައި މަންމަގެ ރޯލުން ފެނިގެންދަނީ ދުވަސްގަނޑެއް ވަންދެން ބޮލީވުޑުން ނުފެނި ހުރެފައި، އަނެއްކާވެސް ފިޔަޖަހަން ފެށި އެކްޓްރެސް ކާޖޮލް ދޭވްގަންއެވެ.

ފިލްމުގެ ޓްރެއިލާއަށްފަހުވެސް، ފިލްމު ބަލާލާ ހިތުން، ފިލްމު ރިލީޒް ކުރާނެ ދުވަހެއްގެ އިންތިޒާރުގައި ކެތްމަދުވެފައި ތިބި ކުދިންނަށް މި ފަހަރު އޮތް އުފާވެރި ޚަބަރަކީ ފިލްމުން އެކްޓަރު އަމީތާބު ބައްޗަންވެސް ފެނިގެންދާނެ ޚަބަރެވެ.

"އަސްލު އަމީތާބު ފަދަ ހުނަރުވެރި މޮޅު އެކްޓަރަކު ބޭނުންވާ ސީންއެއް ފިލްމުގައި އިންނާނެ. އެހެންވެ، މުޅި ފިލްމުގެ ޓީމުންވެސް ތިބީ އަމީތާބަށް ފުރުސަތު ދޭން ތައްޔާރަށް. ދެން އަމީތާބު މީގެ ކުރިންވެސް އަހަރެންނާ އެކު މަސައްކަތް ކޮށްފައި ވާތީއާއި އޭނާ އަޖޭ އަދި ކާޖޮލްއާއިވެސް ރައްޓެހިވެފައި ގާތްވުމުން އޭނާވެސް މި ރޯލަށް އެއްބަސް ވީ. މިއީ މި ފިލްމުގައި އަމީތާބުގެ ވަރަށް ޚާއްސަ ފެނިލުމެއް" ޑައިރެކްޓަރު ޕްރަދީޕް ބުނެފައިވެއެވެ.

 

އަމީތާބާއި ކާޖޮލް އެކުގައި ފިލްމަކުން ފެނިގެންދާނެ މިއީ ފުރަތަމަ ފަހަރެއް ނޫނެވެ. މީގެ ކުރިންވެސް އެ ދެ ތަރިން ވަނީ "ކަބީ ކުޝީ ކަބީ ގަމް" ފަދަ އެތަކެއް ފިލްމްތަކަކުން ފެނިގެން ގޮސްފައެވެ.

މުހިންމު ރޯލުތަކުން އެކްޓްރެސް ނެހާ ދުޕިއަނާއި ރިއްދި ސެންވެސް ފެނިގެންދާ "ހެލިކޮޕްޓާ އޭލާ" ރިލީޒް ކުރަން ހަމަޖެހިފައިވަނީ އަންނަ ސެޕްޓެންބަރު މަހުގެ ހަތްވަނަ ދުވަހުގައި ކަމަށްވެސް ރިޕޯޓްތައް ބުނެއެވެ.