އޮސްޓްރިއާގެ ރައްޔިތުންނަށް އެގައުމުގެ ސިޔާސީ ލީޑަރުންނަށް އަމާޒުކޮށް ހަޑިހުތުރު ބަހުން މުއާމަލާތްކުރެވޭނޭކަމަށާއި އަދި އެއީ އެގައުމުގެ ގާނޫނުން ލިއްބައިދޭ އެބައެއްގެ އަމިއްލަ ޝުއޫރު ފާޅުކުރުމުގެ މިނިވަންކަމުގެ ދަށުން ލިބިދީފައި އޮންނަ ހައްގެއްކަމުގައި އެގައުމުގެ ކޯޓަކުން ހުކުމްކޮށްފިއެވެ. މިގޮތަށް ކޯޓުން ހުކުމްކޮށްފައިވަނީ އެގައުމުގެ  އެންމެ ބޮޑު އެއް ޕާޓީކަމުގައިވާ ފްރީޑޮމް ޕާޓީގެ ލީޑަރު ހެއިންޒް-ކްރިސްޓިއަން ސްޓްރާކޭ ކޯޓަށް ހުށަހެޅި މައްސަލައަކާއި ގުޅިގެންނެވެ.

ސްޓްރާކޭ ވަނީ އާންމު ބައެއް ފަރާތްތަކުން އޭނާއަށާއި އޭނާގެ ޕާޓީއަށް އަމާޒުކޮށް ހަޑިހުތުރު ބަހުން މުއާމަލާތްކުރާތަން ދައްކުވައިދޭ ވިޑިއޯއެއް އާންމުކޮށްފައިވާތީވެ އެ މައްސަލަ ބެލުމަށް ކޯޓަށް ހުށަހަޅާފައެވެ. ސްޓްރާކޭ އާއި އޭނާގެ ފްރީޑޮމް ޕާޓީގެ އިދިކޮޅު ފަރާތްތަކުން އުފެއްދި މި ވިޑިއޯ އަކީ އޮސްޓްރިއާގެ ގާނޫނުގައިވާ ގޮތުން އަމިއްލަ ޝުއޫރު ފާޅުކުރުމުގެ މިނިވަންކަމުގެ ދަށުން ލިބިދޭ ހައްގެއްކަމުގައި އޮސްޓްރިއާގެ މި ކޯޓުން ނިންމައިފައިވާއިރު ސްޓްރާކޭގެ ޕާޓީއަކީ އެގައުމުގެ ސަރުކާރުގެ މުހިންމު ދައުރެއްވެސް އަދާ ކުރާ ޕާޓީއެކެވެ.

މި މައްސަލައިގެ އިތުރުންވެސް ސްޓްރާކޭ އާއި ދެކޮޅަށް އޮސްޓްރިއާގެ ބްރޯޑްކާސްޓްކުރާ ކުންފުންޏަކުން ވަނީ މައްސަލައެއް ކޯޓަށް ހުށަހަޅާފައެވެ. މި މައްސަލައަކީ ބްރޯޑްކާސްޓްކުރާ އޯ.އާރް.އެފް ކުންފުންނާއި އެ ކުންފުނީގެ ޕްރެޒެންޓަރަކު ދޮގު ހަބަރު ފަތުރަމުންދާކަމަށް ސްޓްރާކޭ ވިދާޅުވުމާއި ގުޅިގެން އެކަމާއި ދެކޮޅަށް އޯ.އާރް.އެފް އިން ކޯޓަށް ހުށަހެޅި މައްސަލައެކެވެ. ސްޓްރާކޭގެ ފްރީޑޮމް ޕާޓީއަކީ އެގައުމުގެ ސަރުކާރުގެ ކޯލިޝަން އެއްބަސްވުމުގެ ދަށުން އޮސްޓްރިއާގެ އިންޓީރިއާރ، ފޮރިން އަދި ޑިފެންސް މިނިސްޓްރީ ހިންގުމާއި ހަވާލުވެ އޮންނަ ޕާޓީއެވެ.

 

ކިޔުންތެރިންގެ ހިޔާލު

1 ކޮމެންޓް

  1. ޑިމޮކްރަސީ: އިސްލާމްދީނާ ފުށުއަރަނީ މިހެންވެއެވެ.