ބޮލީވުޑްއަށް ބޮޑު އިންގިލާބެއް ގެނެސްދިން އެކްޓަރ އަދި ޕްރޮޑިޔުސަރ އަމީތާބް ބައްޗަން އާއި ކާޖޮލް ދޭވްގަން 17 އަހަރަށް ފަހު އެކުގައި ފިލްމަކުން ވަރަށް އަވަހަށް ފެނިގެންދާނެއެވެ.

އެ ދެތަރިން އެކުގައި އެންމެފަހުން ފެނިގެންދިޔައީ ކަރަން ޖޯހަރްގެ ފެމިލީ ޑްރާމާ ފިލްމު އަދި އެތަކެއް ބައެއް ރޮއްވާލި އަސަރުގަދަ ފިލްމު "ކަބީ ޚުޝީ ކަބީ ގަމް" އިން 2001 ވަނަ އަހަރު އެވެ. އޭގެ 17 އަހަރުފަހުން އަންނަ ސެޕްޓެމްބަރު މަހު ހަތެއްގައި ރިލީޒްކުރާ ކާޖޮލްގެ އާ ފިލްމު "ހެލިކޮޕްޓަރް އީލާ" އިން އަނެއްކާވެސް ދެ ތަރިން އެކުގައި ފެނިގެންދާނެ އެވެ.

"ހެލިކޮޕްޓަރް އީލާ" ގައި އަމީތާބް ފެނިގެންދާނީ ހާއްސަ ފެނިލުމަކުންނެވެ. އެގޮތުން ފިލްމުގެ ޑައިރެކްޓަރު ޕްރަދީޕް ސަރްކާރް ބުނީ ފިލްމުގެ ވަރަށް ހާއްސަ މަންޒަރަކުން އަމީތާބް ފެނިގެންދާނެ ކަމަށެވެ.

ހެލިކޮޕްޓަރް އީލާގައި ކާޖޮލް ކުޅެނީ އެކަނިވެރި މައެއްގެ ރޯލެވެ. އުމުރުން 44 އަހަރުގެ ކާޖޮލް އާއި އެކު މި ފިލްމުގައި ލީޑު ރޯލުން ފެނިގެންދާނީ ބޮލީވުޑްގެ ގައުމީ އެވޯޑު ހޯދާފައިވާ އެކްޓަރު ރިދީ ސެން އެެވެ. ރިދީ މި ފިލްމުގައި ކުޅެނީ ކާޖޮލްގެ ދަރިފުޅު ރޯލެވެ. އަދި އަމީތާބް ފަދައިން ހާއްސަ ރޯލަކުން ކުޅަދާނަ އެކްޓަރ ނޭހާ ދުޕިއާވެސް ފެނިގެންދާނެ އެވެ.

އެންމެފަހުން ބޮލީވުޑްގެ ފިލްމަކުން ކާޖޮލް ފެނިގެންދިޔައީ 2015 ވަނަ އަހަރު އެވެ. އެއީ ޝާހްރުކް ޚާންގެ ފިލްމު "ދިލްވާލޭ" އިންނެވެ. ކާޖޮލް އަކީ މަޝްހޫރު އެތަކެއް ފިލްމަކުން ފެނިގެން ގޮސްފައިވާ ތަރިއެކެވެ. އެގޮތުން ކުޗްކުޗް ހޯތާ ހޭ ފަދަ ފިލްމުތަށް ފާހަގަކޮށްލެވެއެވެ.

ކިޔުންތެރިންގެ ހިޔާލު