ހެނދުނު އޮފީހަށް ނުވަތަ ސްކޫލަށް ދިއުމަށް ނުވަތަ އެހެންވެސް ކަމެއް ކުރުމަށް އެލާމް ކުރުމަކީ ވަރަށް ގިނަ މީހުން ކުރާކަމެކެވެ. އެލާމްގެ އަޑަށް ވަގުތަށް ހޭލެވި ގަޑި ނުޖެހި ތަންތަނަށް ދިއުމަށް މަގުފަހި ވެއެވެ.

ނަމަވެސް އެލާމްވުމުން ސްނޫޒް ކޮށްލުމުން، ނުވަތަ އެލާމް ވަގުތީ ގޮތުން މެދު ކަޑާލާ ދެވަނަ ފަހަރަށް މަދު މިނެޓް ކޮޅެއްގެ ތެރޭގައި އެލާމްވާން ފުރުސަތު ދިނުމަކީ ވަރަށް ގިނަ މީހުން ކުރާ ކަމެކެވެ. ނަމަވެސް މިއީ ސިއްޙަތަށް އެހާ ފައިދާ ހުރި ކަމެއް ނޫނެވެ.

ބޮސްޓަންގެ ވޮމެން ހޮސްޕިޓަލްއިން ކުރި ދިރާސާއަކުން ދައްކާ ގޮތުގައި ސްނޫޒްއަށް ފިއްތުމަކީ މީހާގެ ހަށިގަނޑަށް ކޮންމެވެސް ގޮތަކުން ގެއްލުންތަކެއް ކުރިމަތިވާ ކަމެކެވެ. މިދިރާސާގައި ބުނެފައިވަނީ މިގޮތަށް ކަން ކުރުމުގެ ސަބަބުން މީހާގެ ހަށިގަނޑު ރަނގަޅަށް ދުވަހުގެ މަސައްކަތައް ނުހޭލާ ކަމަށާއި މިއީ މީހާ ވަރުބަލި ކޮށްލާ ކަމެއް ކަމަށެވެ.

އެލާމް ވާން ފެށުމުން މީހާގެ ހަށިގަނޑު ހޭލާ ކަމަށާއި އަދި ސްނޫޒްއަށް ފިއްތުމުން ދެވަނަ އެލާމާއި ދެމެދުގައިވާ 10 ވަރަކަށް މިނެޓްގައި ހަށިގަނޑު އިތުރު ނިދި ސައިކަލްއެއް ޤާއިމް ކުރުމަށް މަސައްކަތް ކުރާ ކަމަށް މި ދިރާސާގައި ބުނެފައިވެއެވެ، އަދި ނިދި ނުނިދި ހުއްޓާ މިގޮތަށް ދެވަނަ ފަހަރަށް އެލާމް ވުމުން، މީހާގެ ހަށިގަނޑު އިތުރަށް ނިދަން ބޭނުންވާ ކަމަށާއި އިތުރު ނިދި ހަށިގަނޑަށް ބޭނުންވާ ކަމަށް މިދިރާގައި ބުނެފައިވެއެވެ.

މިގޮތަށް އެލާމް ސްނޫޒްކޮށްލުމުން ވަގުތީ ހިތްހަމަޖެހުމެއް ލިބުނު ކަމުގައި ވީނަމަވެސް މުޅި ދުވަހު އެކަމުގެ ހިތި ތަޖުރިބާ ކުރަން ޖެހެއެވެ. މިހެން ކަމުން މިގޮތަށް ކަންކުރުމަކީ އެންމެ ބުއްދިވެރި ގޮތެއް ނޫނެވެ.

ކިޔުންތެރިންގެ ހިޔާލު