ގިނަ އިރު ނިދުމަކީ ސިއްޙީ ގޮތުން އެހާ ފައިދާ ހުރި ކަމެއް ނޫން ކަމަށާއި 8 ގަޑިއިރަށް ވުރެ ގިނަ އިރު ނިދާ މީހުން އަވަހަށް މަރުވުމުގެ ފުރުސަތު ބޮޑު ކަމަށް ދިރާސާއަކުން ދައްކައިފި އެވެ.

ޖާނަލް އޮފް އެމެރިކަން ހާޓް އެސޯސިއޭޝަންގައި ޝާއިރުކޮށްފައިވާ ދިރާސާ އެއްގައި ބުނެފައިވަނީ ގިނަ ވަގުތު ނިދާ މީހުންނާއި ބޮޑެތި ބަލިތަކުގައި މަރުވާ މީހުންނާއި ދެމެދުގައި ބޮޑު ލިންކްއެއް ވާކަމަށާއި ގިނަ ވަގުތު ނިދާ މީހުން އަވަހަށް މަރުވުމުގެ ފުރުސަތު ބޮޑު ކަމަށެވެ. އަދި ގިނަ ވަގުތު ނިދާ މީހުންނަށް ހިތުގެ ބަލިތައް ޖެހުމުގެ ފުރުސަތު ބޮޑު ކަމަށެވެ.

1970 ވަނަ އަހަރާއި 2017 ވަނަ އަހަރާއި ދެމެދު އަހަރު ތަކުގައި ހިތުގެ ބަލިތަކުގައި މަރުވި 3 ލައްކަ މީހުންގެ ޑޭޓާ ބޭނުންކޮށްގެން ހެދި މިދިރާސާގައި ބުނެފައިވަނީ 8 ގަޑިއިރުގެ ބަދަލުގައި 10 ގަޑިއިރު ނިދާ މީހުން ހިތް ހުއްޓިގެން މަރުވުގެ 30 އިންސައްތަ ޗާންސް ބޮޑު ކަމަށެވެ.

އަދި ހިތުގެ އިތުރު ބަލިތަައް ޖެހުމުގެ ފުރުސަތު 8 ގަޑިއިރަށް ވުރެ ގިނަ އިރު ނިދާ މީހުންގެ 56 އިންސައްތަ އިތުރު އިރު، ލޭ ހޮޅި ފަޅައިގެން ދިއުންފަދަ މައްސަލަަތައް އިތުރުވާ 35 އިންސައްތަ މީހުންނަކީ 8 ގަޑިއިރަށްވުރެ އިތުރަށް ނިދާ މީހުން ކަމަށްވެސް މިދިރާސާގައި ބުނެފައިވެއެވެ.

މާގިނައިން ނިދުމަކީ ހިތުގެ ބަލިތައް ޖެހުމަށް މަގުފަހިވާ ކަމެއް ކަމުގައިވާއިރު، 8 ގަޑި އިރުގެ ނިދި ނުލިބުމަކީ މީހާ މޮޔަކޮށްލާ ކަމެއްކަމަށްވެސް ފަހުގެ ދިރާސާއަކުންވަނީ ދައްކާފައެވެ.