އިންސްޓަގްރާމް އެކައުންޓްތަައް ހެކް ވާ ކަމުގެ ޝަކުވާތައް ހުށަހަޅަމުން ދާތީ ސަމާލުވުމަށް އިންސްޓަގްރާމްއިން އަންގައިފިއެވެ.

އިންސްޓަގްރާމްއިން ބުނެފައިވަނީ އިންސްޓަގްރާމް ބޭނުން ކުރަމުންދާ ގިނަ ފަރާތްތަކެއްގެ އެކައުންޓް ހެކްވަމުންދާ ކަމުގެ ޝަކުވާ ލިބެމުން އަންނަ ކަމަށާއި މިކަން ހައްލު ކުރުމަށް އިންސްޓަގްރާމްއިން މަސައްކަތް ތަކެއް ކުރަމުން އަންނަ ކަމަށެވެ.

އިންސްޓަގްރާމްއިން އިއްޔެ ނެރެފައިވާ ބަޔާނެއްގައި ބުނެފައިވަނީ އިންސްޓަގްރާމްއިން މިކަންތައް ހުއްޓުވުމަށްޓަކައި މަސައްކަތްތަކެއް ކުރަމުން އަންނަ ކަމަށާއި ވީހާވެސް ވަރުގަދަ ޕާސްވޯޑްއެއް ބޭނުން ކުރުމަށް އިންސްޓަގްރާމް ބޭނުން ކުރާ ފަރާތްތަކުގެ ކުރެން އެދޭ ކަމަށެވެ.

އަދި އެކައުންޓް ހެކްވުމުން އެހާ ބޮޑަށް ހާސްނުވެ، ހެކްވުމުން ކަންތައް ކުރަން ޖެހޭ ޕްރޮސީޖަރ އާ އެއްގޮތަށް ޢަމަލު ކުރުމަށްވެސް އިންސްޓަގްރާމްއިން ލަފާދެއެވެ.

ގިނަ ބައެއްގެ އިންސްޓަގްރާމް އެކައުންޓްތައް ހެކްވާ މައްސަލަ އިތުރުވެފައިވާއިރު، ހެކް ކުރުމަށްފަހު އެކައުންޓްގެ މައުލޫމާތު ޑީލީޓްކޮށްލައެވެ. އަދި ކާޓޫންއެއްގެ ފޮޓޯ ޕުރަފައިލްއަށް ލާ، ޕާސްވޯޑް ފަދަ ތަކެތި ބަދަލު ކުރާ ކަމަށް އެކައުންޓް ހެކްވެފައިވާ ފަރާތްތަކުން ބުނެއެވެ.

އިންސްޓަގްރާމްގެ އެކައުންޓްތައް ހެކްވަމުން އަންނަ އިރު ގިނަ ބަޔަކު ޤަބޫލު ކުރަނީ މިއީ ރަޝިޔާއިން ކުރަމުން އަންނަ ކަމެއްގެ ގޮތުގައެވެ.