އާފުރުމަކީ އަޅުގަނޑުމެންގެ ތެރޭގައި ވަރަށް އާންމު ކަމެކެވެ. ގިނަ މީހުން ގަބޫލުކުރާ ގޮތުގައި އާފުރެނީ ނިދި އައުމުންނެވެ. ނަމަވެސް ބައެއް ކަހަލަ ސިއްހީ މައްސަލަތަކުގެ ސަބަބުންވެސް އާފުރޭގޮތް މެދުވެރިވެއެވެ.

ގިނައިން އާފުރުމަކީ އާދައިގެ ކަމެއް ކަމުގައި ނުދެކޭށެވެ. އެކަމަކީ ބޮޑެތި ބަލިތަށް ޖެހުމުގެ ކުރިން ދެވޭ ސިގުނަލަކަށް ވެސް ވެދާނެއެވެ. ފަހުގެ ހޯދުންތަކުން ދަށްކާ ގޮތުގައ ގިނައިން އާފުރުމަކީ ސިކުނޑީގައި ޓިއުމަރެއް ހުރުމުގެ އަލާމާތެކެވެ. އަދި ސިކުނޑީގައި ޓިއުމަރު ހުންނަ މީހުން އަވަހަށް ވަރުބަލިވުމާއި ގިނައިން އާފުރޭ ކަމަށްވެސް ސައިންސްވެރިން ބުނެއެވެ.

ލޭގައި ހުންނަ ހަކުރުގެ ނިސްބަތް އިތުރުވެއްޖެ ނަމަ އާފުރުން ގިނަވާކަމަށް ސައިންސްވެރިން އިއްތިފާގުވެއެވެ. އަދި ފުރަމޭގެ ބަލިތަށް އުޅޭނަމަވެސް ގިނައިން އާފުރުމަށް މަގުފަހިވާ ކަމުގައި ސައިންސްވެރިން ބުނެއެވެ. ހާއްސަކޮށް ފުރަމޭއަށް އިންފެކްޓް ވުމުން އާފުރޭލެއް ގިނަވާނެއެވެ.

އިންސޮމޭނިއާ ނުވަތަ މާގިނައިން ނިދިއައުމަށް މަގުފަހިކުރުވާ ބަލީގެ ސަބަބުން ވެސް ގިނައިން އާފުރުމަށް މެދުވެރިވެއެވެ. ސަބަބެއްކަމުގައިވަނީ އިންސޮމޭނިއާގެ ސަބަބުން ހަށިގަނޑަށް ވަރުބަލިކަން އިހްސާސް ކުރުވާތީއެވެ.

އަދި ބައެއް ކަހަލަ ބޭސް އޮވާ ޑޯސް ވުމުން ވެސް ގިނައިން އާފުރުމަށް މަގުފަހިވާނެއެވެ. އާންމުގޮތެއްގައި އެންޓިޑިޕްރެސެންޓްސް، އެންތިސްޓޭމައިން ފަދަ ބޭސްތަށް އޯވާ ޑޯސްވެއްޖެ ނަމަ އާފުރުމަށް މަގުފަހިވާނެއެވެ.

އާދަޔާ ހިލާފަށް އާފުރޭނަމަ އެއީ ކިޑްނީގެ މައްސަލަތަށްވެސް ހުރި ކަމުގެ ނިޝާނެކެވެ. އެހެންކަމުން އާދަޔާ ހިލާފަށް ގިނައިން އާފުރޭކަން ފާހަގަވަނީ ނަމަ ލަސްނުކޮށް ސިއްހީ މާހިރެއްގެ ލަފާ ހޯދަން ވާނެއެވެ. އެހެންނޫން ކަމަށްވަނީނަމަ ތިމާ ހީވެސް ނުކުރާ ފަދަ ބަލިމަޑުކަމަކާއި ކުރިމަތިލާން ޖެހިދާނެއެވެ.