މޭގަން މާކެލްގެ ބައްޕަ ތޯމަސް މާކެލް އޭނާގެ ދަރިފުޅާއި ދަނބިދަރިފުޅު އަދި އިނގިރޭސިވިލާތުގެ ޝާހީ އާއިލާ އާއި ބެހޭ ގޮތުން ވާހަކަ ދައްކަމުން ގެންދަނީ ދަރިފުޅު ފަރާތުން ލޯތްބާއި އަޅާލުން ބޭނުން ވެގެން ނޫންކަމަށާއި އޭނާ އެގޮތައް އަމަލުތައް ބަހަައްޓަމުން ގެންދަނީ މަޝްހޫރުކަމާއި މީޑިއާގެ ސަމާލުކަން ހޯދަން ކަމަށް މީޑިއާ ރިޕޯޓްތައް ބުނެފިއެވެ.

މޭގަން ޕްރިންސް ހެރީ އާއި ކައިވެނި ކުރި ފަހުން ތަފާތު އިންޓަވިއުތައްދީ ބޮޑު ސަމާލުކަމެއް ހޯދާފައިވާ ތޯމަސްގެ އެންމެ ބޮޑު ޝަކުވާ އަކީ ކައިވެންޏަށް ފަހު މޭގަން އާއި ވާހަކަ ނުދެއްކުމެވެ. ފޯނުން ވެސް މޭގަން އާއި ބައްދަލު ނުވާކަމަށާއި އަދި އޭނާ އާއި ބައްދަލު ކުރުމުގެ ޝައުގުވެރިކަމެއް ޕްރިންސް ހެރީގެ ވެސް ނެތް ކަމަށް ބުނެ ތޯމަސް ވަނީ މޭގަން އާއި ޕްރިންސް ހެރީ އަށް ފާޑުކިޔާފައެވެ.

ނަމަވެސް ރިޕޯޓްތައް ބުނާ ގޮތުގައި 2011 ވަނަ އަހަރު މޭގަން ފިލްމް ޕްރޮޑިއުސަރެއް ކަމަށްވާ ޓްރޭވާ އެންގްލެސަން އާއި ކައިވެނި ކުރި ހަފްލާ އަށް ވެސް ތޯމަސް ނުދެއެވެ. އެކައިވެނި 2013 ވަނަ އަހަރު ރޫޅުނު އިރުވެސް އެންމެ ފަހަރަކު ވެސް ތޯމަސް އާއި ޓްރޭވާ ބައްދަލު ކޮށްފައެއް ނުވެއެވެ.

"ޓްރޭވާ އާއި ބައްދަލު ނުވެގެން ތޯމަސް އާއިލާ މީހަކު ކައިރީ ވެސް އަދި ރަހުމަތްތެރިއަކު ކައިރީ ވެސް އެވާހަކަ ދައްކާފައެއް ނެތް. ތޯމަސް އަކީ މޭގަން އާއި ބައެއް ފަހަރު ބައްދަލުވި މީހަކަށް ވީނަމަވެސް ތޯމަސް މޭގަން އާއި ބައްދަލު ކޮށްފައި ވަނީ ވެސް ވަރަށް މަދު ފަހަރަކު. އެއީ ފޯނުކޮށް އާންމުކޮށް ވާހަކަ ދައްކާ ބައެއް ނޫން. އެހެންވީމާ މިހާރު އެކަން މައްސަލައަކަށް ވާންވީ ސަބަބެއް ނޭނގޭ." ތޯމަސްގެ އެކުވެރިޔަކު ބުންޏެވެ.

ތޯމަސްގެ ބަހުގެ ހަމަލާތައް ހޫނުވުމުން މޭގަން މިހާރު އަންގާފައި ވަނީ ތޯމަސް އާއި ދެން ދުވަހަކު ވެސް ވާހަކަ ދައްކަނީ ތޯމަސް މޭގަން އަށް އިހްތިރާމް ކުރާ ކަމަށްވާނަމަ އެކަންޏެވެ.