އަންހެން ކުދިންނަށް އާއްމުކޮށް އުޅެންވީ ގޮތާއި ނޫޅޭވޭ ގޮތް މައިންބަފައިން ކިޔާދެއެވެ. އެ މީހުން ރައްކާތެރިކޮށް ބަލަހައްޓަން ވަރަށް ބޮޑު ސަމާލުކަމެއް ދޭ މައިންބަފައިންވެސް އުޅެއެވެ. އަދި ބައެއް މައިންބަފައިން އެ ކުދިންނަށް ކަންތައް ކުރަންވީ އެހެނިގެން ގޮތްތައްވެސް ކިޔާދޭއިރު، އެ ޓެކްނިކްތަކުގެ ބޭނުންކޮށްގެން ހަތަރު އަންހެން ކުދިން މި ވަނީ ސަލާމަތްވެފައެވެ.

އެމެރިކާގެ މިޝިގަންއަށް ނިސްބަތްވާ ހަތަރު އަންހެން ކުއްޖަކު ބޭރުގައި އުޅެނިކޮށް، ފިރިހެނަކު އައިސް އެ ކުދިންގެ ތެރެއިން އެންމެ ކުޑަކުއްޖާ ވަގަށް ނަގަން އުޅުނުއިރު، އެ ކުދިންގެ ހުރި ގަޓުކަން އެ ކުދިން ދެއްކިއެވެ.

މި މަހުގެ 10 ވަނަ ދުވަހު ހިނގި އެ ހާދިސާގައި، ލައުރެން އާއި އޭނާގެ ކޮއްކޮ އެލިސަން އާއި އެ މީހުންގެ ދެ ރަހުމަތެރިއަކު ބޭރުގައި އުޅެނިކޮށް ފިރިހެނަކު އެ ކުދިން ފަހަތުގައި އެޅުވާލިއެވެ.

އެ ކުދިން ދާހާތަނެއް ބަލަމުން އެ ކުދިންގެ ފަހަތުން ދިޔައެވެ. އެ ކުދިންނަށްވެސް އެކަން ފާހަގަވި ނަމަވެސް، ކުއްލިއަކަށް އައިސް އެ މީހާ އޭގެ ތެރެއިން އެންމެ ކުޑަކުއްޖާގެ އަނގަމަތީ އަތްއެޅިއެވެ. އޭނާ މަސައްކަތް ކުރީ އުމުރުން 11 އަހަރުގެ އެލިސަން ކިޑްނެޕް ކުރާށެވެ.

އެހެން ނަމަވެސް އެލިސަން އާއެކު ތިބި ދެންތިބި ތިން ކުދިން އޭނާ ސަލާމަތް ކުރުމަށް މަސައްކަތް ކުރިއެވެ. ބާރަށް ހަޅޭލައްވައިގަތެވެ. އަދި ބޯން ގެންގުޅުނު ކޮފީ ތަށިވެސް އެ މީހާގެ ގަޔަށް އަޅާލިއެވެ. އަދި އެ ހަތަރު ކުދިންވެގެން އޭނާއަށް ހޭ އަރުލާވާލިއެވެ. އަދި އެ މީހާ އެ ކުދިން ދޫކޮށްލާފައި ދިޔުމުން ފުލުހަށް ގުޅައި އެކަން ރިޕޯޓްވެސް ކުރިއެވެ. ލައުރެން ބުނީ، ނުރައްކާތެރިކަމެއް ދިމާވެއްޖެނަމަ ކަންތައް ކުރާނެ ގޮތް ބައްޕަ ކިޔާދީފައިވާކަމަށެވެ.

ފުލުހުން ވަނީ އެ މީހާ ހައްޔަރުކޮށްފައެެވެ.

ކިޔުންތެރިންގެ ހިޔާލު