އަންހެން ފުލުހަކަށް ޖިންސީ ގޯނާކުރި މައްސަލައެއް ފެންމަތިވުމާއި ގުޅިގެން މަޝްހޫރު ކުޅުންތެރިއަކު ކޯޓަށް ހާޒިރުކޮށް އޭނާއާއި މެދު ފިޔަވަޅު އަޅައިފިއެވެ.

މި މައްސަލަ އާއި ގުޅިގެން އިނގިރޭސިވިލާތުގެ ޖާޒީ މެޖިސްޓްރޭޓްސް ކޯޓުން ވަނީ އެޤައުމުގެ މަޝްހޫރު ރަގްބީ ކުޅުންތެރިޔާ ޑެނީ ސިޕްރިއާނީ ޖޫރިމަނާކޮށްފައެވެ. އޭނާ ޖޫރިމަނާކުރުމަށް ކޯޓުން ނިންމީ އަންހެން ފުލުހަކަށް ޖިންސީ ގޯނާކުރިކަން އޭނާގެ މައްޗަށް ސާބިތުވެ އަދި ފަހުން އެކަމަށް އޭނާ އެއްބަސްވެސް ވުމުންނެވެ.

އުމުރުން 27 އަހަރުގެ ޑެނީ އަންހެން ފުލުހަކަށް ޖިންސީ ގޯނާކުރީ ރަގްބީ މެޗެއް ކާމިޔާބުވުމާއި ގުޅިގެން ޓީމުން އުފާފާޅުކުރުމަށް ހަފްލާއެއް ބޭއްވި ރިސޯޓެއްގައި ހަރަކާތްތެރިވަމުން ދިޔަ ފުލުހަކަށެވެ. އެގޮތުން އެ އަންހެން ފުލުހުން މީހާގެ ގައިގައި ބައްދައި އޭނާއަށް އެނޫން ގޮތްގޮތުންވެސް ޖިންސީ ގޯނާކުރިކަން ޑެނީގެ މައްޗަށް ސާބިތުވެއެވެ. ހަމަ އެހެންމެ ފުލުހެއްގެ ދައުރު އަދާކުރުމަށް ހުރަސްއެޅުމުގެ ކުށުވެސް ޑެނީގެ މައްޗަށް ވަނީ ސާބިތުވެފައެވެ.

މި ދެ ދަޢުވާ އާއި ގުޅިގެން ޑެނީ ވަނީ 2000 ޕައުންޑާއި 250 ޕައުންޑުން ޖޫރިމަނާކޮށްފައެވެ. ކޯޓުން މި ޙުކުމް ކުރުމާއި އެކު ޑެނީ ބުނެފައިވަނީ، އޭނާ ކުރީ ކުށެއްކަން ޤަބޫލުކުރާ ކަމަށާއި، އަދި އެކަމާއި ގުޅިގެން ކޯޓުން ނިންމި ނިންމުމަށް އިޙްތިރާމްކުރާ ކަމަށެވެ. މި މައްސަލައިގައި ޑެނީގެ ފަރާތުން ޖިންސީ ގޯނާ ލިބުނީ ކާކަށް ކަމެއް އެއްވެސް އިދާރާއަކުން ހާމަކޮށްފައެއް ނުވެއެވެ.

މި މައްސަލަ އާއި ގުޅިގެން ޑެނީ ނިސްބަތްވާ އިންގްލޭންޑުގެ ޓީމުން ބުނެފައިވަނީ އެފަދަ ކަންކަމުގެ ސަބަބުން ޑެނީ ހިއްވަރު އެލުވައިނުލާނެ ކަމަށާއި، ކުރިއަށް އޮތްތަނުގައި ވެސް ޑެނީގެ ފަރާތުން ފެނުނު ކުޅުން ފެންނަމުންދާނެ ކަމަށެވެ. އަދި މި ދަނޑިވަޅުގައި ޑެނީއަށް ހިއްވަރުދެމުންދިޔަ އޭނާގެ ފޭނުންނަށް ޝުކުރުއަދާކުރާ ކަމަށް ވެސް އެ ޓީމުން ވަނީ ބުނެފައެވެ.