ގަނާ (ބުލީ)ގެ ޝިކާރައަކަށްވީ ޒުވާން ނަރުހަކު އަމިއްލައަށް ދަންޖެހިގެން މަރުވެއްޖެއެވެ.

އިނގިރޭސިވިލާތުގެ ވޭލްސްއަށް ނިސްބަތްވާ އުމުރުން 30 އަހަރުގެ ރިއާން ކޮލިންސް ނަމަކަށްކިޔާ އެ ނަރުސް ދަންޖެހިފައި ހުއްޓާ ފެނުނީ ސްވަންސީ ސިޓީގައި ހުންނަ އެނާގެ ގެއިންނެވެ. އޭނާ ދަންޖެހިފައި ހުއްޓައި ފެނުނުއިރުވެސް މަރުވެފައިވާއިރު، އެންމެ ފުރަތަމަ އެމަންޒަރު ފެނުނީ ރިއާންގެ ލޯބިވެރިޔާއަށެވެ.

ދެކުދިންގެ މަންމައެއް ކަމަށްވާ ރިއާންގެ މަރުގެ މައްސަލަ ފެންމަތިވުމާއި ގުޅިގެން ފުލުހުން ޚާއްސަ ތަހުޤީޤެއް ހިންގަމުންދާއިރު، މިހާތަނަށް ހޯދި ހޯދުންތަކުން އެނގިފައިވަނީ އޭނާ ދަންޖެހުނީ، އެކުގައި ހޮސްޕިޓަލުގައި މަސައްކަތްކުރާ ނަރުހުން އޭނާއަށް ގަނާކުރަމުންދާތާ ދުވަސްތަކެއްވެފައި ވަނިކޮށް ކަމެވެ. ނަމަވެސް މިކަމާއި ގުޅިގެން އެމީހުނާއި މެދު އަދި ފިޔަވަޅެއް އެޅިކަމެއް އެނގިފައެއް ނުވެއެވެ.

"ރިއާންއަށް ވަޒީފާގެ މާހައުލުގައި މައްސަލަތަކާއި ކުރިމަތިވެފައިވާކަން ތަހުޤީޤަށް ވަނީ ފާހަނގަކުރެވިފައި. އެގޮތުން ތަކުރާރުކޮށް ބައެއް އެހެން ނަރުހުންގެ ގަނާގެ ޝިކާރައަކަށް އޭނާ ވަނީ ވެފައި. ހަމަ އެހެންމެ ރިއާންއަށް ހަމަޖައްސަމުން އައީ އަބަދު އެއް ޑިއުޓީތަކެއްކަމާއި، އެއީ އޭނާއަށް އެންމެ އުނދަގޫ 'ޝިފްޓު'ކަން ތަހުޤީޤަށް ވަނީ އެނގިފައި،" މި މައްސަލަ ތަހުޤީޤުކުރާ ޓީމުގެ އިސް އޮފިޝަލަކު ނޫސްތަކުގައި ބުނެފައި ވެއެވެ.

މި ހާދިސާ އާއި ގުޅިގެން ރިއާންގެ ލޯބިވެރިޔާ ބުނެފައިވަނީ، މަސައްކަތުގެ މާހައުލުގައި މުވައްޒަފުންގެ ފަރާތުން ބަދުބަސްތަކާއި ކުރިމަތިވެ ގަނާގެ ޝިކާރައަކަށް ވެފައިވާތީ ރިއާން ޝަކުވާކުރާ ކަމަށައި، އަދި އެކަމުގެ ސަބަބުން ދުނިޔޭގައި އުޅެން ބޭނުންވެސް ނުވާކަމަށް އެނާ ކުރިން ބުނެ އުޅުނު ކަމަށެވެ. އޭނާ ބުނީ ރިއާން ދަންޖެހިފައި ހުއްޓާ ފެނުނީ ދޮރުނުހުޅުވައި މާގިނައިރުވުމުން އެތެރެއަށް ވަދެ ބެލުމުން ކަމަށެވެ. ނަމަވެސް އޭރު އޭނާ ދުނިޔެއާއި ވަކިވެއްޖެކަން އެނގުނު ކަމަށް ރިއާންގެ ލޯބިވެރިޔާ ވަނީ ބުނެފައެވެ.

މި މައްސަލަ އިނގިރޭސި ފުލުހުންނާއި ކަމާއިބެހޭ އެހެން އިދާރާތައް ގުޅިގެން މިހާރު އިތުރަށް ބަލަމުންދާއިރު، މި މައްސަލަ އާއި ގުޅުންހުރި ބައެއް ނަރުހުން ވަޒީފާއިން ވަކިވެފައިވާ ކަމަށްވެސް ރިޕޯޓްތައް ބުނެއެވެ.