ކިނބުލެއްގެ ބޮލުގައި ފިރުމަން އިން މީހަކަށް ހިތުން ނުފިލާވަރުގެ ލަނޑެއް ލިބިއްޖެއެވެ.

ނުރައްކާތެރި ޖަނަވާރުންގެ ލިސްޓުންވެސް އެންމެ ކުރީގައި އުޅޭ ވައްތަރުގެ ކިނބުލެއްގެ ބޮލުގައި ފިރުމަން އިން އިންޑިއާއަށް ނިސްބަތްވާ އެ މީހާގެ އަތުގައި ކިނބޫ ދަތްއެޅީ ހަމަ ކުއްލިއަކަށެވެ. އެ މަންޒަރު ފެންނަ ވީޑިޔޯ މީސް މީޑިއާގައި މިހާރު ދަނީ ދައުރުވަމުންނެވެ.

އެ ވީޑިޔޯ އިން ފެންނަނީ ފެންގަނޑެއްގެ ތެރޭގައި އޮތް ކިނބުލެއް ކައިރީ އެ މީހާ ހަމަޖެހިލައިގެން އިށީންނަ މަންޒަރެވެ. އަދި އެ ކިނބޫގެ ބޮލުގައި މަޑުމަޑުން ފިރުމަމުން ދަނިކޮށް ކުއްލިއަށް ކިނބޫ އެ މީހާގެ އަތުގައި ދަތްއަޅާ މަންޒަރު ފެނެއެވެ. އަދި އެ ކިނބޫ އެ މީހާގެ އަތުގައި ދަތް އެޅުމާއެކު ގިނަ ޢަދަދަކަށް އޭނާގެ އަތުން ލޭ ފައިބާ މަންޒަރު ވީޑިޔޯއިން ފެނެއެވެ.

މި ހާދިސާގައި އެ މީހާއަށް އިތުރު އަނިޔާއެއް ނުވެ ސަލާމަތްވީ ހަމަ ކިރިޔާއެވެ. އެއީ އެވަގުތު އިތުރު ބަޔަކު އެ ސަރަޙައްދުގައި އުޅުމާއި އެކު އެމީހުން ކުރި މަސައްކަތުންނެވެ. މި ހާދިސާ ހިނގި ވަގުތު ގިނަ ޢަދަދެއްގެ ބަޔަކު ހަޅޭލަވާ އަޑުވެސް ވީޑިއޯއިން އިވެއެވެ. ނަމަވެސް އެ މީހުން ކިނބޫ ހިފުމުގެ ކުރިން އެސޮރު ފެންގަނޑުތެރެއަށްދާ މަންޒަރު ވީޑިޔޯއިން ފެނެއެވެ.

އެ ވީޑިއޯ މީސް މީޑިއާގައި ދައުރުވާން ފެށުމާއެކު އެތައް ބަޔަކު ދިޔައީ އެ މީހާ ކުރިކަންތަކުން ނުރުހުން ފާޅު ކުރަމުންނެވެ. އެގޮތުން އެއްބަޔަކު ބުނީ، އެފަދަ ނުރައްކާތެރި ޖަނަވާރުތަކާއި ކައިރީގައި އެއްވެސް ތަމްރީނެއް ނެތި އުޅުމަކީ ނުރައްކާތެރި ކަމަކަށްވާއިރު، އެފަދަ ކަމެއްގެ ހިނގުމުން އެކަމުގެ ހިތާމަ ގިނަ ބަޔަކު ކުރަން ޖެހޭނެކަން އެނގެންޖެހޭ ކަމަށެވެ. މި ހާދިސާ އާއި ގުޅިގެން އޭނާ އާއި މެދު ފިޔަވަޅެއް އެޅުމަށް ނިންމާފައިވާކަމެއް އަދި އެނގިފައި ނުވީނަމަވެސް، ބައެއް ފަރާތްތަކުން ދަނީ އޭނާ ހައްޔަރުކުރުމަށް ގޮވާލަމުންނެވެ.

ކިޔުންތެރިންގެ ހިޔާލު